ލަންކާ މީހަކު ރާއްޖޭގައި މަރާލި މައްސަލަ ހައިކޯޓަށް

އދ. އެއްލައިދޫ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ލަންކާ މީހެއްގެ ގައިގައި ކަތިވަޅިއަކުން ޖަހައި މަރާލި މައްސަލައިގައި ދައުވާ ކުރި ލަންކާ މީހާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޖުލައި މަހެވެ. އެ މައްސަލަ މި ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ވަނީ ޖަޔަލަތު ފަހުން ކުށަށް އިންކާރު ކޮށްފައިވާއިރު، އޭނާ ކުރިން ބަންދު މުއްދަތު މަޖިލީހުގައި، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ބަންދު މުއްދަތު މަޖިލީހުގައި ވާހަކަ ދައްކާފައިވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބި އަދި އޭނާގެ އިއުތިރާފްގެ ނަތީޖާ އޭނާއަށް ބުނެދީފައި ނުވަނީސް ކަމަށް ހުކުމުގައިވެ އެވެ. މީގެ އިތުރުން އެ ހާދިސާ ލޮލަށް ފެނުނު މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުން އެ އިން އެއްވެސް މީހެއް ހެކިބަހެއް ލިބިފައި ނުވާ ކަމަށާއި އިއުތިރާފް ބަޔާން ނަގާފައި އޮތްގޮތުން އެ ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެއެވެ. އެހެންވެ، ބަންދު މުއްދަތު މަޖިލީހުގައި ވެފައި އޮތް އިއުތިރާފަށް އެކަނި ބަލައިގެން އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެއެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވެއެވެ. އެ މައްސަލާގައި މަންޒަރު ފެނުނު ހެކިން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ހޯދައި، އެ މީހުންގެ ހެކިބަސް ނެގުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ރާއްޖެއިން އެދުނެވެ. ނަމަވެސް އެ މީހުންގެ ހެކިބަހެއް މައްސަލަ ނިމުމާ ހަމައަށް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ