އުރީދޫއިން ޕޭޕަލް ތައާރަފު ކުރުން: މުއިއްޒު ވިދާޅުވަނީ ސަރުކާރުން ވެސް މަސައްކަތް ކުރި ކަމަށް އުރީދޫއިން ޕޭޕަލް ތައާރަފު ކުރުން: މުއިއްޒު ވިދާޅުވަނީ ސަރުކާރުން ވެސް މަސައްކަތް ކުރި ކަމަށް

އުރީދޫގެ އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް އަންނަ އަހަރު ތައާރަފު ކުރަން މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން އިއުލާނުކުރުމުން، އެކަމުގައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް އެއްބަސްވުމަކަށް އައުމަށް އެންމެ ފަހުގެ މަޝްވަރާތައް ކުރަމުންދާކަން އޫރިދޫ މޯލްޑިވްސް އިން އިއުލާނުކުރީ މިރޭ އެވެ. ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަކީ އެންމެ މުހިންމު އެއް ރިޔާސީ ވައުދު ކަމަށެވެ.
"ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މި ދިޔައީ. އެއްކަލަހެން ބިހައިންޑް ކްލޯސް ޑޯގަ ވަރަށް ގިނަ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ އެކި ފަރާތްތަކާ ގުޅިގެން ކުރަމުން. މިއަދު އެ ވަނީ ރާއްޖެއަށް ޕޭޕަލް ހިދުމަތް ގެނައުމަށް ޕޭޕަލްގެ ފަރާތުން ގަތަރުގެ އުރީދޫ ފިންޓެކް މި ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް މަސައްކަތް ކުރާނެކަން އިއުލާނުކޮށްފަ،" މުއިއްޒު ވިދާޅުވި އެވެ.
އޫރިދޫއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއްބަސްވުމަކަށް އާދެވި ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވޭނީ އަންނަ އަހަރު ކަމަށެވެ. މުއިއްޒު ވެސް ވިދާޅުވީ އަންނަ އަހަރު އެ ހިދުމަތް ފެށޭނެ ކަމަށެވެ.
"އެބޭފުޅުންގެ ފަރާތުން މިކަން ވެގެންދާއިރު، އަޅުގަނޑުމެންނަށް ވަރަށް އުންމީދު އެބައޮތް. މާ ލަސްތަކެއް ނުވެ. މި އަންނަ އަހަރު ތެރޭގަ، ވީހާވެސް އަވަހަކަށް އެ ހިދުމަތް. ޕޭޕަލް ލިބިގެންދާނެ ކަމަށް. ޕޭޕަލް އަކީ އޮންލައިންކޮށް ވިޔަފާރިކުރާއިރުގަ ވަރަށް މުހިންމު. އެންމެ ފުޅާ ޕްލެޓްފޯމް،" މިރޭ މުއިއްޒު ވިދާޅުވި އެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ފުޅާކުރުމަށް، އެ ކުންފުންޏަށް ސަރުކާރުން ޕްރޮޕޯސަލް ހުށަހެޅީ މީގެ އަހަރެއް ކުރިންނެވެ.
އޫރިދޫ މޯލްޑިވްސް އިން ރާއްޖެއަށް ޕޭޕަލް ތައާރަފުކުރަން ނިންމީ، އު ކުންފުނީގެ މައި ކުންފުނިން މި މަހުގެ ފުރަތަމަ ދުވަހު ޕޭޕަލް އާއެކު ވީ އެއްބަސްވުމެއްގެ ދަށުން ކަމަށް ބެލެވެ އެވެ. އެ އެއްބަސްވުމުގެ ދަށުން އުރީދޫއިން ހިދުމަތް ދޭ ގައުމުތަކުގައި، އެ ކުންފުނީގެ ކަސްޓަމަރުންނަށް ޕޭޕަލް ބޭނުންކުރެވޭނެ ފުރުސަތު ފަހި ކުރެވެ އެވެ.
އުރީދޫއިން މިރޭ ބުނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޕާޓްނާޝިޕުގެ ތަފުސީލުތައް މިހާރު ފުރިހަމަ ކުރަމުންދާ ކަމަށެވެ.
"މި ޕާޓްނާޝިޕުގެ ސަބަބުން ވިޔަފާރިވެރިންނާއި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ފައިދާވާނެ. މި ހިދުމަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު. ހިދުމަތް ފެށުމުން ޕޭޕަލްގެ މާޗަންޓުންނާއެކު ވިޔަފާރި ކުރެވޭނެ އަދި އެމް-ފައިސާ އެކައުންޓާއި ޕޭޕަލް އެކައުންޓާ ދެމެދު ފަންޑު ޓްރާންސްފާ ކުރެވޭނެ،" އުރީދޫއިން ބުންޏެވެ.
ޕޭޕަލް ތައާރަފު ކުރުމުން ބޭރުގެ ފަރާތްތަކަށް ތަކެތި ވިއްކުމަށް ދިވެހިންނަށް ފަސޭހަވެގެންދާނެ އެވެ. އެއީ ޕޭޕަލްއިން ފައިސާ ދެއްކުމުން ރާއްޖޭއި އެ ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ