ޖިންސީ ކުށް ހިމެނޭ ގޮތަށް ޝިފާނަށް އެތައް ތުހުމަތެއް، މައްސަލަ ނުބެލެނީ ސިޔާސީ ގުޅުންތަކާ ހެދި: ރިޕޯޓް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙްމަދު ޝިފާނާ ދެކޮޅަށް ތުހުމަތުކުރެވޭ ބަދުއަޚުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފިއެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް އެޑްރެސްކޮށްފައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުމް މަތީ ރޭންކްތަކުގެ 11 އޮފިސަރުން ވަނީ ވިސުލްބްލޯވަރުންގެ ގޮތުގައި ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވަނީ ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޝިފާންގެ ކިބައިން ފެންނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެ ސިޓީގައިވާ ގޮތުން، އޭސީޕީ ޝިފާނަށް ދެ ބާވަތެއްގެ ކުށުގެ ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން އެއް ތުހުމަތަކީ ބަދުއަޚުލާގީ އަމަލު ހިންގުން ކަމަށްވާއިރު، ޝިފާންގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުނަށާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކުގައި އެފަދަ އަމަލު ހިންގައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި، އެހެނިހެން އޮފީސްތަކުގެ އަންހެން މުވައްޒަފުންނާ ގުޅުންހުރި އެފަދަ މައްސަލަތައް ވެސް ހުރިކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ރުހުމުގައި ހިންގާފައިވާ ބަދުއަޚުލާގީ އަމަލުތަކާއި ގަދަކަމުން ހިންގާފައިވާ ބަދުއަޚުލާގީ މައްސަލަތަކާއި ފުލުހުންގެ އަންހެން ސިވިލް އޮފިސަރަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަަށް ސިޓީގައި ވެއެވެ. މިދިޔަ އޮކްޓޫބަރު މަހުގައި ފުލުހުންނަށް އެ މުވައްޒަފު މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުންވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސުލޫކީ މިންގަނޑުތަކާ ޚިލާފު މައްސަލަތައް ޝިފާން ހިންގަވާފައިވާ ކަމަށް މި ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުށެއްނެތް މުވައްޒަފަކު އެކުށުގައި ބައިވެރިވިކަމަށް ފްރޭމްކުރުން ހިމެނޭއިރު އޭސީޕީ ޝިފާންއާ ގުޅުންހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާކަަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. އެގޮތުން ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ އަންހެން މުވައްޒަފު ހުށަހެޅި މައްސަލައިގައިވެސް ޝިފާންގެ ނުފޫޒުން އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅި މައްސަލަ ނިންމި ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. ޝިފާން ފުލުހުންގެ މުވައްޒަފަކަށް ފުރައްސާރަކުރުމުގެ މައްސަލަ އޮއްބާލުމުގައި އޭރުގެ ފުލުސް ކޮމިޝަނަރު އަދި ޕީއެސްސީގައި އޭރު މަސައްކަތްކުރި މިހާރުގެ ޗީފް އެސްޕީ ނާފިޒު މަސައްކަތްކުރެއްވި ކަމަށްވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، 2018ގެ ޖޫންގައި ޝިފާން މެލޭޝިޔާއަށް ކުރި ރަސްމީ ދަތުރެއްގައި، ސ. ހިތަދޫއަށް ނިސްބަތްވާ ފުލުސް އޮފިސަރެއްގެ އޭރުގެ އަންބަކާއެކު އެއް ކޮޓަރިއެއްގައި ހުރިކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެދަތުރުގައި އަންހެންމީހާގެ ބައެއް ޚަރަދުތައް ބަލަހައްޓާފައިވަނީ އެދަތުރަށް ޕޮލިސް ބަޖެޓުން ނެގި ފައިސާއިންކަން އެނގުމުން އެދަތުރަށް ގެންދިޔަ ފައިސާގެ ތެރެއިން 402،000 ޑޮލަރު ޕޮލިސް ފައިނޭންސަށް ދެއްކުމަށް ޝިފާނަށް ފުލުހުން އެންގިކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ. އެ މައްސަލަވެސް ޝިފާންގެ ނުފޫޒުން ހިންދާލާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. އެއާއެކު، ފުލުހުންގެ އޮފީހުގައި ޑެޕިއުޓީ ކޮމިޝަނަރަށް ޚާއްސަކޮށްފައިވާ ކޮޓަރީގައި ދެ އަންހެން މުވައްޒަފަކާއެކު ޝިފާން ބަދުއަޚުލާގީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ވާހަކަވެސް މި ސިޓީގައި ހިމަނާފައިވެއެވެ. މި ސިޓީގައި ވަނީ މި އަހަރުގެ މާޗް މަސްތެރޭގައި، ގަވާއިދާ ޚިލާފަށް ވައިގެ މަގުން ރާއްޖެއަށް ސިނގިރެޓު އެތެރެކުރި މައްސަލައަކާ ގުޅިގެން އެކަމާ އެއްވެސް ގުޅުމެއްނެތް ޑެޕިއުޓީ ކޮމިޝަނަރަކާ، އެސިސްޓެންޓް ކޮމިޝަނާއެއް އެކުށުގައި ބައިވެރިވާކަމަށް ބުނެ އެދެ އޮފިސަރުން ފްރޭމް ކުރުމަށް ޝިފާން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ އެކިއެކި ނޫސްވެރިންނަށް ގުޅައިގެން ގަވާއިދާ ޚިލާފަށް ސިނގިރެޓު އެތެރެކުރި މައްސަލައިގައި ފުލުހުންގެ ސީނިއާ ދެ އޮފިސަރަކު ހިމެނޭކަމަށް ބުނެ އެވާހަކަތައް ނޫސްތަކުގެ ސުރުޚީތަކަށް އެރުވުމުގައި ޝިފާން މަސައްކަތްކުރި ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. https://sun.mv/212662 "އެމައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާގެ ގާނޫނީ ވަކީލަށް ގުޅައި އެމައްސަލައިގައި ހައްޔަރުކޮށްގެން ތިއުޅެނީ މާކުޑަކުއްޖެއް ކަމަށާއި އެމައްސަލައިގެ ތެރެއަށް ސިނިއާ ދެމީހުން ވައްދަންޖެހޭ" ކަމަށްބުނެ އެކަން ކުރެވޭނޭ ގޮތެއް ނެތްތޯ ލޯޔަރު ކައިރީގައި ޝިފާން އެެއްސެވި ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އެގޮތުން އެމައްސަލައިގެ ތެރެއަށް ވައްދަން ޝިފާން ބޭނުންވާ ޑެޕިއުޓީ ކަމިޝަނަރުގެ ނަމާއި، އެސިސްޓެންޓް ކޮމިޝަނަރުގެ ނަން ލޯޔަރަށްދީ، އެމައްސަލައިގައި ތެރޭގައި އެ ދެ އޮފިސަރުންވެސް ހިމެނޭކަމަށް ހަދާ ތަހުގީގަށް އެގޮތަށް މައުލޫމާތު ދިނުމަށް ލޯޔަރުގެ ކިބައިން ޝިފާން އެދުނު ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ޝިފާނާ ދެކޮޅަށް މިމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް މާޗް މަހުގެ ފަހުކޮޅު ހުށަހެޅި ކަމަށް ފުލުސް އޮފިސަރުން ބުންޏެވެ. އަދި އެ ލޯޔަރުގެ ބަޔާން ނަގާފައިވަނިކޮށް، އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަމިޝަނަރު އޮފް ޕޮލިސް އެންގުމުން އެމައްސަލައިގެ ތަހުގީގު ވަނީ ހުއްޓިފައި ކަމަށްވެސް ބުންޏެވެ. ސިނގިރޭޓު މައްސަލައިގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތު ކޮށްފައިވެއެވެ. އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވައެވެ. އެ މައްސަލަ ފެންމަތިވިއިރު ދާއޫދު އަދާކުރައްވަމުން ގެންދެވީ ހުޅުމާލޭ ޕޮލިސްގެ ވެރިޔާގެ މަގާމެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އެ މަގާމުން ދުރުކޮށްފައެވެ. https://sun.mv/213504 މި ސިޓީގައި ވަނީ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުވާން އެދުމުން އެ މުވައްޒަފުން އަތުން ފައިސާ އާއި އެހެނިހެން ތަކެތި ނެގުމަށްފަހު އެ ބަދަލުތައް ޝިފާނު ގެނެސްދޭކަމަށް ގިނަ މުވައްޒަފުންތަކެއްގެ ފަރާތުން އިވުނު ކަމަށް ވެސް ބުނެފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ޝިފާނާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް ފުރިހަމައަށް ނުބެލި، ނުވަތަ އެކަށީގެންވާ ފިޔަވަޅު ނޭޅި އޮންނަ މައިގަނޑު އެއް ސަބަބަކީ އޭނާ އަކީ ސިޔާސީ ފަރާތްތަކާއި ބައެއް ސަރުކާރުތަކުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ މުވައްޒަފަކަށް ވުމެވެ. އެހެންވެ. އެ މައްސަލަތައް ބަލައި ފިޔަވަޅި އަޅައި ދިނުމަށް ފުލުހުންގެ 11 އޮފިސަރުން، މަޖިލީހުގައި އެދިފައިވެއެވެ. ޝިފާންއާ ބެހޭގޮތުން މިފަދަ މައްސަލަތައް ހުށަހަޅާފައިވާއިރު ސިނގިރެޓު ކޮންޓެއިނަރުތައް ގެއްލުމުގެ މައްސަލައިގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި ޢަބްދުالله ވަހީދު، މަގާމުން ވަކިކުރައްވާފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލިބިގެންވާ ބާރުގެ ދަށުން މި ދެ ބޭފުޅުން މަގާމުން ވަކިކުރެެއްވި ނަމަވެސް ފަހުން މަހްމޫދު އަލުން އެ މަގާމަށް އިޔާދަކުރަން މަޖިލީހުން ނިންމާފައިވެއެވެ. https://sun.mv/213656 މި މައްސަލައިގައި ފުލުހުންގެ އޭސީޕީ މުޙައްމަދު ދާވޫދާ ދެކޮޅަށްވެސް މައްސަލަ ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ