ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ށ. ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފޭދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލް ރައީސް، ކައުންސިލަރުން، މުއައްސަސާތަކުގެ އިސްވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން އަދި ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ފޭދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ ފުންމިނުން، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އަޅުގަނޑުމެން މިތަނުގައި، ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށްފިން. އަދި ބައެއް މަސައްކަތްތައް ފެށިގެން މިދިޔައީ. އާދެ، މިއިން ކޮންމެ މަސައްކަތަކީވެސް، މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ފައިދާތަކެއް ވެގެންދާނެ މުހިންމު މަސައްކަތްތަކެއް. މި ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަކީ، ރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންޖެހިފައިވާ އަދި ރިޔާސީ އިންތިޚާބުގައި އެކަމަކަށް އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް. ޖުމްލަ 10 މަގު މި ވަގުތަށް މި ހެދިގެންދަނީ. މި މަގުތަކަކީ ހެދިގެން ދިޔުމުން، ރައްޔިތުން ދުވަހުން ދުވަހަށް ތަޙައްމަލު ކުރަމުންދާ ދަތިތަކަށް، ވަރަށް ބޮޑު ފަސޭހަކަމެއް ލިއްބައިދޭނެ ކަންތައްތަކެއް. ހަމައެއާއެކީގައި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ސަބަބުންވެސް ވަރަށް ބޮޑެތި ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ. ކަންބޮޑުވުންތަކަކަށް ޙައްލު އަންނާނެ.
އާދެ، މީގެއިތުރަށް ހުރި ކަންކަމަށް ބަލާއިރުގައި، ވަރަށް ގިނަ މައްސަލަތައް ޙައްލުކުރަން އެބަހުރި. މި ހުރިހާ ކަމެއްގައި، އަދި ސޮއިކުރެވުނު ދެ މަޝްރޫޢާ، މި ހުރިހާ ކަމެއްގެ ތެރެއިންވެސް ލިސްޓުގެ އެންމެ ކުރިއަށް އޮތީ، ވަރަށް ޔަޤީންކަމާއެކު އަޅުގަނޑަށް ދަންނަވަން އެނގޭ، ރައްޔިތުންގެ އިޙްސާސްތައް އަޅުގަނޑާ ހިއްސާކުރެއްވީމާ، ސްކޫލްގެ މައްސަލަކަން. ސްކޫލް މަޝްރޫޢު މިހާރު އެތައް ދުވަހެއް މިވަނީ. ދެ އަހަރެއްހާ ދުވަސްވީއިރު ޙައްލުނުވެ މިއޮތީ. އަދިވެސް އެހުރީ އެ މަސައްކަތް ހުއްޓިފައި ހުރި ގޮތުގައި. ކުރިއަކަށް ނުއެއްދޭ.
އާދެ، މި މައްސަލަ އަޅުގަނޑު ޙައްލުކުރާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ދާއިމީ ޙައްލެއް މާނައަކީ، ވަރަށް ބާރު ސްޕީޑްގައި ހަމަ އެކަށީގެންވާ ވަރަކަށް މީހުންނާއި ތަކެތި އަރުވައިގެން، ވަރަށް ރަނގަޅަށް ގެންދެވޭގޮތް ހަމަޖައްސާނަން. މިހާރު މިދިޔަ ގޮތަކަށް މިކަމެއް ނުކުރެވޭނެ. މިނިސްޓްރީ ތެރެއިން މަސައްކަތް ކުރަމުން އެދިޔައީ، އެ އޮންނަ އެގްރިމެންޓްގެ ތެރެއިން އެ އާކޮށްގެން، މުއްދަތު އިތުރުކޮށް، މި ހުރިހާ ކަމެއް ކޮށްގެން އެކަން ކުރެވޭނެގޮތެއްވޭތޯ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އެ ސްޕީޑްގައި، ނޫނީވިއްޔާ އެގޮތަށް އެކަން ގެންދަން ފުރުޞަތު ދީގެނެއް، އެ ލަސްމިނުގައި ގެންދަން އެއީ، އެއްގޮތަކަށްވެސް ރަނގަޅުގޮތެއް ކަމަކަށް.
ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ މި ހުރިހާ މައްސަލައެއްގެ ތެރެއިންވެސް ތަޢުލީމީ ދާއިރާއަށް މި ރަށަށް ގެންނަން ބޭނުންވާ، އަންނަންޖެހޭ ތަރައްޤީ. މި މަޝްރޫޢު ނިންމައިދިނުން. އެކަން އަޅުގަނޑަށް މިހާރު ވަރަށް ސާފު. އެހެންވީމާ، އަޅުގަނޑު ޔަޤީންކަންދެން އިރާދަކުރެއްވިއްޔާ ހަމަ އެންމެ އިސްކަމެއްދީގެން، މި ސޮއިކުރެވުނު ކަންކަމާއި، ދެންހުރި ކަންކަމަށްވުރެވެސް އިސްކަންދީގެން މިކަން ކުރާނީ އަޅުގަނޑުމެންކަން. އެ ޔަޤީންކަން ދެން ތިޔަބޭފުޅުންނަށް. ވަރަށްކުރު މުއްދަތެއްގެ ތެރޭގައި. ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ތިޔަބޭފުޅުންނަށް ފެންނަގޮތް ހަދާނަން. ސަރުކާރުން މިކަމަށް އެންމެ އިސްކަމެއްދީގެން، މި ސްކޫލްގެ މަލްޓި ޕާރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ މި މަޝްރޫޢު، ވަރަށް ބާރު ސްޕީޑްގައި ދާގޮތް ހަދައިދީ، އެކަން ކުރިއަށްދާގޮތް އަޅުގަނޑު ހަދައިދޭނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. ދެން ހިންގަވާ، އެކަން ވާތަން ބަލަން. އަދި އެކަން އަވަހަށް ނިންމަން މަސައްކަތް ކުރަން. އެކަން އެގޮތަށް ގެންދާނަން.
އާދެ، އޭގެއިތުރަށް، ދެން ހަމަ މި ދެންނެވި ގޮތަށް، މި ސޮއިކުރެވުނު މަޝްރޫޢުތަކާއި އަދި އިތުރު މަޝްރޫޢުތައް އެބަހުރި. ހަމަ ވަރަށް މުހިންމު ކަންކަން. މިސާލަކަށް، މޫދަށް އެރުމަށް ސަރަޙައްދެއް ކަނޑައެޅުން. ނޫނީވިއްޔާ ތަރައްޤީކުރުމުގެ މަޝްރޫޢުގައި އޮތީ ހަމަ ކުރިންވެސް ސޮއިކުރެވިފައި. މި މަޝްރޫޢާއި، ދެންމެ ސޮއިކުރެވުނު ރަށްގިރުމުގެ ޝޯރ ޕްރޮޓެކްޝަން މަޝްރޫޢާއި އަދި ބަނދަރުގެ ރެކްޓިފިކޭޝަން މަސައްކަތްތަކެއްވެސް އެބަހުރި ކުރަން. މަގުހެދުން. ހުރިހާ ކަމެއް މިއޮތީ އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން ހަވާލުކޮށްފައި. އެހެންވީމާ، އެމް.ޓީ.ސީ.ސީ.ގެ ތެރެއިން މި ތިން ހަތަރު ކަންތައް، އެކުއެކީގައި ދާނެ ގޮތަކަށް. މީގެތެރޭގައި، ގުޅި ލާމެހޭ ކަންކަން އެބަހުރި. ބޮޑުހިލައާއި، މިހެންގޮސް ކަންކަމާ ގުޅޭ މައްސަލަތައް ދާނެގޮތް، އަޅުގަނޑުމެން ތަރުތީބު ކުރާނަން. އިރާދަކުރެއްވިއްޔާ އެގޮތަށް މިކަންކަން ގެންދެވޭނެ.
އެހެންވީމާ، މޫދަށްއެރޭ ސަރަޙައްދުގެ މަޝްރޫޢުވެސް ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް ކުރިއަށް ގެންގޮސްދޭނަން. އަދި ރަށްގިރުމުގެ މަޝްރޫޢުވެސް ދާނީ އެއާ ގުޅޭގޮތަށް. އަދި ބަނދަރުގެ ރެކްޓިފިކޭޝަން މަސައްކަތްތަކެއްވެސް އެބަހުރި. އެހެންވީމާ، އެކަންކަންވެސް މިހާރު ވަނީ ސާރވޭ ކުރެވިފައި. އެހެންވީމާ، މި ދެންނެވި ގޮތަށް، މި ތިން ކަންތައް ހަމަ ހިނގާނެ.
އޭގެއިތުރަށް، އަޅުގަނޑު ފާހަގަކޮށްލާނަން، މި އަންނަ އަހަރަށް އަޅުގަނޑުމެން ކަނަޑައަޅާފައި އޮތް މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި، އެންމެ މުހިންމު ކަމަކަށް އަޅުގަނޑުމެން މިއޮތީ ހިމަނާފައި، 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އެޅުން. އެހެންވީމާ، އެކަން މި އަންނަ އަހަރު ބަޖެޓު ފާސްވެގެން އަންނައިރުގައި، އާ މަޝްރޫޢެއް ގޮތުގައި ހިނގާނެ އެންމެ މުހިންމު އެއް މަޝްރޫޢަކަށް ވާނެ. ޒަމާނީ ފެންވަރުގެ، މިހާރު އަޅުގަނޑުމެން އަޅާ ކޮންސެޕްޓްގައި، ހުރިހާ ފެސިލިޓީޒް ހިމެނޭ، 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު، މި އަންނަ އަހަރު ކުރީކޮޅު މި ރަށުގައި އަޅުގަނޑުމެން ފަށައިދޭނަން.
ހަމައެއާއެކީގައި، އަޅުގަނޑުމެން މަސައްކަތް ކުރާނީ، މި އަހަރު ތެރޭގައި، ކުރިއަށް އޮތް ދުވަސްތަކުގައި ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، ފަށައިދިނުމަށް. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ފަށައިދޭނަން. ހަމައެއާއެކީގައި، މިހާރު އޮތް ފުޓްސަލް ޕިޗުގެ ޓަރފް ބަދަލުކޮށްދިނުމުގެ މަސައްކަތްވެސް، މި އަހަރު އަޅުގަނޑުމެން ބަޔަކާ ހަވާލުކޮށްދޭނަން. އެ ޓަރފް ބަދަލުކުރުމުގެ މަސައްކަތް. އަދި، ފުޓްބޯޅަ ދަނޑުގެ މިހާރު ނިންމަން އެބަހުރި ބައެއް މަސައްކަތް. އޭގެއިތުރަށް، މި ދެންނެވީ، އެ ޓަރފް ފިނިޝްކުރުމަށް ކުރަންހުރި މަސައްކަތުގެ އިތުރަށް، ލައިޓްޖެހުމާއި، ރޮސްޓްރަމެއް ހެދުމުގެ މަސައްކަތްވެސް، މި އަހަރު އަޅުގަނޑުމެން ބަޔަކާ އެބަ ހަވާލުކުރަން. އެހެންވީމާ، މި މަސައްކަތްތައް މިގޮތަށް ހިނގާނެ.
އާދެ، އެއީ ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، އަޅުގަނޑުމެން މިއަދު މި ބިންގާއެޅި ފިޓްނަސް ސެންޓަރުގެ އިތުރަށް ހިނގާނެ ކަންކަން. ފިޓްނަސް ސެންޓަރު އެޅެން މިއޮތީ، އެތާހުރި ޕަވަރހައުސް ރީ-ލޮކޭޓް ވެގެން. ޕަވަރހައުސް ރީ-ލޮކޭޝަނަށް ކޭބަލްއެޅުން މިހާރު ފެނަކައިން އެއޮތީ ފަށާފައި، ނޫނީވިއްޔާ ކުރިއަށްދާން ހަމަޖެހިފައި. އެހެންވީމާ، އެ ބޭފުޅުން ވަރަށް އަވަހަށް އެކަން ހަމަޖައްސަވާނެ. ހަމަޖެހުނީމަ، އެތަން ރޫޅާލާފައި، ފިޓްނަސް ސެންޓަރުގެ މަސައްކަތް ފަށާނެ.
އޭގެއިތުރަށް، ފުލުހުންގެ މަރުކަޒު އެޅުމަށް ކަނޑައަޅާފައި ހުރި އިމާރާތް، ކުރީގެ ސްކޫލަށް ބޭނުންކުރި ތަން. އަޅުގަނޑުމެން މިހާރު، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން އެތަން ސާފުކޮށްހަދާފައި، ކްލިއަރކޮށް ހަދާފައި އެތަން ހަވާލުކުރާނެ ކައުންސިލާ. ހަވާލުކުރީމަ، ފުލުހުންގެ މަރުކަޒުތައް އެޅުން މި އަހަރުވެސް އަދި ވަރަށް ގިނަ ރަށްރަށުގައި ކުރަން އެބައޮތް. އަޅުގަނޑުމެން ވަރަށް އަވަހަށް، އިތުރު ސާޅީހަކަށް ރަށުގައި އެ މަޝްރޫޢު ހިންގަން އެބަ ސޮއިކުރަން. އޭގެތެރޭގައި، މި ރަށްވެސް ހިމެނޭނެ. އެތަނުގައި މި އިމާރާތް ޤާއިމުކުރުން އޮތީ. އެހެންވީމާ، މި ދެންނެވި ތަރުތީބުން އެ މަސައްކަތްވެސް އޮތީ ރޭވިފައި.
އާދެ، މިކަންކަމުގެ އިތުރަށް ބަލާއިރުގައިވެސް، މުހިންމު ގިނަ ކަންތައްތަކެއް އަދި ކުރިއަށް އެބައޮތް. މިސާލަކަށް، ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް މި އަހަރު ތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް، މި ރަށުގެ ޞިއްޙީ މަރުކަޒު ބަދަލުކުރާނަން. އެކަމަށްޓަކައި ބޭނުންވާ ވަޒީފާތަކަށް މީހުން ނެގުމަށް ދޭންޖެހޭ ހުއްދަތައް، ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބިގެންދާނެ، އިޢުލާނު ކުރުމުގެ ފުރުޞަތު. އަދި އިޢުލާނު ކުރެވިގެންވެސް ދާނެ. އެކަމަށް ބޭނުންވާ ހިއުމަން ރިސޯސް، އެއީ ނަރުހުން އަދި ޑޮކްޓަރުން ކަމުގައިވިޔަސް، އަދި އެހެން ދާއިރާތަކުގެ ހިއުމަން ރިސޯސް ކަމުގައިވިޔަސް. މިވަގުތަށް ބޭނުންވާ ވަޒީފާތައް. އަދި އޭގެއިތުރަށް، އިމާރާތަށް އިތުރުކުރަންޖެހޭ ބައެއް އެބަހުރި، ކުރަންޖެހޭ ބައެއް މަސައްކަތްތައް. މެޑިކަލް ޚިދުމަތްތައް ދިނުމުގައި އިތުރުކުރަންޖެހޭ. މިސާލަކަށް، އިތުރަށް ވަރޑު، އެނދު ބޭނުންވޭ. އަދި، އިތުރަށް އެބަ ބޭނުންވޭ، މެޑިކަލް ޚިދުމަތްތައް ދިނުމުގައި ކޮންސަލްޓޭޝަން ރޫމްތަކާއި، މިހެން ހުންނަ ބައެއް ކަންކަމަށް ޖާގަ. އެހެންވީމާ، އިތުރަށް މި ބޭނުންވާ ޖާގަ އުފެއްދުމަށްޓަކައި، ނޫނީވިއްޔާ އިތުރުކުރުމަށްޓަކައި، އިތުރު އެކްސްޓެންޝަން އިމާރާތެއް އެޅުން އެބައޮތް. މި އަހަރު އަޅުގަނޑުމެން ބަޔަކާ އެ މަސައްކަތްވެސް އެބަ ހަވާލުކުރަން. އެހެންވީމާ، މިހާރުން މިހާރަށް އަޅުގަނޑުމެން މިއުޅެނީ 24 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި، ހިއުމަން ރިސޯސް އިތުރުކުރުމުގެ ހުއްދަދޭން. އަދި ބަދަލުކޮށްދިނުން. ހަމައެއާއެކީގައި، ޕެރެލަލީ އިމާރާތެއް އެޅުމަށް އެބަ ހަވާލުކުރަން. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައި އޮތްގޮތަށް، މި ރަށުގެ ޞިއްޙީ ޚިދުމަތް އަޕްގްރޭޑްވެގެން، ތަރައްޤީވެގެން ދާތަން.
އާދެ، މިއީ ހަމަ އަޅުގަނޑު ބައެއް ކަންކަން މި ފާހަގަކޮށްލީ. އޭގެއިތުރަށްވެސް، ކުރިއަށް އޮތް ތާނގައި، އިތުރު މަޝްރޫޢުތައް މި ރަށުގައި އެބަހުރި ކުރިއަށް ގެންދަން. އަޅުގަނޑުމެން ކައުންސިލް އިމާރާތް އެޅުންވެސް، ރާއްޖޭގެ 105 ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައި، ދެ ފަންޑެއްގެ ތެރެއިން މިއޮތީ. މި ރަށުގައި މިއޮތީ، ޗައިނާގެ ހިލޭ އެހީގައި އަޅާ ކައުންސިލް އިމާރާތެއް އެޅުން. 50 ރަށެއްގެ ތެރޭގައި، މި ރަށް ހިމެނިގެން އެބަދޭ. ދެން، އެ މަޝްރޫޢު އެބަ ހިނގާ. އަދި ޢަމަލީގޮތުން ބިންމަތީގައި ނުފެންނަނީ. އެކަމަކު، އޭގެކުރިން ހިނގަންޖެހޭ ކަންކަން، އެއްވެސް ކަހަލަ އިޝޫއެއްނެތި، ބަރާބަރަށް، ސްޓެޕް ބައި ސްޓެޕް ކުރިއަށް އެބަދޭ. ދެންގޮސް، ވަރަށް އަވަހަށް އަޅުގަނޑު އުންމީދުކުރަނީ، ފިޒިކަލީ ރަށްރަށުގައި މަޝްރޫޢުތައް ފެށޭނެއޭ.
ދެން، އޭގެއިތުރަށްވެސް ކަންކަން އެބަހުރި. ބައިވަރު މަޝްރޫޢުތައް ހުންނާނެ ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން. އަޅުގަނޑު މައިގަނޑު ގޮތެއްގައި މި ފާހަގަކޮށްލީ، ހަމަ އެންމެ މުހިންމު ކަންކަން. ރައްޔިތުންނާއި، ކައުންސިލް، މުއައްސަސާތައް، މި ހުރިހާ ބޭފުޅުންނާ އެކިގޮތްގޮތުން މިއަދު މިތަނުގައި އަޅުގަނޑާ ބައްދަލުވެއްޖެ. ނިމިގެންދިޔަ ބައްދަލުވުމުގައިވެސް ވަރަށް ތަފްޞީލުކޮށް، ކައުންސިލުން، މުއައްސަސާތަކުން ވަރަށް ގިނަ ކަންކަން ޙިއްޞާކުރެއްވި. އަދި، އަޅުގަނޑާ މިތަނުން ވަރަށް ގިނަ ރައްޔިތުންނާ ބައްދަލުވެސްވެ، އެކި ކަންކަން ޙިއްޞާވެސް ކުރެއްވި.
އެހެންވީމާ، މި ހުރިހާ ކަމެއްގެ އަލީގައި، އެންމެ އިސްކަންދޭންޖެހޭ ތަރުތީބަކުން، މިކަންކަން މި ދަންނަވާލީ. އެއްވަނައަށް ސްކޫލް، ދެންހުރި ކަންކަން އޭގެ ފަހަތަށް މި އަންނަނީ. އެ ތަރުތީބުން، ރައްޔިތުންގެ އިޙްސާސްތަކާއި، ވިންދާ ގުޅޭގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް، ފޭދޫގެ މި ދެންނެވި ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އެ ޔަޤީންކަން އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އަރުވަމުން، އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ