އެކަށީގެންވާ ވަގުތާއި މައުލޫމާތު ފޯރުކޮށްނުދީ އައްޑޫ ބައިބައިކުރާ ވޯޓު ނަގާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެކަށީގެންވާ ވަގުތާއި މައުލޫމާތު ފޯރުކޮށްނުދީ އައްޑޫ ބައިބައިކުރާ ވޯޓު ނަގާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ފުރިހަމަ މައުލޫމާތާއި އެކަށީގެންވާ ވަގުތު ނުދީ އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ވޯޓަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތައް ނުފުއްދި ސަރުކާރަށް ތާއީދު ގެއްލޭތީ ރައްޔިތުންގެ ސަމާލުކަން އަނބުރާލަން ރޭވިގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި، މި ވޯޓު ނެގުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު އެ ޕާޓީގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
އެގޮތުން އައްޑޫ ވޯޓު ނެގުމަށް ކަނޑައަޅާފައިވާ މުއްދަތަކީ މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މީގެ އިތުރުން، މި ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ތާއީދުނުކުރާނެ ކަމަށް ރައީސް މުއިއްޒު އިއުލާނުކޮށްފައިވުމުން، މި ކަމަކީ އެއްވެސް ހަރުދަނާ ވިސްނުމެއް، ސީދާ މަގުސަދެއް އަދި ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްކަން ހާމަވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
"މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުންސުރެ އުފެދިފައި ހުންނަ ބައެއް ކުދިކުދި ނުތަނަވަސްކަމާއި ދެބަސްވުންތައް ފިތުނައާއި ހަސަދައަށް ބަދަލުކޮށްގެން، އެ ކަންކަމުން ސިޔާސީ މަންފާ ހާސިލުކުރަން ސީދާ ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ކަމެއްކަންވެސް ފާހަގަކުރެވޭ،" މައި އިދިކޮޅު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އައްޑޫ ވޯޓު ނަގަނީ މި ފަހުން މަޖިލީހުން ފާސްކުރި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުންނެވެ. އެ ބިލު މަޖިލީހަށް ހުށަހަޅައި ފާސްކުރީ ދިރާސާކުރުމަށާއި، މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި އަވަސް އަރުވައިލައިގެން ކަމަށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި ބިލުގެ ބަހުސްގައި އަދި ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެންބަރުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އެގޮތުން، މިފަދަ ވޯޓުތަކުގައި ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް އޮތް މާއްދާތައް ބަދަލުކޮށް، އެ ފަދަ ވޯޓުތައް ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިންކަމުގައި ހެދުމަށް އެމްޑީޕީން އެދުނެވެ. އެކަން މިއަދުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ބިލު ފާސްކުރީ އިދިކޮޅުގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އައްޑޫ ވޯޓު ނަގާ ދުވަސް އިއުލާނުކުރި ފަހުން، ސީދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ވޯޓުގެ އެއް ސުވާލު އުނިކުރައްވާފައިކަން އެމްޑީޕީން މިއަދު ފާހަގަކޮށްފައިވެ އެވެ.
އައްޑޫ ވޯޓުން އުނުކުރީ އަތޮޅު ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލެވެ. އެހެންކަމުން މިމަހު 25 ގައި އޮންނަ ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ