މީހަކު ދެކެ ލޯބިވުމަކީ ތިމާގެ އިޙްޞާޞްތަކާއި ގުޅުވައިގެން ކުރާ ކަމަކަށް ހަދައިފިނަމަ މައްސަލަ ޖެހުން ވަރަށް ގާތްވާނެއެވެ. ސަބަބަކީ ކޮންމެ މީހެއްގެވެސް އިޙްޞާޞްތަކަކީ ބަދަލުވަމުންދާނެ އެއްޗެކެވެ. އެއްދުވަހު މަތިވެފައި އަނެއް ދުވަހު ކުޑަވެދާނެއެވެ. ގިނަ ދުވަސްވުމުންވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ވީމާ ލޯބިވާންޖެހޭނީ ތިމާގެ އަމިއްލަ އިޙްޞާޞްތައް ބޭނުންވެގެނެއް ނޫނެވެ. އަނެކާގެ ކިބައިގައި ހުންނަ ތިބާ ބޭނުންވާ ސިފަތަކަށެވެ. އެއިރުން އެސިފަތައް އެމީހާގެ ކިބައިގައި ހުންނަހައި ދުވަހަކު ލޯތްބަށް ބަދަލެއް ނުއަންނާނެއެވެ. މާނައަކީ ފުރިހަމަ މާނައިގައި ތިބާ އެނާދެކެ ލޯބިވާހައި ދުވަހަކު އޭނާގެ ކިބައިން ތިބާއަށް ލިބެންޖެހޭ ލޯތްބަކަށް ބަދަލެއް ނުއަންނާނެއެވެ.
މިޘާލަކަށް އޭނާ ރީތިކަމުން ލޯބިވާނަމަ އޭނާއަށްވުރެ ރީތި މީހަކު ފެންނައިރަށް ލޯތްބަށް ބަދަލުތަކެއް އަންނާނެއެވެ. ނަމަވެސް އޭނާގެ ހިތްހެޔޮކަމާއި ރިވެތި އަޚްލާޤީ ސިފަތައް ދެކެ ލޯބިވެއްޖެނަމަ އެސިފަތައް އޭނާ ދަމަހައްޓާހައި ދުވަހަކު ލޯތްބަށް ބަދަލެއް ނުއަންނާނެއެވެ. ބަދަލު އަންނާނީ އެސިފަތައް އޭނާ ބަދަލުކޮށްފިނަމައެވެ.
ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ލޯބީގެ ގުޅުމަށް ބުރޫ އަރާ އެންމެ ބޮޑު އެއްމައްސަލައަކީ މީހަކު ފެނުމުން ތިމާއަށް ކުރެވޭ އިޙްޞާޞްތައް ކުރިއަށް ނެރެގެން އެމީހަކު ދެކެ ލޯބިވެ، ކައިވެނިކުރާތީއެވެ. ކައިވެނިކުރާތަނުން އިޙްޞާޞްތަކަށް ބަދަލު އަންނާތީއެވެ.
މިއީ މުސްލިމުން ނޫން މީހުން ބުނެފައި ހުންނަ ވާހަކަތަކެވެ. މުސްލިމުންނަށް ބަލައިފިނަމަ މިވާހަކަތައް ހަމަ މިގޮތަށް ބަޔާންކުރަނީ އެހެން ޢިބާރާތަކުންނެވެ. އެހެނީ ދީނުގައި އޮތީ މީހާގެ ދީންވެރިކަމަށް އިސްކަން ދިނުމަށެވެ. ރިވެތި އަޚްލާޤަށް އިސްކަން ދިނުމަށެވެ.
މި ދެކަންތަކަކީވެސް މީހާގެ ސިފައާއި ގުޅިފައިވާ ކަންކަމެވެ. ބައިވެރިޔާއަކީ އަންހެނަކު ނަމަވެސް ފިރިހެނަކުނަމަވެސް ދީންވެރިކަމާއި ރިވެތި އަޚްލާޤްގެ މަތީގައި ހުރިނަމަ ކައިވެނީގައި މައްސަލަޖެހުން ވަރަށް ބޮޑުތަނުން މަދުވެގެންދާނެއެވެ!
- އަލަފް / މިއަދުނޫސް
ބައިވެރިޔާގެ ކިބައިން ލިބޭ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ ގޮތް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ