32 ކާޓަން ސިނގިރޭޓު ވަގަށް ނެގި މީހަކު ހަތަރު ދުވަހަށް ގޭ ބަންދުކޮށްފި 32 ކާޓަން ސިނގިރޭޓު ވަގަށް ނެގި މީހަކު ހަތަރު ދުވަހަށް ގޭ ބަންދުކޮށްފި

ކެމަލް ހާޑް ބްރޭންޑްގެ 30 ސިނގިރޭޓު ކާޓަނާއި ކެމަލް ލައިޓް ބްރޭންޑްގެ ދެ ސިނގިރޭޓު ކާޓަން އާއި އަށް ފޮށި ސިނގިރޭޓު ވަގަށް ނެގި މީހަކު ހަތަރު ދުވަހަށް ގޭގައި ބަންދުކޮށް 28,400ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެެވެ.
ދައުލަތުގެ ފަރާތުން މި ދައުވާ ކޮށްފައިވަނީ ރ. ރަސްގަތީމު އިބްރާހިމް ސަފްވާނުގެ މައްޗަށެވެ. ދައުލަތުގެ ފަރާތުން ސަފްވާނުގެ މައްޗަށް ކުރަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ ސަފްވާނުގެ މައްޗަށް ކޮށްފައިވާ ސަބަބަކީ, ޖެނުއަރީ 12، 2021 ގައި މާލެ ބާޒާރުމަތީގައި ހުންނަ ގޮވެލި ފިހާރައިން އެ ތަކެތި ވަގަށް ނަގާފައިވާތީ އެވެ.
މި މައްސަލައިގައި ސަފްވާނު އަށް ދިފާއީ ވަކީލެއް އައްޔަނު ކުރުމަށް ދެވުނު ފުރުސަތުގައި އޭނާ ވަކީލަކު އައްޔަނުކޮށްފައި ނުވެ އެވެ.
މި މައްސަލައިގައި ސަފްވާން ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަށް އިއުތިރާފުވެ ދައުލަތާއި އެކު އިއުތިރާފުގެ އެެއްބަސްވުމެއް ހަދާފަ އެވެ. މި މައްސަލައިގައި ދެފަރާތުގެ މެދުގައި ހެދިފައިވާ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ޝަރީއަތުގައި އެދުމުން, ޝަރީއަތުން ވަނީ އެއްބަސްވުން ބަލައިގަނެފަ އެވެ.
މި މައްސަލައިގައި ދެ ފަރާތުގެ މެދުގައި ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގައި ވާގޮތުން ސަފްވާނު ތަންފީޒު ކުރަން ޖެހެނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އެހެން ނަމަވެސް, މި އަދަބު ހަތަރު ދުވަހަށް ގޭގައި ބަންދު ކުރުމަށާއި 28,400ރ. ޖޫރިމަނާކުރުމަށް ދެ ފަރާތުން އެއްބަސް ވެފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން ކުރާ ދައުވާ އަށް ސަފްވާނު އިއުތިރާފުވެފައި ވާތީ, ޝަރީއަތުން ނިންމާފައިވަނީ މި ދައުވާ ސަފްވާނުގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ