ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރިސޯޓުތަކުގައި ބޭނުން ކުރުމަށްފަހު އުކާލާ ތެޔޮ މާލެ ސަރަހައްދަށް ގެނެސް ވިއްކަމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު އެ ފަސް މީހުން ހައްޔަރުކުރީ އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެ މީހުން ތެޔޮ ވިއްކަމުން ދިޔައީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާއި ހިލާފަށް ކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތަރު މީހުންނެވެ.
ރޭ ދަންވަރު ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ތެޔޮ ހަންތައް ---
އޭގެ ތެރެއިން އެކަކު ދޫކޮށްލައި ކޯޓުން ބަންދަށް 10 ދުވަސް ޖަހާފައިވަނީ އަލް އަމީން ބޮޔަޓި، 37، ދުލާލް މިއާހް، 32، މޮހަންމަދު ރަސެލް މިއާހް، 34، އަދި މަންވަރު ހޮސައިން، 45، އެވެ.
މި މީހުން ހައްޔަރުކުރަން ހިންގި އޮޕަރޭޝަނުގައި ދޯންޏަކާއި ޕިކަޕެއް ބަލައި ފާސްކޮށް ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަމުގެ ތެޔޮ ވަނީ އަތުލައިގެންފަ އެވެ.
މި ފަހުން، ދޯންޏެއްގައި މިފަދަ ތެޔޮތަކެއް ގެނެސް، ފިލްޓަރެއް އަޅައިގެން ސާފުކޮށް ދޮން ހަންތަކަކަށް އަޅާ ވީޑިއޯއެއް ވެސް އާންމުވި އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ