ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މި ފަހަރު ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް ވަނީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މި ފަހަރުގެ މުބާރާތުގައި އާރްއާރްސީން ވަނީ އެންމެ ފުރަތަމަ ކުޅުނު މެޗުން 1-0 އިން އެސްޓީއޯ ބަލިކޮށްފަ އެވެ. އާރްއާރްސީން ފުރިހަމަ ރެކޯޑަކާ އެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފައިނަލަށްދިޔައިރު، ރޭގެ ސެމީ ފައިނަލުގައި ވަނީ 9-3 އިން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފަ އެވެ. އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕްގެ ފަައިނަލުގައި މި ކުޅެނީ ޖެހިޖެހިގެން ތިން ވަނަ އަހަރު އެވެ.
ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެމްޕީއެލް އަތުން ރޭ 2-0 އިން މޮޅުވެ، ހަތަރު ފަހަރު ތަށި ހޯދާފައިވާ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ކާމިޔާބު ޓީމު، އެސްޓީއޯ އިން މުބާރާތުގެ ފައިނަލުގައި މި ކުޅެނީ، 10 އަހަރަށް ފަހު އެވެ. އެ ޓީމު އެންމެ ފަހުން ފައިނަލެއްގައި ކުޅުނީ 2016 ވަނަ އަހަރު އެވެ.
ރޭގެ މެޗުގައި އާރްއާރްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ރޭގެ ސެމީ ފައިނަލުގައި، އާރްއާރްސީން އާދަމް ނާސިހު (އާދަންނާ)ގެ ގޯލުން ލީޑުނެގިތާ މާގިނައިރެއްނުވެ، އެ ޓީމުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލަކުން ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، އިރާންގެ މޮހްސިން މޮންތަޒޭމީ ރަނގަޅު ތަނަށް އަރައި ޖެހި ގޯލުން އާރްއާރްސީން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ.
ދެ ވަނަ ހާފު ފަށައިގެން އާރްއާރްސީން ވަނީ ފުލުފުލުގައި ފަސް ލަނޑު ޖަހައިފަ އެވެ. މީގެ ތެރެއިން ތިން ލަނޑު ޖެހީ އަލީ ޝާމިސް (ތޮއްޕޭ) އެވެ. އަނެއް ދެ ލަނޑު ޖެހީ މިދިޔަ އަހަރު މޯލްޑިވިއަން އަށް ކުޅުނު އަހުމަދު އަފްލާޒް އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަންނާ އެވެ. އޭގެ ފަހުން، ހުސެއިން މައިޝާން މޯލްޑިވިއަން އަށް ލަނޑެއް ޖަހައިދިނުމާ އެކު، އާދަންނާ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި، ބަދަލަކަށް ކުޅެން އަރައި، މޯލްޑިވިއަންގެ އަހުމަދު އަޒްމީން ލަނޑު ޖެހި ފަހުން ވެސް، އާދަންނާ ވަނީ މެޗުގައި އާރްއާރްސީގެ ނުވަ ވަނަ އަދި، އޭނާގެ ހަތަރު ވަަނަ ލަނޑު ޖަހައިފަ އެވެ.
އެސްޓީއޯ ޓީމަށް ލަނޑު ޖަަހައިދިނުމަށް ފަހު ރާހިލް އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ކުއާޓާ ފައިނަލުގައި ކްލަބް އެމްޓީސީސީއާ ދެކޮޅަށް ބަދަލަކަށް ކުޅެން އަރައި، އެސްޓީއޯގެ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ލަނޑު ޖެހިއިރު، ރޭގެ މެޗުގައި ވެސް އޭނާ ވަނީ ބަދަލަކަށް ކުޅެން އަރައި ކުރީގެ ޓީމު އެމްޕީއެލް ކޮޅަށް ލަނޑު ޖަހައިފަ އެވެ.
އެމްޕީއެލްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ލަނޑެއް ޖެހޭގޮތެއްނުވީ، އެސްޓީއޯގެ ކުޅުންތެރިން އެކުގައި ރަނގަޅު މަސައްކަތްތަކެއް ކުރުމުންނެވެ.
ނަތީޖާ ހަމަހަމަކުރަން އެމްޕީއެލްގެ ގިނަ ކުޅުންތެރިންކުރިއަށް އަރައި ތިބި ވަގުތެއްގައި އެސްޓީއޯގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު އިމްރާން (އިންމި) އަމިއްލަ ހާފުގައި ހުރެފައި ޖެހި ގޯލަކުންނެވެ.
އާރްއާރްސީ އާއި އެސްޓީއޯ ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.
ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި އެސްޓީއޯ އާއި އާރްއާރްސީގެ ކުރިމަތިލުމެއް ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި އެސްޓީއޯ އާއި އާރްއާރްސީގެ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ