މިދިޔަ އާދީއްތަ ދުވަހު ކާގޯ ބޯޓަކުން އެކްސްކެވޭޓަރެއް ބާލަން އުޅުމުގެ ތެރޭގައި، އެ އެކްސްކެވޭޓަރު އެރުވި ކޮޅުވެއްޓި ބަންޑުން ޖަހާލައި އެމްޕީއެލްގެ ދެ މުވައްޒަފުން ނިޔާވި ހާދިސާގައި ހިމެނޭ ކޮޅުވެއްޓިއަށް އެ ކުންފުނީގެ މުވައްޒަފުން އެރުވީ ބަންޑުން ޖަހާލުމުގެ ފުރުސަތު އޮއްވާ ކަމަށް އެމްޕީއެލްއިން މިއަދު އެއްބަސްވެއްޖެ އެވެ.
އެމްޕީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހާދިސާއާ ގުޅިގެން ހެދި ތަހުގީގުގެ ހޯދުންތަކުން ކޮޅުވެއްޓީގެ މުދާ ބަރުކުރާ ޑެކުގައި ލަކުޑި އަޅާފައި ނެތުމާއި ދަގަނޑު ޑެކެއް އޮތުމުން އެކްސްކެވޭޓަރުފަދަ ތަކެތި ބަރުކޮށް އެއާއެކު ދަތުރުކުރާއިރު ކަހާލައި ބަންޑުން ޖަހާލުމުގެ ފުރުސަތު އޮތްކަން ފާހަގަވި ކަމަށެވެ.
"ލޭންޑިން ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް،" އެމްޕީއެލްގެ ހޯދުންތަކުން ދައްކާ ކަމަށް ބުންޏެވެ.
"އަނެއްކާ ވެސް ލޭންޑިކް ކްރާފްުގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓު ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު،" އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކްސްކެވޭޓަރު ބާލަން އުޅުނީ ބަނދަރާ ކައިރި ކޮށްފައި އޮތް ބޯޓަކުން، އައި އެންޑް ސީ ހަލީމާ ނަމަކަށް ކިޔާ ކޮޅުވެއްޓިއަށް އަރުވައިގެންނެވެ. އަދަދު އަށް ޔަގީންވެފައިވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލަން ދިމާވި މައިގަނޑު ސަބަބަކީ އޭގެ ތެރޭގައި އެކްސްކެވޭޓަރު ދުއްވުމެވެ.
އެ ބާވަތުގެ އޮޕަރޭޝަންތަކަށް އާންމުކޮށް ކިޔަނީ "ލިފްޓިން އޮޕަރޭޝަން" އެވެ. މަސައްކަތެއް ކުރާ ނަމަ ސޭފްޓީ ޗެކެއް ހެދުން ލާޒިމެވެ. ނަމަވެސް މި އޮޕަރޭޝަން ކުރިއަށްގެންދިޔައިރު އެފަދަ ޗެކެއް ހަދާފައިނުވާކަން މި ނޫހަށް ޔަގީންވެ އެވެ. އަދި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ގިނަ މީހުންނަކީ ސޭފްޓީ ތަމްރީނު ހަދާފައިނުވާ މީހުންކަން ވެސް އެނގިފައިވެ އެވެ.
"މިއީ ވަރަށް ބޮޑެތި އިހުމާލު. ސޭފްޓީގެ އެއްވެސް ކަމެއް އެމްޕީއެލްގައެއް ނެތް. މި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރަންޖެހޭ. ކޮންމެ ފަހަރަކު ވެސް ހަމަ އެއްކަމެއް ގޯސްކޮށް ކޮށްގެން އެތައް ބަޔަކަށް ނިޔާވެގެން މި ދަނީ،" އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ ތަޖުރިބާކާރު އިބްރާހިމް ޒާހިރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އެމްޕީއެލް އިން ހިންގާ މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުމުގެ އޮޕަރޭޝަންތަކުގައި އެ އުޅަނދުގައި މުދާ ބަހައްޓާއިރު ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ކަށަވަރުކޮށްދޭން ޖެހޭނީ އުޅަނދުގެ ކެޕްޓަން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން އެމްޕީލް އިން ބުނީ ކެޕްޓަނުގެ އިރުޝާދާ އެއްގޮތަށް ދެ އެކްސްކެވޭޓަރު ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު، ކޮޅުވެއްޓީގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި އެކަމަށް ބޭނުންކުރި އާލަތްތައް ކާގޯ ބޯޓުން ނެގި ކަމަށެވެ.
ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައި ނުވާ މީހަކަށްވާއިރު، އޭނާ އަތުގައި އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސާއި ނިޔަމިކަމުގެ ސެޓްފިކެއްޓެއް ވެސް ނެތެވެ.
ނަމަވެސް މަސައްކަތް ނިންމާލި ފަހުން ކޮޅުވެއްޓީގެ ކެޕްޓަންްގެ އެދުމުގެ މަތިން އޭގެ ކުރީކޮޅުގައި ހުރި އެކްސްކެވޭޓަރު ޕޯޓު ފަރާތަށް ޖެއްސުމާ ގުޅިގެން އެ އުޅަނދު އަރިއަޅާލައި ބަންޑުން ޖަހާލަން ދިމާވި ސަބަބު ކަމަށް ދެނެގަނެވިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި އެމްޕީއެލްގެ 10 މުވައްޒަފުން ތިއްބެވެ. އެ ހުރިހާ މުވައްޒަފުން ވެސް އެ ގަޑީގައި ވަނީ މޫދަށް ފުންމާލާފަ އެވެ. މުވައްޒަފުން ކޮޅުވެއްޓީގައި ތިބީ މަސައްކަތް ނިންމާލުމަށްފަހު އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަން ޖެހޭ ޓަގު ބޯޓަށް ދިޔުމަށެވެ.
މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުމަކީ އެމްޕީއެލްއިން އަމަލުކުރާ ގަވާއިދުތަކާއި އުސޫލުގެ ތެރެއިން ބަލަން ޖެހޭ ކަމަކަށް ނުވިޔަސް، އުސޫލު މުރާޖައާކޮށް އެކަން ވަނީ ބަދަލުކޮށްފަ އެވެ.
އެމްޕީއެލް އިން ހިންގާ މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުމުގެ އޮޕަރޭޝަންތަކުގައި މިހާރު އަމަލުކުރާ އުސޫލުތައް ވަނީ މުރާޖާކޮށްފަ އެވެ.
ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި 14 މީހަކު ތިއްބެވެ. ހާދިސާގައި ނިޔާވީ އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ، 25، އާއި ބަންގްލަދޭޝަށް ނިސްބަތްވާ މަސްއޫދު ހުސެއިން، 32، އެވެ.
ކޮޅުވެއްޓިއަށް މުވައްޒަފުން އެރުވިއިރު ބަންޑުންޖަހާލުމުގެ ފުރުސަތު އޮތް ކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ ކޮޅުވެއްޓިއަށް މުވައްޒަފުން އެރުވިއިރު ބަންޑުންޖަހާލުމުގެ ފުރުސަތު އޮތް ކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ