ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ ދެ ކޮންޓެއިނަރުގެ މައްސަލައިގައި ފުލުހުން މިރޭ ހަތަރު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
އެއީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މި މައްސަލައިގައި ހައްޔަރު ކުރީ އަމިއްލަ ވިޔަފާރިވެރިޔެއް ކަމުގައިވާ އަހުމަދު އާރިފު އާއި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރެއް ކަމުގައިވާ މުއާޒު އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމުގައިވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލް އެވެ.
މި މައްސަލައިގައި ބައެއް ތަންތަން ފުލުހުން މިހާރު ދަނީ ބަލައި ފާސް ކުރަމުންނެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒް އަލީ ދިރިއުޅޭ ގެ ހިމެނެ އެވެ. އޭނާ އަކީ މިހާރު މިފްކޯގެ އިސްވެރިޔެކެވެ.
އެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
އެ ސިނގިރޭޓުތައއް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެޓު ކުރީ އެ އޮފީހުން ކަމަށެވެ.
ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގުމަށްފަހު ވަގުން ހުރީ ކޮންޓެއިނަރުގެ ތެރޭގައި ފޮޓޯގަނޑެއް ހަރުކޮށްފަ އެވެ. އެ ފޮޓޯގަނޑަކީ، ޕީޕީއެމްގެ އޮފީހަށް މައުމޫން ވަދެވަޑައިގެން "ގރހަނޑާ ދެން" ލިޔެފައި އިން ފާރެއްގެ ކައިރީގައި ހުއްޓިވަޑައިގެން ނަންގަވާފައިން ފޮޓޯގަނޑެކެވެ.
ސިނގިރޭޓުތައް ވަގަށް ނެގީ ބަނދަރުގެ ކެމެރާތައް ނިއްވާލުމަށްފަހު ކަމަށް އެނގިފައިވެ އެވެ. އަދި ނިއްވައިނުލެވި ހުރި ބައެއް ކެމެރާތަކުގެ ފުޓޭޖު ޑިލީޓުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ