އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އަދި ނާއިބަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖައްސަވައިފި އެވެ.
ކޮމެޓީގެ ފުރަތަމަ ބައްދަލްވުމުގައި ކޮމެޓީގެ ރައީސަކަށް ސަލީމް އަދި ނާއިބަކަށް ފަޒާދު ހަމަޖައްސަން ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. 22 މެންބަރުން ހިމެނޭ ކޮމެޓީގެ އަޣުލަބިއްޔަތުން ވަނީ އެ ހުށައަޅުން ފާސްކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވެފައިވަނީ، މިފަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށެވެ.
މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭކަަމަށް ވަޒީރު ވިދާޅުވި އެވެ.
ކޮމެޓީން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓްގެ މަސައްކަތް ނިންމަން ޖެހެ އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ