ހިދާޔަތަށް އެދި ދުޢާކުރަންވީ 10 ސަބަބު

އިސްލާމްކަމުގެ ހިދާޔަތަކީ އެންމެ މަތިވެރި ނިޢުމަތެވެ. ކާފިރަކު އިސްލާމްވުމީ އަލިފާނުން އޭނާގެ ފުރާނަ ސަލާމަތްކުރުމެވެ. މުސްލިމުންގެ ނަމުގައި ތިބި އެތައް ބަޔަކު މިއަދު ވަނީ މި ދީނާ ފެޔަށް ޖެހިފައެވެ. މި ސަބަބަށް ޓަކައި އިސްލާމްކަމުގެ ހިދާޔަތު އަނބުރާ ދެއްވުން އެދި ދުޢާކުރުމީ ކޮންމެ މުސްލިމަކު ވެސް ކުރަންވާނެ މުހިންމު ކަމެކެވެ. އަޅުގަނޑުމެން މުސްލިމުން މި ތިބެނީ އަބަދު ވެސް ހިދާޔަތު ދެއްވުން އެދި ދުޢާކޮށްކޮށެވެ. ކޮންމެ ފަރުޟު ނަމާދެއްގައި ތަކުރާރުކޮށް ކިޔަވާ ފާތިޙާ ސޫރަތަކީ ހިދާޔަތަށް އެދި ކުރާ ދުޢާއެކެވެ. އެ ސޫރަތުގެ މައިގަނޑު މަފްހޫމަކީ ވެސް އެއީއެވެ. އެ ސޫރަތުގައި ފުރަތަމަ އޮތީ މާތް ﷲގެ ތަޢުރީފެވެ. މެދުތެރޭގައި އޮތީ ހިދާޔަތަށް އެދިގެން ކުރާ ދުޢާއެވެ. އެއީ ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾‏ ‎(الفاتحة: ٦)‏ މާނައީ: "އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!" މިއެވެ. އެއަށް ފަހުގައި އޮތީ އެ ދުޢާއަށް އިތުރުކުރާ ތަފްޞީލެކެވެ. ސޫރަތުލް ފާތިޙާއަކީ އެ ސޫރަތާ ނުލައި ނަމާދު ޤަބޫލުނުވެވޭ މުހިންމު ސޫރަތެވެ. އެހެންވީމާ ފަރުޟު ނަމާދު ގަވައިދުން ކުރާ އެންމެން، ކޮންމެ ދުވަހަކު ވެސް މަދުވެގެން ސަތާރަ ފަހަރު މާތް ﷲގެ ޙަޟްރަތުން ހިދާޔަތަށް އެބަ އެދެއެވެ. މިއީ މާތް ﷲ އެއިލާހުގެ ކިޔަމަންތެރިއަޅުންނަށް ހިދާޔަތް ދެއްވައި އެ ހިދާޔަތް އިތުރުކޮށްދެއްވުމަށް ލައްވައިފައި އޮތް ރިވެތި މަގެކެވެ. ދެންފަހެ ދަންނައެވެ! ﷲގެ އަޅުތަކުން ވަނީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ﷲގެ ހިދާޔަތަށް ވަރަށް ބޮޑަށް ބޭނުންޖެހިފައެވެ. އޭނާ ހިދާޔަތަށް ބޭނުންޖެހިފައި ވާ ބައެއް ގޮތްގޮތް ބަޔާންކުރައްވައި އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނު ލިޔުއްވި أسرار الصلاة އެވެ ކިޔުނު ފޮތުގައި ދިހަ ގޮތެއް ބަޔަންކުރައްވައިފައި ވެއެވެ. 1- އެނގުމެއް ނެތި އޭނާ ކުޅަކަންކަމެވެ. ކަމަކާގުޅޭ ޢިލްމެއް ނެތި ނޫނީ ކަމެއްގައި ޢަމަލުކުރާންވީ ރަނގަޅު ގޮތެއް ނޭނގިހުރެ ކުޅަކަމެއް ނުވަތަ އެއްވެސް މަޤްޞަދެއްނެތި ކުރެވިފައި ހުރި ކަންތައްތަކެވެ. އެފަދަ ކަންކަމަށް ތައުބާވުމަށް އޭނާ ވަނީ ބޭނުންޖެހިގެންނެވެ. އޭނާ ބޭނުންޖެހިފައި އެ ވަނީ އެ ކަންކަމުން ތައުބާވުމުގެ ހިދާޔަތަށެވެ. 2- ކަމެއްގެ އަސާސަށް ނުވަތަ އޭގެ އަސްލުތައް މީހަކަށް އެނގިފައިމެ، ކަމުގެ ތަފުޞީލު ނޭނގެންޏާ އޭނާ އެ ވަނީ އެ ކަމުގެ ތަފުޞީލުތަކަށް ބޭނުންޖެހިފައެވެ. އެފަދަ ކަންކަމުގެ ތަފުޞީލާ ހަމައަށް އޭނާ ދިޔުމަށް ނުވަތަ އޭނާއާ ހަމައަށް އެކަންކަމުގެ ތަފުޞީލުއައުމުގެ ހިދާޔަތަށް އޭނާ އެވަނީ ބޭނުންޖެހިފައެވެ. 3- ކަންތައްތަކުގެ ބައިކުޅަބައި އެނގިފައި ފުރިހަމައަށް ކަންކަން ނުލިބި އޮތުން. މިހާލަތުގައި ކަންކަން ފުރިހަމައަށް އެނގުން ނުވަތަ ކަންކަން ފުރިހަމަވުމުގެ ހިދާޔަތަށް އޭނާ އެ ވަނީ ބޭނުން ޖެހިފައެވެ. އެއީ ސީދާވެގެންވާ ހިދާޔަތުގެ މަތީގައި އެކަން ފުރިހަމަވުމަށް އެދެވޭ ހިދާޔަތެވެ. އެއީ ހިދާޔަތުގެ މައްޗަށް ހިދާޔަތު ލިބުމެވެ. 4- ކުރިޔަށް ހުރި ކަންކަމުގައި ރަނގަޅު މަގާއި ރަނގަޅު ގޮތް ލިބުމަށް އެދި އުންމީދު ކުރެވޭ ހިދާޔަތެވެ. އޭނާގެ މުސްތަޤުބަލަށް ބޭނުންވާނެ ކަންތައްތަކެވެ. އެއީ މާޒީގެ ކަންކަމަށް ހިދާޔަތު ލިބުނު ފަދައިން މުސްތަޤުބަލުގެ ކަންކަން ވެސް ފުއްދުމަށް އޭނާއަށް ބޭނުންޖެހިފައިވާ ހިދާޔަތެވެ. 5- މީހާ ކުރާ ކަންކަމުގައި އެއްވެސް އިޢުތިޤާދެއް ނެތި ކުރަމުންދާ ކަންތައްތަކުން ސަލާމަތްވުމެވެ. އަދި އެ ކަންކަމުގެ ޞައްޙަ އިޢުތިޤާދު އެނގުމުގެ ހިދާޔަތަށް އޭނާ ވަނީ ބޭނުންޖެހިފައެވެ. 6- ރަނގަޅު ނޫން ގޮތްގޮތަށް އޭނާ އިޢުތިޤާދުކުރާ ކަންތައްތަކެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ބާޠިލު ޢަޤީދާ ނައްތައިލާނޭ މަގެއް ހޯދުމުގެ ހިދާޔަތަށް އޭނާ ވަނީ ބޭނުންޖެހިފައެވެ. 7- ކަންކަން ކުރުމުގެ ޤާބިލުކަން ލިބިފައިމެ، ކުރާނޭ ހިތްވަރު ނުހުންނަ މީހުންނެވެ. އެފަދަ މީހުން ބޭނުންޖެހިފައިވަނީ އިސްނަގައި ކުރިމަތިލައިގެން ކަންކަން ކުރުމުގެ ހިތްވަރު ހޯދުމުގެ ހިދާޔަތަށް ބޭނުންޖެހިފައެވެ. 8- މީހަކު ކަމެއް ކުރަން ބޭނުންވެފައި އަދި އެ ކަން ކުރުމުގެ ކުޅަދާނަކަން ލިބިފައި ހުރި މީހާ ވެސް ވަނީ ޢަމަލީ ގޮތުން އެކަން ކުރުމުގެ ހިދާޔަތަށް ބޭނުންޖެހިފައެވެ. 9- ހެޔޮ ރަނގަޅު ކަންކަމުގެ ތެރެއިން، އޭނާ ކުރަން ބޭނުންނުވާ ކަންކަން، ޢަމަލީ ގޮތުން ކުރުމަށް ހިތްޖެހުމާއި އެ ކަންކަން ކުރުމުގެ ކުޅަދާނަކަން ލިބުމުގެ ހިދާޔަތަށް މީސްތަކުން ތިބީ ބޭނުންޖެހިފައެވެ. 10- ހިދާޔަތް ލިބިހުރެ ރަނގަޅު އިޢުތިޤާދާއި ނިޔަތެއްގެ މަތީގައި ކުރާ ކަންކަމުގައި ޘާބިތުވެހުރުމަށް ވެސް މީސްތަކުން ވަނީ ހިދާޔަތަށް ބޭނުންޖެހިފައެވެ. އެހެންކަމުން އިންސާނާ އެދޭ ކަންކަމުގެ ތެރެއިން، ހިދާޔަތަކީ އޭނާގެ އެންމެ ބޮޑު ޙާޖަތްކަމުގައި ވަނީ ވެފައެވެ. އަދި އެންމެ މާތް ވަގުތުގައި އެންމެ މާތް ޙާލަތުގައި މި ކަމަށް އެދުމަށް ރަޙީމުވަންތަ ރައްބު އެ ވަނީ ފަރުޟުކުރައްވައިފައެވެ. އެއީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ފަރުޟު ފަސް ނަމާދުގައި އެކަން ކުރެވޭ ގޮތަށެވެ. އެއީ ޟަރޫރީ ގޮތުން އެ ކަމަށް އޭނާ ބޭނުންޖެހިފައިވާލެއް ބޮޑުކަމުންނެވެ. ހިދާޔަތަށް އެދި ކުރާ ދުޢާއަށް ފަހު ސޫރަތުލް ފާތިޙާގައި އެވަނީ މި ހިދާޔަތުގެ އަހުލުވެރީންގެ މަގަކީ ކޯފާލެއްވުނު މީހުންނާ މަގުފުރެދިގެން ދިޔަ މީހުންގެ މަގާ ތަފާތު މަގެއް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ