ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ފަށައިފި

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެ މަޝްރޫއު ފެށީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާށެވެ. ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނަދޫގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް އެއާޕޯޓުތައް ހިންގާ ކުންފުނި އެމްއޭސީއެލްއާ އެކު ވަނީ ސޮއިކޮށްފައެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެއާޕޯޓުގައި 2،800 މީޓަރުގެ ރަންވޭއެއް ތަރައްގީކުރަން ބޭނުންވާ 114 ހެކްޓަރުގެ ބިން ހިއްކާ، ފޮނަދުއަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާ އެކު ޖުމުލަ 144 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ހަވާލުކުރުން: މަޝްރޫއުގެ މަސައްކަތް މިއަދު ވަނީ ފަށާފައި -- ފޮޓޯ/ ރައީސް އޮފީސް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފައެވެ. އެ މަނިކުފާނު ވަނީ ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި ތައުލީމާއި ސަރަހައްދީ ތަރައްގީއަށްޓަކައި ފޮނަދޫގައި ކުރިއަށްގެންދާ ހުރިހާ މަޝްރޫއަކަށް ވެސް މުހިންމު މަޝްރޫއެއް ކަމަށް ވިދާޅުވެފައެވެ. ކައްދޫގައި އޮންނަނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ޑޮމެސްޓިކް އެއާޕޯޓެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރިއެވެ. އޭގެ ފަހުން މިދިޔަ އަހަރު މި ސަރުކާރުން ވެސް އެ މަސައްކަތް ޗައިނާގެ ސީއޭއެމްސީ ކުންފުންޏާ ވެސް ހަވާލުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ