އަންހެން ވިޔަފާރިވެރިންނަށް 250،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ ސްކީމެއް
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން، ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ބޭނުންވާ އަންހެނުންނަށް ޚާއްސަ އައު ފައިނޭންސިން ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން އަލަށް ފެށުމަށް ބޭނުންވާ މީހުންނަށާއި މިހާރު ވެސް ވިޔަފާރިތައް ހިންގާ މީހުންނަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން އެސްޑީއެފްސީން ފައިނޭންސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި އައު ސްކީމްގެ ދަށުން، ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެއެވެ. މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަތް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ. އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިން ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު 9.5 ޕަސެންޓެވެ. އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއް ކަމަށެވެ. މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިއެވެ. އަލަށް މި ހުޅުވާލި ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީ އަދި ސޯޝަލް މިނިސްޓްރީއާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ