މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބުގެ ކުންފުންޏަށް 87.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފި އެވެ.
އަސަދުﷲ ގެ އެސް.އޭ.އެން.އެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ ފ. ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާއެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމާއި، އެތަނުގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުމެވެ.
މިހާރު ވެސް ނިލަންދޫގައި އެއާޕޯޓު ތަރައްގީ ކުރަން 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް އެބަގެންދެ އެވެ. އެ މަޝްރޫއު ކުރިއަށް ދަނިކޮށް، އެރަށުގައި ބިން ހިއްކުމުގެ އާ މަޝްރޫއުއެއް މެންބަރު އަސަދުﷲ ގެ ކުންފުންޏާ ހަވާލުކުރީ ކީއްވެގެންކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ނިލަންދޫގައި ތަރައްގީކުރާ މަސް ބަންދުކުރާ ފެކްޓްރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި، ދ. މާދެލީގައި ތަރައްގީކުރަން ނިންމި ފެކްޓަރީ އެވެ.
އެ މަޝްރޫއު ނިލަންދޫ އަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ އެވެ.
ނިލަންދޫ މަސް ފެކްޓަރީ ހެދުމަށް ބޭނުންވާ ބިމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އަސަދުﷲގެ ކުންފުންޏާ ހަވާލުކުރިއިރު، ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން އަގު ގިނަ ޕްރޮޖެކްޓުތަކެއް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައިވާކަން ދަނީ ތިލަވަމުންނެވެ.
އޭގެތެރޭގައި އަސަދުﷲ ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މަސްލަހަތު އޮތް ވައިޓު ލިންކްސްއާ ހަވާލުކޮށްފައި ވަނީ ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އެ މަޝްރޫއުގެ އަގަކީ 139.2 މިލިއަން ރުފިޔާ އެވެ.
އަލްޓެކް ކުންފުންޏާ ހަތަރު މަޝްރޫއުއެއް ހަވާލުކޮށްފައި ވަނީ 285.7 މިލިއަން ރުފިޔާ އަށެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓު، އއ. އުކުޅަސްގައި 50 ހައުސިން ޔުނިޓު އަދި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށެވެ. އަދި ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރަން ވެސް ހަވާލުކުރީ އަލްޓެކާއެވެ.
ސައުދުﷲގެ މިމްސް ކޮންސްޓަރަކްޝަންއާ ހަވާލުކުރީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ވާދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށެވެ. އެ ދެ މަޝްރޫއުގެ އަގަކީ 71.5 މިލިއަން ރުފިޔާ އެވެ. ސްވިފްޓު އިންޖިނިއަރިންނާ ހަވާލުކުރި ފަސް މަޝްރޫއުގެ އަގަކީ 157.3 މިލިއަން ރުފިޔާ އެވެ. އެއީ؛
ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑްއާ ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯލް އަދި ފުޓްސަލް ކުޅެވޭ މަލްޓުޕާޕަސް ކޯޓަކާއި ރޮސްޓްރޮމްއަކާއެކު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމެވެ. އެ ދެ މަޝްރޫއުގެ އަގަކީ ތިން މިލިއަން ރުފިޔާ އެވެ.
މިއަދު ބަހާލި 206 މަޝްރޫއުގެ ޖުމުލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
ރައީސް މުއިއްޒުގެ މި ވައުދުތައް ފުއްދޭނެ ވަރަށް ސަރުކާރުގައި ލާރި ނެތިގެން މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ޔަގީންކަން ދީގެން، ބީއެމްއެލްއިން ކުންފުނިތަކަށް ދޭ ލޯނުންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ.
ބަހާލި މަޝްރޫއުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ފަރާތްތަކުގެ ކުންފުނިތަކާއި އެފަދަ ފަރާތްތަކުގެ މަސްލަހަތު އޮތް ފުންފުނިތަކެއް ހިމެނޭކަން ފާހަގަ ވާނަމަ މި ހަބަރުގެ ކޮމެންޓެއްގެ ގޮތުގައި ނުވަތަ އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކަށް ޑީއެމް ކޮށް ދެއްވުން އެދެން.
ބަހާލި ޕްރޮޖެކްޓުތައް: މެންބަރު އަސަދުﷲ އަށް 87 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ބަހާލި ޕްރޮޖެކްޓުތައް: މެންބަރު އަސަދުﷲ އަށް 87 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ