އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނުގެ ޓްރެއިނިން ކޭމްޕަކަށް މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، އެ ޓީމަށް އެހީވުމަށް އެފްއޭއެމް އިން ހާއްސަ ޓިކެޓްތަކެއް ތައާރަފުކޮށްފި އެވެ.
އޭއެފްސީ ކޮލިފައިން އަށް ތައްޔާރުވާން އެހީތެރިކަމަށް، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރާއްޖޭގެ ފުޓްބޯޅައިގެ ޖަމިއްޔާ، އެފްއޭއެމްގައި އެދުމުން އެކަން ހަމަޖައްސަނީ ސަރުކާރުގެ ހަރަދާއެކުގަ އެވެ.
"ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީންގެ ގައުމީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަމަށް އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާތީވެ، އެ ޓީމު ދިވެހިރާއްޖޭގައި ކޭމްޕްކުރުމަށް ހިނގާ އެންމެހާ ޚަރަދުތަކާއި އިމްތިޒާމްތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަން ޝުކުރުވެރިކަމާ އެކު ފުޓްބޯޅަ އެސޯސިއޭޝަނުން ފާހަގަކުރަމެވެ." އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ގޮތުން، ފަލަސްތީން ޓީމު، މާދަމާ ރާއްޖެ އައުމަަށް ފަހު، މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް މަޑުކުރާނެ އެވެ. އަދި، ޓްރެއިނިން ކޭމްޕްގެ ތެރެއިން، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ފަލަސްތީނުގެ ޓީމުން ކުޅޭނެ އެވެ. އެއީ، މި މަހުގެ 13 އާއި 15 ވަނަ ދުވަހު އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއާ ޓިކެޓް ވިއްކުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ކޮންމެ މެޗެއްގައި ވެސް ވިއްކާނީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި ސްވެނިއާ ގޯލްޑް 200 ޓިކެޓް އެވެ.
އެފްއޭއެމް އިން ބުނީ މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީން ޓީމަށް ހަދިޔާ ކުރުމަށް ވަނީ ނިންމައިފައިވާ ކަަމަށެވެ.
ސްވެނިއާ ޕްލެޓިނަމް ޓިކެޓަކީ ވީވީއައިޕީ ރޮސްޓްރަމް އިން ޖާގަ ލިބޭ ގޮތަށް 1000 ރުފިޔާ އަށް ވިއްކާ ޓިކެެެޓެެވެ. އަދި، ސްވެނިއާ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރިން ޖާގަ ލިބޭ ގޮތަށް 500 ރުފިޔާ އަށް ވިއްކާ ޓިކެޓެވެ.
ރާއްޖޭގެ ކޭމްޕް ނިންމާލުމަށް ފަހު، ފަލަސްތީން ޓީމުން ކޮލިފައިން މެޗުތައް ކުޅެން ދާނީ އިންޑިއާ އަށެެވެ. އިންޑިއާގެ އަހުމަދުއާބާދުގައި ހޯސްޓްކުރާ ކޮލިފައިންގައި، ފަލަސްތީނުން ކުޅޭނީ އިންޑިއާ، އިރާން، ޗައިނީސް ޓައިޕޭ އަދި ލެބަނަންއާ ދެކޮޅަށެވެ. ރާއްޖޭގެ ކޮލިފައިން މެޗުތައް، ތައިލެންޑުގައި ކުޅޭއިރު، ދެން އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާ އެވެ.
ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖެ އަށް: އެހީވާން ހާއްސަ ޓިކެޓެއް ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖެ އަށް: އެހީވާން ހާއްސަ ޓިކެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ