ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި އަލީ އަހުމަދު ހުންނަވައިގެން ސިޓީއަށް ކޮށްދެއްވި އިހްލާސްތެރި ހިދުމަތް ފާހަގަކޮށް ގިނަ ބަޔަކު އޭނާއަށް ޝުކުރުއަދާކުރަމުން އެބަދެ އެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމުންނާއި މެންބަރުކަމުގެ މަގާމުން އަލީ އިސްތިއުފާ ދެއްވީ އިނގިރޭސި ސަރުކާރު ދޭން ސްކޮލަރޝިޕެއް ލިބިވަޑައިގެން މަތީ ތައުލީމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި "އެންވަޔަމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް" އިން މާސްޓާޒް ޑިގްރީއަށް ކިޔެވުމަށް އެ ގައުމުގަ އެވެ.
އޭނާގެ އިސްތިއުފާއާ ގުޅިގެން މޭޔަރު މުހައްމަދު އާތިފް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އަލީއަކީ ކުޅުދުއްފުށީގެ ތަރައްގީއަށް ވަރުބަލިކަމެއް ނެތި އިހްލާސްތެރި ބުރަ މަސައްކަތްތަކެއްކޮށްދެއްވި ބޭފުޅެއް ކަމަށާއި ކައުންސިލްގެ މަސައްކަތާއި ސިޔާސީ މަސައްކަތުގައި ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ ނައިބެއްގެ ހައިސިއްޔަތުން ނުހަނު ގާތުން އެކުގާ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް، އަދި އަޅުގަނޑުގެ މަސްއޫލިއްޔަތު މަނިކުފާނާއި ހަވާލުކޮށްފައި ދާންޖެހޭ ހާލަތްތަކުގައި ހިތްހަމަޖެހުމާއެކު ހާސްކަމެއްނެތި އަޅުގަނޑަށް ދާންކެރޭ މައިގަނޑު ސަބަބަކީ މަނިކުފާނުގެ ތެދުވެރިކަމާއި ޤާބިލުކަމާއި ދޭތެރޭ އޮންނަ ޔަޤީންކަން." މޭޔަރު ވިދާޅުވި އެވެ.
އަދި އަލީއަކީ މީހުންނާއެކު މަސައްކަތްކުރަން ދަންނަ ވިސްނުން ތޫނު ކަމޭހިތާ ތެދުވެރި އިހްލާސްތެރި ފަހުރުވެރި ކުޅުދުއްފުށީ ދަރިއެއްކަމުގައިވެސް މޭޔަރު އާތިފް ވިދާޅުވި އެވެ.
އަލީ މަސައްކަތާ ގުޅޭ ގޮތުން ކައުންސިލްގެ މެންބަރު ރިލްވާން މުހައްމަދާއި އަހުމަދު އަބުދުﷲ އާއި އާތިފާ އަލީ އަދި އައިމިނަތު މަޖީދާ ވަނީ ޝުކުރުއަދާކުރައްވައި ކާމިޔާބަށް އެދިލައްވާ ޕޯސްޓް ލިޔުއްވާފަ އެވެ.
"މިސިޓީގެ ތަރައްޤީއަށް ކައުންސިލުން ކޮށްފައިވާ ކޮންމެ ކަމެއްގައިވެސް ޑެޕިއުޓީ މޭޔަރު އަލީ އަހުމަދުގެ ހިއްސާ އިންތިހާއަށް ބޮޑު، އެބޭފުޅާގެ ހިދުމަތްތައް އަބަދުވެސް ރަށްވެހިންގެ ހިތުތަކުގައި ދެމިހުންނާނެކަން ޔަގީން،." މެންބަރު ރިލޭ ވިދާޅުވި އެވެ.
މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ، އަލީއަކީ ހިޔާލުތަފާތުވުންތަކާއެކު ތަފާތު މީހުންނާއެކު މަސައްކަތްކުރަން ދަންނަ ހިތްތިރި އެހެން މީހުންނަށް އިހްތިރާމު ކުރާ ބޭފުޅެއް ކަމަށެވެ.
އަލީގެ ހިދުމަތް ފާހަގަކޮށް އާންމުގެ ގިނަ ބަޔަކުވެސް ވަނީ ޕޯސްޓް ޖަހާފާ އެވެ. އެގޮތުން ހަމީ ހަމިއްޓެއްގެ ބުނެފައިވަނީ ރަށަށް ގެންގެސްދެއްވި ހެޔޮ ބަދަލުތަކާއި ކޮށްދެއްވި ހިދުމަތް ބަލައިގަނެ ޝުކުރުއަދާކުރާ ކަމަށެވެ.
"ޑެޕިއުޓީ އަޅުގަނޑުމެންގެ ޓީމާ ވަކިވެވަޑައިގަތުމީ ފޫބައްދަން އުނދަގޫ، ފަޅުކަމެއް ލިބޭނެކަމެއް. އަބަދުވެސް ކުރައްވާ ކޮންމެކަމެއްގައިވެސް ކާމިޔާބަށް އެދެން." މެންބަރު އާތިފާ އަލީ ވިދާޅުވި އެވެ.
އަލީގެ ހިދުމަތަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ