ވަޒީފާއަށް އެދުމުން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމު ހުށަހެޅުމުން ވެސް އޭގެ ބަދަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ކްރޫއިންނަށް ވާން ބައެއް މީހުން އެދިފައިވާ ކަމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަހްމަދު ސަލީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީއަށް އެފްއެސްއެމް ހާޒިރުކުރި ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު، ސަލީމް ވިދާޅުވީ އެފްއެސްއެމްގެ ބޯޓު ކްރޫއިންނަށް ވާން ބޭނުންވާ ގިނަ ބަޔަކު ވަޒީފާ ހޯދުމަށް އެދުމުން އެމީހުންނަށް ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ) އިން ފެށިގެން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމު ހުށަހެޅުމުން ވެސް ބޭނުންވަނީ އެފްއެސްމެގެ ކްރޫއަކަށްވާން ކަމަށެވެ.
"އަޅުގަނޑުމެން މެންބަރުން ކައިރިއަށް އެންމެ ގިނައިން މިއަންނަނީ އެފްއެސްއެމްގެ ބޯޓަކަށް އެރޭތޯ އެނގޭތޯ. ވަރަށް ގިނަ މީހުން އެބަ އަދޭ އެނގޭތޯ. ދެން އަޅުގަނޑުމެން އެމީހުންކުރެން އެބަ އަހަން އަޅުގަނޑުމެން ދީފާނަމޭ [އެހެން ތަނަކުން]، ތިއީ ވަރަށް އުނދަގޫ ތަނެކޭ މީހަކު ވައްދަން،" ސަލީމް ވިދާޅުވި އެވެ.
"އެހެންވީމަ ސްޓޭޓް މިނިސްޓަރުކަން ނޫނީ އެސްޕީޑީއެއް ނޫނީ މިކަހަލަ ރަނގަޅު މަގާމެއް ވެސް ލިބިދާނެއޭ. ހަމަ ބުނާއިރަށްވެސް ބުނަނީ އެއްގޮތަކަށް ވެސް ތިމަންނަމެން ބޭނުމެއް ނޫނޭ ތި މަގާމެއް. ހަމަ ބޭނުންވަނީ ބޯޓަކަށް އަރާށޭ."
ސަލީމް ވިދާޅުވީ ކްރޫއިންނަށް ވުމަށް ގިނަ ބަޔަކު ޝައުގުވެރިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެފްއެސްއެމްގެ ކްރޫއަކަށް ވެގެން ހަފްތާއަކު ދޮޅު ލައްކަ ރުފިޔާ ވެސް ލިބޭ ކަމަށް ބުނެފައިވާ ކަމަށެވެ.
"ދެން އަޅުގަނޑު އެއް ދުވަހަކު ކުއްޖަކާ ސުވާލުކޮކުރިން ކީއްވެގެންތޯ އެހާ ބޮޑަށް ތި ބޯޓެއް ކަނޑު އެހާ ގަދަ އިރުގައި ކޮންމެހެން ދަތުރުކޮށްފައި ދާން ބޭނުންވަނީ. ބުނީމަ ބުނީ އެތަނަށް ދިޔާމަ ވަރަށް ގިނަ ލާރި ލިބެއޭ. ކިހާވަރެއް ލިބޭހޭ އެހީމަ ބުނީ ހަފްތާއަކު ލައްކައެއް ދޮޅުލައްކައެއްހާ ރުފިޔާ އެބަ ލިބެއޭ މީހަކަށް،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު، ފާތިމަތު އާޝާން އިއްޔެ ވިދާޅުވީ ތެލުން ކުރާ ވައްކަން ހުއްޓުވަން އެ ކުންފުނިން ގިނަ މަސައްކަތްތަކެއްކޮށް ބައެއް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކަސްޓަމަރުންގެ ބޯޓުތަކުގައި ތިބޭ ކްރޫއިން ވެސް ކޮންމެ ތިން މަހަކުން ރޮޓޭޓް ކުރަން އެދިފައިވާ ކަމަށާއި އެގޮތަަށް އެފްއެސްއެމް އިން ވެސް އަމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޗިޓު ފޮނުވާ ހިސާބުން އެއްވެސް ބޭފުޅަކު އޭނާއަށް ނުގުޅުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި ވައްކަންތައް ހުއްޓުވޭނީ އޭރުން ކަމަށް އާޝާން ވިދާޅުވި އެވެ.
އެފްއެސްއެމް އިން ވިއްކާ ތެލުން މުވައްޒަފުން ކުރާ ވައްކަންތައް ހުއްޓުވަން 21 ބާޖެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
ސްޓޭޓް މިނިސްޓަރުކަން ހުށަހެޅީމަ ވެސް އެފްއެސްއެމްގެ ކްރޫއަކަށްވާން އެބަ ބޭނުންވޭ: ސަލީމް ސްޓޭޓް މިނިސްޓަރުކަން ހުށަހެޅީމަ ވެސް އެފްއެސްއެމްގެ ކްރޫއަކަށްވާން އެބަ ބޭނުންވޭ: ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ