ރާއްޖޭގެ ޓީމުގައި ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިން އެބަތިބި: ތަޖިކިސްތާންގެ ކޯޗު ރާއްޖޭގެ ޓީމުގައި ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިން އެބަތިބި: ތަޖިކިސްތާންގެ ކޯޗު

ރާއްޖޭގެ ޓީމުގައި ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިން އެބަތިބި ކަމަށް ބުނެ، ގައުމީ ފުޓްބޯޅަ ޓީމުން މިއަދު ދެއްކި ކުޅުމަށް ތަޖިކިސްތާންގެ ކޯޗު ގޯރާން ސްޓެވާނޯވިޗް ތައުރީފުކޮށްފި އެވެ.
ސާބިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމާއި ގާނާ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ސްޓެވާނޯވިޗް، ތަޖިކިސްތާން ޓީމާ ހަވާލުވީ، މިދިޔަ ހަފްތާގަ އެވެ. ރާއްޖެއާ ދެކޮޅަށް ތަޖިކިސްތާނުން، އޭޝިއަން ކަޕް ކޮލިފައިންގަައި، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި މޮޅުވީ 2-0 އިންނެވެ. ކޮލިފައިންގައި މިއަދު ހަވީރު ރާއްޖޭގައި ކުޅުނު މެޗުން، ތަޖިކިސްތާން ވަނީ 3-0 އިން މޮޅުވެފަ އެވެ.
މެޗަށް ފަހު، އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެވާނޯވިޗް ބުނެފައިވަނީ، ރާއްޖެއާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުތީ ދެ ޓީމުގެ ވެސް މާ ބޮޑު މައުލޫމާތެއް ނުލިބި ކަމަށެވެ. އެކަމަކު، ފުރަތަމަ މެޗުން މޮޅުވެ، ދެ ވަނަ މެޗަށް ތައްޔާރުވާން އިތުބާރު ލިބުނު ކަމަށް ސްޓެވާނޯވިޗް ބުނެފައިވެ އެވެ.
މިއަދު ރާއްޖޭން ވަރަށް ރަނގަޅަށް ތަޖިކިސްތާނާ ދެކޮޅަށްް ކުޅުނުން ފާހަގަކޮށް، ސްޓެވާނޯވިޗް ބުނީ، އޭނާގެ ޓީމަށް މެޗުގެ ކޮންޓްރޯލް ލިބޭ ގޮތަށް ވިސްނުންތެރިކަމާ އެކު ގިނަ ކަންކަންކުރެވުނު ކަމަށެވެ. އަދި، ހުނަރަށް ބަލާއިރު، ރާއްޖޭގެ ޓީމުގައި މޮޅެތި ކުޅުންތެރިން ތިބިކަން ސްޓެވާނޯވިޗް ތަކުރާރުކޮށް ފާހަަގަކުރި އެވެ.
"ވަރަށް ވަރަށް ރަނގަޅު ކުޅުންތެރިން އެބަހުރި، ނަމްބަރު 9، 10، 11، މިއީ އަހަންނަށް ފެނުނު ވަރަށް ރަނގަޅު ކުޅުންތެރިން ރާއްޖެ ޓީމުން، މި ކުޅުންތެރިންނަށް ކޮންމެ ޓީމެއްގައި ވެސް ކުޅެވިދާނެ، ޔޫރަޕްގައި މިސާލަކަށް އަހަރެންގެ ގައުމުގައި (ސާބިއާގައި). އެއީ ވަރަށް މޮޅު ކުޅުންތެރިން،" ރާއްޖޭގެ ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރު ފާހަގަކޮށް ސްޓެވާނޯވިޗް ބުންޏެވެ.
ސްޓެވާނޯވިޗް ބުނީ، މިއަދުގެ މެޗަށް ނުކުމެ ޕްލޭނަކަށްވީ ވަރަށް ކުރީކޮޅުގައި ވެސް ރާއްޖެ އަށް ޕްރެސްކޮށްގެން ގޯލެއް ޖެހުން ކަމަށާއި ޕެނަލްޓީއެއް ލިބި ގޯލެއް ޖެހުމާ އެކީގައި، ތަޖިކިސްތާން ބޭނުންވާ ގޮތަށް ކުރިއަށް ދިއުމުގައި ފަސޭހަތަކެއްވެގެންދިޔަ ކަމަށެވެ.
ތަޖިކިސްތާނުން ރާއްޖެ އަތުން ހޯދި މޮޅާ އެކު، ކޮލިފައިން ގްރޫޕް އޭ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފިލިޕީންސް އަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަަނައިގައި އޮތް އީސްޓް ޓިމޯ (ޓިމޯ ލެސްޓޭ) އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އަށް ހަަތަަރު މެޗުން ބަލިވުމުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ