އެންމެ ބާރުގަދައީ ފަނޑިޔާރުން، އެ ބޭފުޅުންގެ މާލީ ބަޔާން 4 މަހުން ހާމަކުރަން ޖެހޭ: ޔާމީން

އެހެން ހުރިހާ އެންމެންނަށް ވުރެ ފަނޑިޔާރުން މާ ބާރުގަދަ ކަމަށާއި އެހެންވެ އެ ބޭފުޅުންގެ މާލީ ބަޔާންތައް ކޮންމެ ހަތަރު މަހަކުން ނުވަތަ ހަ މަހަކުން ހާމަކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. މިހާރު އޮންނަ ގޮތުން ފަނޑިޔާރުންގެ މާލީ ބަޔާންތައް ހާމަކުރާކަށް ނުޖެހެއެވެ. ސިލްސިލާ ގޮތެއްގައި އަމިއްލަފުޅު ގެކޮޅުގައި ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ފަނޑިޔާރުގެއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީ އޮތް ގޮތުން އެ ބޭފުޅުން ހައްދަވާ ބޮޑެތި ގޯސްތަކުގެ މައްސަލަ ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ ފަނޑިޔާރުން ކުރާ ހުކުމެއްގެ މައްސަލަ ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ މާއްދާއަށެވެ. ޝަރުއީ ދާއިރާގެ ކަންތައްތައް އޮންނަ ގޮތުން، އެ ބޭފުޅުން ކުރާ ހުކުމްތަކަށް ފާޑުކިޔައި، އެ ކަންކަމުގެ މައްސަލަ ބެލެންޖެހޭނެ ކަމަށް ވަކާލާތުކުރައްވާ ޔާމީން ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވައިލިއިރު ފަނޑިޔާރުން ކުރާ ހުކުމެއްގެ މައްސަލަ ނުބެލޭނެ ކަމަށް ލިޔުނީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ ހުކުމެއް ގޯސް ނަމަ އެ މައްސަލަ ވެސް ބެލެންވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް "ގާނޫނުއަސާސީގައި އޮންނަ ގޮތުން ފަނޑިޔާރަކު ކުރާ ޖަޖްމަންޓަކާ ގުޅިގެން އެއްވެސް ތަހުގީގީ އިދާރާއަކަށް އޭނާއަކާ ސުވާލެއް ނުކުރެވޭ. މިއީ ކިހާ ވަރަކަށް އޭނާއަށް ރައްކާތެރިކަން ދޭންޖެހޭ ކަމެއްތޯ ފަނޑިޔާރަކަށް؟ ކޮންމެ މީހަކު ވެސް އޭނާއާ ހަވާލުވެފައި އޮންނަ ގާނޫނީ މަސްއޫލިއްޔަތެއް އޭނާ އަދާކުރަންޖެހޭނީ ގާނޫނުގައި އޮންނަ ގޮތަށް ޒިންމާ އުފުލައިގެން ނޫންތޯ؟ ކީއްވެތޯ ފަނޑިޔާރުންނަށް ވަކިން މި މާއްދާ ފަރުމާކުރަން މި ޖެހުނީ؟،" އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. ".... އެ މީހުންނަކީ ވެސް އެ މީހުން ނެރޭ ހުކުމަށް ޒިންމާ އުފުލަންޖެހޭ، އަދި ޒިންމާދާރު ކުރުވަންޖެހޭ ބަޔަކަށް އެބަ ވާންޖެހޭ ނޫންތޯ؟،" ޔާމީން ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކަމަށެވެ. އެހެންވިޔަސް ފަނޑިޔާރުން ވެސް ގޯސް ގޮތަކަށް ހުކުމެއް ކުރައްވައިފި ނަމަ، އެ ހުކުމެއްގެ މައްސަލަ ވެސް ބެލެންޖެހޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. އެ މަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ނިޒާމު ފަރުމާކޮށްފައި އޮތް ގޮތުން ފަނޑިޔާރުންނަށް ވުރެ ބާރުގަދަ އެހެން ބައެއް ނެތް ކަމަށެވެ. ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ހުންނަވަނިކޮށް ވެސް ޖަލު ހުކުމެއް އިއްވުމުގެ ބާރު ޝަރުއީ ދާއިރާއަށް އޮންނާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ހާލަތުގައި ހުކުމް ތަންފީޒުކުރާނީ ރައީސްގެ ދައުރު ހަމަވުމުންތޯ ނޫނީ ނޫންތޯ ރައްޔިތުންގެ މަޖިލީހުން ނިންމި ނަމަވެސް، އެ ފަދަ މައްސަލަތައް ބެލުމަކީ ލިބޭ ވަރަށް ބޮޑު ބާރެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. "އެއަށްވުރެ ބާރުގަދަ ބައެއް ނެތް،" ފަނޑިޔާރުންނަށް އިޝާރާތްކުރައްވާ ޔާމީން ވިދާޅުވިއެވެ. ".... ފަނޑިޔާރުންގެ ނަޒާހަތްތެރިކަން މާ ބޮޑަށް އެސްޓަބްލިޝް ވާންޖެހޭ. ފަނޑިޔާރުންގެ އެސެޓް ޑެކްލެރޭޝަން ހަދަންޖެހޭ، އެ މީހުންގެ އާމްދަނީ ޑެކްލެރޭޝަންއަކީ ހަތަރު މަހުުން ހަ މަހުން ކަހަލަ ގޮތަކަށް ހަދަން ޖެހޭ އެއްޗެއް،" ސުޕްރީމް ކޯޓު: ފަނޑިޔާރުންގެ މާލީ ބަޔާން ހާމަކުރަންޖެހޭ ކަމަށް ޔާމީން ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ބޭފުޅުން ވާދަވެރި ސިޔާސީ ބޭފުޅުންނަށް ހުކުމެއް ކުރައްވަންވީމާ އަބަދު ވެސް މައްސަލަ ކޯޓަށް ވައްދާފައި ފަނޑިޔާރުންނަށް ކޮންމެ ވެސް އެއްޗެއް ދެނީ ކަމަށެވެ. ނުވަތަ، ބިރުދައްކައިގެން ވެސް ހުކުމްކުރުވަނީ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. އެކަމަކު، ކޮންމެ ގޮތަކަށް ނެރުނު ހުކުމެއް ވިޔަސް، ހުކުމްކުރުމަށް ފަހު އެ މައްސަލަ ބެލެން ނޯންނާތީ އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޔާމީނަށް މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުނީ ވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިންއާއި ޚިޔާނާތުގެ ދެ ދައުވާއެއްގައި އެ މަނިކުފާނު މީގެ ކުރިން ޖަލަށްލިއެވެ. އެކަމަކު، ދެ ދައުވާއިން ވެސް މަތީ ކޯޓު މަރުހަލާގައި އެ މަނިކުފާނު ވަނީ ސަލާމަތްވެވަޑައިގެންފައެވެ. އެ މަނިކުފާނާ ގުޅޭ އިތުރު ދައުވާއެއް ވެސް ކުރިއަށްދާއިރު، ޔާމީން ގެންދަވަނީ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވަނީ އެ މައްސަލަތައް ބަލަނީ ސިޔާސީ ބޭފުޅުންނަށް އެ މަނިކުފާނާ ވާދަކޮށްލަން ނުކެރޭތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ