ޕެރިސް (އޮކްޓޫބަރު 18) - ފްރެންޗް ލީގުގެ ތިން ވަނައިގައި އޮތް ސްޓްރާސްބޯ އިން މޮޅުވާން ދަނިކޮށް ފަހު ވަގުތު ޖެހި ގޯލުން 3-3 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ރޭ ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ލީގުގެ މެޗުތައް އަލުން ފެށިއިރު، ފްރެންޗް ލީގުގައި ފެނިގެންދިޔައީ ފޯރިގަދަ މެޗެކެވެ. ރޭގެ ނަތީޖާއާ އެކު، ޕީއެސްޖީ، ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިިންޓާ އެކު އެވެ. ދެ ވަނައިގައި މި ވަގުތު އޮތް ސްޓްރާސްބޯ އަށް އަށް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާސޭ އާއި ހަތަރެއްގައި އޮތް ލިޔޯނަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. މި ހަފްތާގައި ކުޅޭ މެޗުތަކުން މޮޅުވެގެން، މާސޭ އާއި ލިޔޯނަށް ޕީއެސްޖީ އާއި ސްޓްރާސްބޯ އަށް ވުރެން މައްޗަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީން ހަ ވަނަ މިނިޓްގައި ލީޑުނެގީ ބްރެޑްލީ ބާކޮލާ ޖެހި ގޯލުންނެވެ. އެކަމަކު، ސްޓްރާސްބޯ އިން ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލައި، ދެ ވަނަ ހާފުގައި ލަނޑެއް ޖަހައި ލީޑުފުޅާކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި، އާޖެންޓީނާގެ ފޯވާޑް، ޖާކުއިން ޕަނިޗެލީ އެވެ. އަނެއް ގޯލު ޖެހީ، ޑިއޭގޯ މޮރެއިރާ އެވެ.
ދެ ވަނަ ހާފުގެ ފަހުކޮޅުގައި ޕީއެސްޖީން އެޓޭކް ވަރުގަދަކޮށް ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން 58 ވަނަ މިނިޓްގައި ގޮންޒާލޯ ރާމޯސް އެވެ. އަދި، މެޗުގެ 79 ވަނަ މިނިޓްގައި، ސެނީ މަޔޫލޯ ވަނީ ޕީއެސްޖީ އަށް ތިން ވަނަ ލަނޑެއް ޖަހައި އެއްވަރުކޮށްދީފަ އެެވެ.
ސްޓްރާސްބޯ އަތްދަށުން ޕީއެސްޖީ ސަލާމަތްވީ ކިރިޔާ ސްޓްރާސްބޯ އަތްދަށުން ޕީއެސްޖީ ސަލާމަތްވީ ކިރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ