ދިވެހި ޕްރިމިއާ ލީގު: ފަހު ވަގުތު ހަމްޕު ޖެހި ގޯލުން މާޒިޔާ އިން އޮޑި ބަލިކޮށް ރެކޯޑް ދަމަހައްޓައިފި ދިވެހި ޕްރިމިއާ ލީގު: ފަހު ވަގުތު ހަމްޕު ޖެހި ގޯލުން މާޒިޔާ އިން އޮޑި ބަލިކޮށް ރެކޯޑް ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަމްޒާ މުހައްމަަދު (ހަމްޕު)، ފަހު ވަގުތު ޖެހި ގޯލުން 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް ރެކޯޑް ދަމަހައްޓައި، އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.
މި ނަތީޖާއާ އެކު، މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް ދަންމާލީ ހަތް ވަނަ މެޗުން މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. އޮޑި ކުރީގައި އޮތީ ޖެހި ގޯލުންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނެވެ. އެ ގޮތުން، އޮޑި އަށް ކުޅޭ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް އާއި އަހުޒަމް ރަޝީދު (އަހު) އާއި މުޒްދާން ހަސަން އަށް ލިބުނު ބޯޅަތަކުގައި އެޓޭކްކުރެވޭތޯ ބެލިއިރު، މާޒިޔާގެ ޕޯޗުގީސް ޑިފެންޑަރު، ލުއިޒް އަލްމައިޑާ އާއި ކީޕަރު ހުސެއިން ޝަރީފް (ކީޕަރު ހުސެން) ވަނީ ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފުގައި މާޒިޔާ އިން ގިނަ އެޓޭކްތަކެއްކޮށް އޮޑީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ހަމްޕު އާއި ގާނާގެ މިޑްފީލްޑަރު، ރޭގަން އޮބެން ފޮނުވާލި ހަމަލާތައް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.
އިތުރު ވަގުތުގެ ގޮތުގައި ދިން ފަސް މިނިޓްގެ ތެރެއިން، ހަތަރު ވަނަ މިނިޓްގައި އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި، ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު މަތަކުރި އެެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، ހަމްޕު އަށް ލިބުނު ފުރުސަތުގައި، މި ފަހަރު އޭނާ ވަނީ ކީޕަރު ޝަފީއު ކައިރިން ނައްޓާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ހަމްޕު، އެ ބޯޅަ ކޮންޓްރޯލް ކުރިއިރުު، އޮޑީގެ ކުޅުންތެރިން ތިބީ އޮފްސައިޑް ކަމަށް ބަލައިގެންނެވެ. އެކަމަކު، ރަނގަޅު ތަނުގައި ހުރެ، ލިބުނު ފުރުސަތުގެ ބޭނުންހިފައި ހަމްޕު ވަނީ މާޒިޔާ މޮޅުކޮށްދީފަ އެވެ.
މިއީ، މި ފަހަރުގެ ލީގުގައި އޮޑި ބަލިވި ފުރަތަމަ މެެޗެެވެ. މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އޮޑިން ލީގުގައި އަންނަނީ ސްޕެއިނުގެ ކޯޗު، އަންދްރޭ ގާސިއާގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުންނެެވެ. އަނެއްކޮޅުން، މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން މި ފަހަރުގެ ލީގު ކަޕާއި ޗެރިޓީ ޝީީލްޑް ކާމިޔާބުކޮށް، ލީގުގައި މި އަންނަނީ މޮޅުވުމުގެ ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ