އަންހެނުންނަށް މެދުވެރިވާ މައްސަރު ކަންތަކުގައި، ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޓެމްޕަންސް އާއި ޕެޑް އަދި އެނޫން ވެސް އެފަދަ ސާމާނުގައި، އެ ތަކެތި ބޭނުންކުރާ މީހުންގެ ފުރާނައަށާއި ސިއްހަތަށް ނުރައްކާވާ އެތައް އެއްޗެއް އެކުލެވޭ ކަމަށް ދިރާސާކުރާ މީހުން ބުނެފިއެވެ.
ވިމެންސް އެންވަޔަރަންމެންޓަލް ނެޓްވޯކް (ޑަބްލިޔޫއީއެން) އާއި އިނގިރޭސި ވިލާތުގެ ޕެސްޓިސައިޑް އެކްޝަން ނެޓްވާކް (ޕީއޭއެން ޔޫކޭ) ގުޅިގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މައްސަރު ކަންތަކާ ގުޅިގެން ކުރިމަތިވެދާނެ އެހެން ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންކުރާ ސާމާނުތަކުން ވެސް ބޮޑެތި ނުރައްކާތަކެއް އެބަ ކުރިމަތިވެއެވެ. އެ ތަކެތީގައި ހުންނަ ކެމިކަލް މާއްދާތަކާއި ވިހަ މައުދަންގެ، ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި އެތިކޮޅުތަކުގެ ސަބަބުން، ޓެމްޕަންސް އާއި ޕެޑް އަދި އެނޫން ވެސް އެފަދަ ސާމާނު ބޭނުންކުރާ މީހުންނަށް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވުމުގެ ނުރައްކާ އެބަ އޮތެވެ.
އެ ގޮތުން، ދިރާސާކުރި ޓީމުން ފާހަގަކުރި ގޮތުގައި މައްސަރު ސާމާނު ބޭނުންކުރާ އެތައް މިލިއަން އަންހެނުންނެއް ތިބީ ދަރިމައިނުވުމުގެ މައްސަލަތަކާއި ކެންސަރާއި އަދި އެނޫން ވެސް ނުރައްކާތެރި ސިއްހީ އެތައް މައްސަލަތަކަކަށް ހުށަހޮޅިފައެވެ. އެހެންކަމުން، މައްސަރު ސާމާނުތައް ވިހަ މާއްދާތަކުން ސަލާމަތްކުރެވޭނެ ގޮތަށް ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް، އަންހެނުންގެ ދުޅަހެޔޮކަމަށް ވަކާލާތުކުރާ ކެމްޕޭން ގުރޫޕުތަކުން މިހާރު ދަނީ ގޮވައިލަމުންނެވެ.
ދިރާސާއިން ފާހަގަވި ގޮތުގައި އަންހެނުންގެ މައްސަރު ސާމާނުތަކުގައި އެކުލެވޭކަމަށް ފާހަގަކުރެވުނު އެންމެ ނުރައްކާތެރި މާއްދާތަކަކީ އާސެނިކް އާއި ބަޔޯސިޑަލް ސިލްވާ އެވެ. މީގެ ތެރެއިން އާސެނިކް އަކީ މީދަލާއި އެނޫން ވެސް ނުރައްކާތެރި ފަނިފަކުސަ މެރުމަށް ތައްޔާރުކޮށްފައި ހުންނަ ވިހަ ބޭސްތަކުގައި އާންމުކޮށް ބޭނުންކުރާ، ވަރަށް ވިހަ މާއްދާއެކެވެ.
ބަޔޯސިޑަލް ސިލްވާއަކީ، ބެކްޓީރިއާ އާއި ފަންގީ އަދި އަލްގީ މެރުމަށް ނުވަތަ ނައްތައިލުމަށް ބޭނުންކުރާ، ވަރަށް ހިމުން ރިހި ފުއްތަކެކެވެ. އާންމު ގޮތެއްގައި މި މާއްދާ ބޭނުންކުރަނީ، ދަވާދާއި ކުލަ އަދި ފޮއްޗާއި ސިއްހީ ޚިދުމަތުގައި ބޭނުންކުރާ އާލާތްތައް އުފައްދާއިރު، އޭގައި ބެކްޓީރިއާ އަށަގަތުން ހުއްޓުވުމުގެ ގޮތުންނެވެ.
ޑަބްލިޔޫއީއެން އާއި ޕީއޭއެން ޔޫކޭ އިން ކުރި ދިރާސާއިން އެނގުނު ގޮތުގައި މައްސަރު ކަންތަކުގައި ލޭ މަނާކުރުމަށް ބޭނުންކުރާ ޓެމްޕަންސްގައި، ވިހަ މާއްދާތައް (ޕެސްޓިސައިޑްސް) ހިމެނޭ މިންވަރު، ބުއިމަށް ރައްކާތެރި ބޯފެނުގައި އެފަދަ މާއްދާތައް އެކުލެވުމަށް ހުއްދަކުރާ މިންވަރަށް ވުރެ 40 ގުނަ އިތުރަށް އެކުލެވެއެވެ. މިއީ ހަގީގަތް ކަމަށް ވިޔަސް، އިނގިރޭސި ވިލާތުގައި އުފައްދާ އުށްބައްތީގެ ރައްކާތެރިކަން ކަށަވަރުކުރާ މިންވަރަށް ވެސް، އެ ގައުމުގައި އުފައްދާ މައްސަރު ސާމާނުތަކުގެ ރައްކާތެރިކަން، އިނގިރޭސި ސަރުކާރުން ކަށަވަރު ނުކުރާ ކަމަށް، އެ ގައުމުގެ ޑަބްލިޔޫއީއެންގެ ސީނިއާ ކޮންސަލްޓަންޓް އަދި ދިރާސާގެ ބައިވެރިޔާ ހެލެން ލީން ވިދާޅުވިއެވެ.
"މި ގައުމުގައި އުށްބައްތި މި އުފެއްދެނީ، ޖެނެރަލް ޕްރޮޑަކްޓް ސޭފްޓީ ރެގިއުލޭންސްގެ ދަށުން. އެހެންވީމާ، އުށްބައްތި އުފައްދާއިރު، އޭގައި މައުދަނުގެ މާއްދާތައް އެކުލެވޭ މިންވަރު އުށްބައްތީގައި ލޭބަލްކުރުން، އެ ގަވާއިދުގެ ދަށުން އެބަ ލާޒިމް ކުރޭ. އެކަމަކު ޓެމްޕަންސް އުފައްދާއިރު، އެގޮތަށް އަމަލުކުރަންޖެހޭ ގަވާއިދެއް ނެތް،" ހެލެން ވިދާޅުވިއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ކުރި ދިރާސާއަކުން ކަށަވަރުވި ގޮތުގައި އިނގިރޭސި ވިލާތުގައި އުފައްދާ ޕެޑްތަކުގައި ފިތަލޭޓްސް އެކުލެވެއެވެ. މިއީ ޕްލާސްޓިކް އުފައްދާއިރު އޭތި ލަންބައިލެވޭ ގޮތަށް މަޑު ކުރުމަށާއި، ރީތިވާ ސާމާނު އުފައްދާއިރު އޭގައި އެކުލެވޭ މީރުވަސް ގިނަ ވަގުތު ދެމެހެއްޓުމަށްޓަކައި ބޭނުންކުރާ ޕްލާސްޓިކް ޒާތުގެ މާއްދާއެކެވެ. އޭގެ ފަހުން ކުރި ދިރާސާއަކުން ކަށަވަރުވެފައިވަނީ، މި ބާވަތުގެ މާއްދާތަކާއި އަންހެނުން ދަރިމައިނުވުމާ ދެމެދު ގުޅުންތަކެއް އެބަހުރި ކަމަށެވެ.
މި މައްސަލައިގެ ނުރައްކާތެރިކަމަށް ބަލައި 2023 ވަނަ އަހަރު، ޝާއިއު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރުމަށް "ތިމާވެއްޓާ ރަހުމަތްތެރި ހަރުވާޅު"ގެ ނަމުގައި އުފައްދާފައި ހުންނަ ބައެއް ހަރުވާޅުތަކާއި ސޯޓުތަކުގައި ބަޔޯސިޑަލް ސިލްވާ އެކުލެވެއެވެ. އެފަދަ ހަރުވާޅުތަކާއި ސޯޓުތަކުގައި އެ މާއްދާ ހިމަނާފައި ހުންނަނީ، ހަރުވާޅުގެ ކައްގަނޑުގައި ނުބައި ވަސް ދުވިޔަނުދިނުމަށްޓަކައެވެ.
ބަޔޯސިޑަލް ސިލްވާއަކީ، ދަވާދު ފަދަ އެއްޗެހި އުފައްދާއިރު، އޭގައި ބެކްޓީރިއާ، ފަންގީ އަދި އަލްގީ އަށަގަތުން ހުއްޓުވުމަށް ބޭނުންކުރާ މާއްދާއެއް ކަމަށް ވިޔަސް، އިންސާނާގެ ހަށިގަނޑުގައި މިމާއްދާ ޖެހުމުން އިންސާނާގެ ހަމުގައި ހުންނަ، ފައިދާހުރި ބެކްޓީރިއާތައް ވެސް މަރައިލައެވެ. ސަބަބަކީ، މި މާއްދާއަކީ އިންސާނުންނަށް ގެއްލުން ދެނިވި ބެކްޓީރިއާ އާއި އިންސާނުންނަށް މަންފާކުރަނިވި ބެކްޓީރިއާ ވަކިކުރަން ދަންނަ އެއްޗަކަށް ނުވުމެވެ.
އެމެރިކާގެ ކެލިފޯނިއާގެ ޔުނިވަސިޓީ އޮފް ބާކްލޭ އިން 2024 ވަނަ އަހަރު ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި އާންމުކޮށް ވިއްކަން ހުންނަ ޓެމްޕަންސްގައި، އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާ މިންވަރަށް ވިހަ މާއްދާތައް އެކުލެވެއެވެ. އެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި އާންމުކޮށް ވިއްކަން ނެރެފައި ހުންނަ ޓެމްޕަންސްގެ ތަފާތު 30 ބާވަތެއްގައި، އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް އާސެނިކް އެކުލެވޭކަން ވަނީ އެނގިފައެވެ.
އަދި މިހިނގާ 2025 ވަނަ އަހަރު، ޑަބްލިޔޫއީއެން އާއި ޕީއޭއެން ޔޫކޭ އިން ކުރި ދިރާސާއިން އެނގުނު ގޮތުގައ، އިނގިރޭސި ވިލާތުގައި އާންމުކޮށް ވިއްކަން ހުންނަ ބައެއް ބާވަތުގެ ޓެމްޕަންސްގައި ގްލައިފޮސޭޓް ކިހާ ވިހަ މާއްދާއެއް އެކުލެވެއެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ޓީޝޫތަކަށް ކެންސަރު ޖެއްސުމުގެ ގާބިލުކަން ހުރި މާއްދާއެއް ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
ހެލެން ވިދާޅުވި ގޮތުގައި، މައްސަރު ސާމާނުތަކުގައި މިފަދަ ވިހަ މާއްދާތައް އެކުލެވޭކަން ކަށަވަރުވިތާ 20 އަހަރު ފާއިތުވެފައިވާ އިރު ވެސް، އަދި އެކަމާ މެދު ސިޔާސީ ބަހުސްތައް ކުރެވި، އާންމުންގެ ރުޅިވެރިކަން އިތުރުވެފައިވާ އިރުވެސް، މިކަން ހައްލުކުރަން މަސައްކަތެއް ނުކުރެއެވެ. އެމައްސަލަ ހައްލުކުރެވޭ ގޮތަށް ގާނޫނީ އޮނިގަނޑު އިސްލާހު ނުކުރުމަކީ މިދިރާސާގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
މައްސަރު ސާމާނުން ސިއްހަތަށް އެތައް ގެއްލުމެއް މައްސަރު ސާމާނުން ސިއްހަތަށް އެތައް ގެއްލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ