ފުލުހުންނަށް ކެމެރާ ގަތުމުގައި ވެސް ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތު
ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ގަތުމުގައި ވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ތުހުމަތުކޮށްފިއެވެ. މިއީ ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން ނެގި ޚާއްސަ ސަބް ކޮމިޓީން ބަލަން ފެށި މައްސަލައެކެވެ. އެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކޮމިޝަނަރުކަމުގައި ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ކަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 66 މިލިއަން ރުފިޔާ ދީފައިވެއެވެ. އެ މައްސަލައިގައި ޝައްކުތަކެއް އުފެދުނީ ފުރަތަމަ އެ މަސައްކަތް ބީލަމަށް ލުމަށް ފަހު، އެ ބާތިލުކޮށްފައި އަލުން އެ މަސައްކަތް ސިންގަލް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކުރުމުންނެވެ. އެކަމަކު، އެ މުއާމަލާތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައިވާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. https://sun.mv/212644 މި މައްސަލައިގެ ވާހަކަ އަނެއްކާ ވެސް ދައްކަން ޖެހުނީ އޭނާ ވިދާޅުވި ގޮތުގައި، މަގާމުން ރިޓަޔާކުރެއްވުމަށް ފަހު ހަމީދު އެ ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންނެވުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ހަމީދު އުޅުއްވަނީ އެ ކުންފުނީގެ ވަޒީފާއެއްގައެވެ. "ރިޓަޔާ ކުރައްވާފައި ތަކެތި ސަޕްލައިކުރި ކުންފުނީގެ ވަޒީފާއަކަށް މި ވަޑައިގަންނަވަނީ. އެހެންވީމާ އެ މަގާމުގައި ހުންނެވިއިރު އެވާޑްކުރި ކޮންޓްރެކްޓެއް ލިބުނު ކުންފުންޏަކަށް ވަޒީފާއަށް ވަޑައިގެން އެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމުގައި އުޅުއްވާތީ ހުށަހަޅާފައި އޮތް މައްސަލައެއް މި މައްސަލައަކީ،" އޭނާ ވިދާޅުވިއެވެ. އެހެންވެ، މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެ މުއާމަލާތުގައި މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައި އޮތް ނަމަވެސް މިހާރު ކަންތައް ހިނގާފައި އޮތް ގޮތުން އެ ކަމުގައި ޕްރޮފެޝަނަލް މިސްކޮންޑަކްޓް ނޫނީ މޯރަލް އިޝޫސް ހުރި ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ފުލުހުން ބޮޑީ ވޯން ކެމެރާ ރަސްމީކޮށް އިފުތިތާހުކުރީ ފެބްރުއަރީ 13، 2022 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ