ދާއޫދު ޗުއްޓީއަށް ވަޑައިގެންނެވުމުން ހުޅުމާލެ ޕޮލިސް ހިންގުން ވަގުތީ ގޮތުން އަހުމަދު މުހައްމަދަށް

ހުޅުމާލެ ޕޮލިސް ހިންގުން ވަގުތީ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ)އާ މިއަދު ހަވާލުކޮށްފި އެވެ.
ތަފްސީލް - ފުލުހުން 'ދައުރު' އަށް ބުނިގޮތުގައި އެ މަގާމު އަހުމަދު މުހައްމަދާ ހަވާލުކުރީ، އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ. 
"ޗުއްޓީ ނިންމަވާފައި އެނބުރި ވަޑައިގަންނަވަންދެން އެ ކޮމާންޑް ހިންގެވުން އޭސީޕީ އަހުމަދު މުހައްމަދާ ވަނީ ހަވާލުކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ދާއޫދު ޗުއްޓީ މި ނެންގެވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތަކެއް ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން މިއަދު އާންމުކޮށްފައި ވަނިކޮށެވެ.
މި ރިޕޯޓުގައި ވާގޮތުން:
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ފައިސާ ލިބި، 14.6 މިލިއަން ރުފިޔާގެ އެސެޓް ދާއޫދު ހޯއްދަވާފައިވާ ކަމަށް ތުހުމަތުކުރެވޭ
ދާއޫދަށް ކާކުގެ ފަރާތުންކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ މިދިޔަ ދެ އަހަރު ލިބިފައިވާ ކަމުގެ ތުުހުމަތުކުރެވޭ
ނޮވެމްބަރު 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާކުރަމުންދާކަމުގެ ތުހުމަތުކުރެވޭ
އެ ގޭގެ ކުލި ޖަމާވަނީ އެ ގެ ހަދަން އިންވެސްޓުކޮށްފައިވާތީ ކަމަށް ވިޔަސް، އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ފައިސާ ލިބުނު ގޮތެއް ނޭނގޭ
އިތުރު އެޕާޓްމަންޓެއް އެފްޑަބްލިއު ރެސިޑެންސްއިން 4 މިލިއަން ރުފިޔާއަށް ދާއޫދު ގަނެފައިވާކަމުގެ ތުހުމަތުކުރެވޭ
ފާހަގަކުރެވޭ - ދާއޫދު އާއި އަހުމަދު މުހައްމަދަކީ 2020 ވަނަ އަަހަރު ޕޮލިސް ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން ފަސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ކޯޓުގައި އެ މައްސަލަ އޮއްވައި، 2021ވަނަ އަހަރު އަހުމަދު މުހައްމަދު މަގާމުން ވަކި ކުރި އެވެ. އެކަަމަކު 2022ވަނަ އަހަރު ސިވިލް ކޯޓުން ޕޮލިސް ބޯޑުގެ ނިންމުން ގޯސްކަމަށް ނިންމުމުން ވަޒީފާ އަނބުރާ ދިނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ