އައްޑޫ ވޯޓުގެ ނަތީޖާއާ މެދު ހޭލުތެރިކޮށްފައި ނޫނީ އެ ވޯޓު ނުނަގަން އެމްޑީޕީން ގޮވާލައިފި

އައްޑޫގެ ތިން ރަށެއް އިދާރީގޮތުން ވަކި ތިން ރަށެއްގެ ގޮތުގައި ހަމަޖެއްސުމާ ބެހޭގޮތުން ނަގާ ވޯޓުގެ ނަތީޖާއާ މެދު ރައްޔިތުން ހޭލުންތެރިކޮށްފައި ނޫނީ އެފަދަ ވޯޓެއް ނުނެގުމަށާއި އެކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން އެކަށީގެންވާ ވަގުތު ދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ ވޯޓެއް މި މަހު 25 ވަނަ ދުވަހު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަލަށް ވުޖޫދުކުރި، އާންމުންގެ ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓުގައި ބަލާނީ އައްޑޫގެ މީދޫ، ހުޅުދޫ އަދި ފޭދޫގައި ވަކި ކައުންސިލްތަކެއް އުފައްދަން ފެނޭތޯ އެވެ.
މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ ވަކިން އޮންނަ ހުޅުމީދޫ އާއި ގުޅިފައިވާ ހަތަރު ރަށް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ތަފްސީލް - އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ އާންމު ހިޔާލު ހޯދަންޖެހޭ މިފަދަ ކަންކަމުގައި ހިޔާލު ހޯދަން ބޭނުންވާ މައްސަލައާ މެދު ދުރާލާ ކަނޑައަޅާ ސާފު ސުވާލުތަކެއް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމާ އެކު، އެކަމާމެދު ބަހުސްކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ. 
"[އަދި] އެކަަމުގެ ނަތީޖާއާ މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފަހުގައި ނޫނީ އެފަދަ ވޯޓެއް ނުނެގުމަށް ސަރުކާރަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނު ތަސްދީގުކޮށްފައިވަނީ އެ ބިލަށް އެމްޑީޕީގެ މެންބަރުން ހުށަހެޅި އިސްލާހުތައް ބަލައިނުގަނެ، ބިލު ދިރާސާކުރަން އެކަށީގެންވާ ވަގުތުނުދީ އަަވަސްއަރުވާލައިގެން ކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން ފާޅުކުރި އެވެ.
އެ ޕާޓީން ބުނީ، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ހިޔާލު ހޯދުން މުހިންމު ވިޔަސް، އެކަން ކުރަންވާނީ ގާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރު ފުރިހަމައަށް ކަށަވަރުކުުރުމުގެ ސާފު މަގުސަދުގައި ކަމަށެވެ. އެކަމަކު އައްޑޫއާ ގުޅޭ މި ވޯޓު ނެގުމުގައި ސަރުކާރުގެ އޮތީ ސިޔާސީ މަގުސަދެއް ކަމަށް އެ ޕާޓީން ތުހުމަތު ކުރި އެވެ.
އެމްޑީޕީން ބުނިގޮތުގައި:
ވޯޓު ނަގާ ދުވަސް ކައިރިވެފައި ވަނިކޮށް އެ ވޯޓުގެ އެއް ސުވާލު ރައީސް މުހައްމަދު މުއިއްޒު ވަނީ ބަދަލުކުރައްވާފައި
ވޯޓު ނެގުމަށް މިހާރު ކަނޑައަޅާފައި އޮތް މުއްދަތަކީ މިކަމުގައި ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށާއި ކެމްޕޭން ކުރުމަށް އެކަށީގެންވާ ވަގުތެއް ނޫން
މިފަދަ ބަދަލަކާ ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީފައި ނުވާކަން ވެސް ފާހަގަކުރެވޭ
މި ވޯޓުގައި ވަކި ކޮޅެއް ސަރުކާރުން ނުނަގާނެ ކަމަށް ރައީސް ވިދާޅުވުމުން ވެސް މިކަމުގައި ހަރުދަނާ ވިސްނުމެއް ވަކި މަގުސަދެއް އަދި ރޭވުންތެރިކަމެއް ނެތްކަން ހާމަވޭ
މި ވޯޓުގެ މަގުސަދަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި ގައުމުގެ ހާލަތު މިހާރު އޮތް ގޮތާ މެދު ރައްޔިތުންގެ ސަމާލުކަން އަނބުރާލުން
"މިހެންކަމުން މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުންސުރެ އުފެެދިފައި ހުންނަ ކުދިކުދި ބައެއް ދެބަސްވުންތައް ފިތުނަ އާއި ހަސަދައަށް ބަދަލުކޮށް، އެކަންކަމުން ސީޔާސީ މަންފާ ހާސިލުކުރަން ސީދާ ރައީސް މުއިއްޒު ކުރައްވާ ކަމެއްކަން ވެސް ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - އައްޑޫގެ ބައެއް ރައްޔިތުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ސަރުކާރުން ވޯޓަށް މި އަހަނީ އައްޑޫގެ ތިން އަވަށް އެ ސިޓީން މުޅިން ވަކިވެ ތިން ރަށެއްގެ ގޮތުގައި އޮތުމަށެވެ. އެ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން: 
ހިތަދޫ، މަރަދޫފޭދޫ އަދި މަރަދޫއާ އެއް ބައްރަކަށް އޮންނަ ފޭދޫ ވަކި ރަށަކަށްވެ ވަކި ކައުންސިލެއް އުފެދިދާނެ 
ހުޅުމީދޫ ވަކިވެ އަދި ހުޅުދޫ އާއި މީދޫ ވެސް ވަކި ދެ ރަށަކަށް ވެދާނެ
ފަސްމަންޒަރު - ވަކިން އޮންނަ ހުޅުމީދޫ އައްޑޫގެ ގުޅިފައިވާ ރަށްތަކާ އެކު އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮންނާތީ އެކަމާ މެދު އެ ދެ ރަށުގެ މީހުންގެ މެދުގައި އަބަދުވެސް ޝަކުވާ އޮވެ އެވެ. އަދި އެއްފަސްކޮށް އޮތް ނަމަވެސް ހުޅުދޫ އާއި މީދޫ އަކީ ވެސް ވަކި ދެ ރަށުގެ ގޮތުގައި ބޭއްވުމަށް ވެސް ބައެއް މީހުން ތާއީދު ކުރެ އެވެ. 
އެކަމަކު، ބޮޑު މަސްލަހަތު އޮތީ އައްޑޫގެ ހުރިހާ ރަށެއް އެކުގައި ސިޓީއެއްގެ ގޮތުގައި އޮތުމުގެ މައްޗަށް ކަމަށް ބަލައި ސަރުކާރުތަކުން އެކަމަށް އޮތީ މިހާތަނަށް ޖާގަ ނުދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ