ދުންފަތް ބޭނުންކުރުން މަނާކުރާ 'ޖެނެރޭޝަނަލް ބޭން'އަށް ބާކީ 10 ދުވަސް؛ ކައުންޓްޑައުން ފަށައިފި

ދެހާސް ހަތަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރާ، 'ޖެނެރޭޝަނަލް ބޭން'އަށް އަމަލު ކުރަން ދެން ބާކީ އޮތީ ދިހަ ދުވަހެވެ. އެއާ އެކު، ދައުލަތުގެ މީޑިއާ އާއި އެހެން ބައެއް މީޑިއާތައް ގުޅިގެން އެކަމަށް ހޭލުންތެރިކުރުމަށް މިއަދު ވަނީ ކައުންޓްޑައުންއެއް ފަށާފަ އެވެ.
އެނގުން މުހިއްމު - ޖެނެރޭޝަނަލް ބޭން ހިމެނޭ ގޮތަށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާ އެކު އެއަށް އަމަލުކުރަން ނިންމާފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.
މި ގާނޫނުގައިވާ ގޮތުން:
ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ
އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ވެސް ބައިވެރިކޮށްގެން ނުވާނެ
މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ
އެއާ އެކު، ނޮވެމްބަރުން ފެށިގެން ރާއްޖޭގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް މަނާވާނެ އެވެ.
ވީ ކިހިނެއް؟ - މިކަމަށް އާއްމުން ހޭލުންތެރިކުރުމަށް ބައެއް މީޑިއާތަކުން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން، 'ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ'ގެ ނަމުގައި ކައުންޓްޑައުންއެއް ފަށާފައިވާއިރު، ކޮންމެ ދުވަހަކު ވެސް އެކަމާ ގުޅޭ މައުލޫމާތު އާއްމުކުރުމަށް ވަނީ ނިންމާފަ އެވެ.
ތަފްސީލް - ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނި ގޮތުގައި:
ނޮވެމްބަރު މަސް ފެށެންދެން ކޮންމެ ދުވަހަކު ވެސް، ސަރުކާރުގެ މި ބަދަލާ ގުޅޭ ގޮތުން މައުލޫމާތު އާއްމުކުރާނެ
ޓޯކްޝޯތަކާއި އެކަމާ ގުޅޭ ހާއްސަ އިވެންޓުތައް ކުރިއަށް ގެންދާނެ
ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް 'ޖެނެރޭޝަނަލް ބޭން'އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ 'ޖެހިލުން ކުޑަ' ނިންމުމެއް ކަމަށް ބުނެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ފަހުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ