އިންޑިއާގައި ގޫގުލްއިން 15 ބިލިއަން ޑޮލަރުގެ އޭއައި ޑޭޓާ ސެންޓަރެއް އަޅަނީ

އިންޑިއާގެ ދެކުނުގެ އަންދުރަ ޕްރަދޭޝް ސްޓޭޓްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށް ގޫގުލްއިން އަންނަ ފަސް އަހަރުގެ ތެރޭގައި 15 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ. މިއީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި ގޫގުލްއިން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ގޫގުލް ކްލައުޑްގެ ސީއީއޯ ތޯމަސް ކޫރިއަން ނިއު ދިއްލީގައި ބޭއްވި ހަފުލާއެއްގައި ވިދާޅުވީ، މިއީ އެމެރިކާ ފިޔަވައި ދުނިޔޭގެ އެހެން ތަނެއްގައި ގާއިމުކުރާ އެންމެ ބޮޑު އޭއައި ހަބް ކަމަށެވެ. މީގެ އިތުރުން، މިއީ 12 ގައުމެއްގައި ގާއިމުކުރާ އޭއައި ސެންޓަރުތަކުގެ ގްލޯބަލް ނެޓްވޯކްގެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވިޝާކަޕަޓްނަމް ބަނދަރު ސިޓީގައި ގާއިމުކުރާ މި ޑޭޓާ ސެންޓަރުގެ ކެޕޭސިޓީ ފުރަތަމަ 1-ގިގަވޮޓަށް އަރާނެ ކަމަށާއި، ނަމަވެސް ފަހުން ކެޕޭސިޓީ އިތުރުކުރާނެ ކަމަށް ކޫރިއަން ވިދާޅުވިއެވެ. https://sun.mv/212501 އަންދްރަ ޕްރަދޭޝް ސްޓޭޓްގެ އޮފިޝަލުން ލަފާކޮށްފައިވާ ގޮތުގައި މި މަޝްރޫއަށް 10 ބިލިއަން ޑޮލަރު ޚަރަދުވާއިރު، މިކަމުގެ ސަބަބުން 188,000 ވަޒީފާ އުފެދޭނެއެވެ. މައިކްރޮސޮފްޓް އަދި އެމެޒޯން ފަދަ ކުންފުނިތަކުން ވެސް ވަނީ އިންޑިއާގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ބިލިއަނުން ޑޮލަރު ޚަރަދުކޮށްފައެވެ. އިންޑިއާއަކީ ގާތްގަނޑަކަށް އެއް ބިލިއަން މީހުން އިންޓަނެޓް ބޭނުންކުރާ މާކެޓެކެވެ. އިންޑިއާގެ ބިލިއަނަރުން ކަމަށްވާ ގައުތަމް އަދާނީ އަދި މުކޭޝް އަމްބާނީ ވެސް ވަނީ ޑޭޓާ ސެންޓަރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް އިންވެސްޓްމަންޓްތައް އިއުލާންކޮށްފައެވެ. މިދާއިރާގެ މާހިރުން ވިދާޅުވާގޮތުގައި އޭއައި އަށް ބޭނުންވަނީ ބޮޑެތި ކޮމްޕިއުޓިންގް ބާރުތަކެވެ. މިކަމުގެ ސަބަބުން ޓެކް ކުންފުނިތަކުން އެތައްހާސް ޗިޕް އެއްކޮށްލައިގެން ކްލަސްޓާތައް ގާއިމުކުރުމަށް ޚާއްސަ ޑޭޓާ ސެންޓަރުތަކަށް އޮތް ޑިމާންޑް ވަނީ އިތުރުވެފައެވެ. ގޫގުލްގެ މައި ކުންފުނި އަލްފަބެޓް އިން އިންޑިއާ ދެކެނީ މުހިންމު ކުރިއެރުމެއް ލިބޭނެ މާކެޓެއްގެ ގޮތުގައެވެ. އެގޮތުން، ޔޫޓިއުބް ވީޑިއޯ ސާވިސް ބޭނުންކުރާ އެންމެ ގިނަ މީހުން ތިބެނީ އިންޑިއާގައެވެ. އަދި އެންޑްރޮއިޑް ފޯނުތަކުގެ ބޭނުން އެންމެ ގިނައިން ކުރެވެނީވެސް އިންޑިއާގައެވެ. ނަމަވެސް، އެމެރިކާގެ މި ބޮޑު ކުންފުނި ވަނީ އިންޑިއާގައި އެންޓިޓްރަސްޓް ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ޔޫޓިއުބްގެ އޭއައި ޕޮލިސީއާ ގުޅިގެން ބޮލީވުޑްގެ ދެމަފިރިއަކު ދައުވާކޮށްފައިވާ މައްސަލައަކާވެސް ގޫގުލް އަށް ކުރިމަތިލާން ޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ