މަޑަގަސްކަރައިގެ އަސްކަރީ ލީޑަރު ރައީސްކަމުގެ ހުވާކުރައްވައިފި
މަޑަގަސްކަރައިގެ ސިފައިންގެ ކާނަލް މައިކެލް ރެންޑްރިއަނިރީނާ އެ ގައުމުގެ ރައީސް ކަމުގެ ހުވާކުރައްވައިފިއެވެ. ރެންޑްރިއަނިރީނާ ހުވާކުރެއްވީ މަޑަގަސްކަރައިގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް އެންޑްރީ ރަޖައޮއެލީނާ ފިއްލައިވައިގެން ގައުމުން ބޭރަށް ވަޑައިގަތުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ބައިވެރިވި ބާރުގަދަ ސިފައިންގެ ޔުނިޓް، ކެޕްސެޓްގައި އިސްކޮށް ހުންނެވި ރަންޑްރިއަނިރީނާ ހުވާކުރައްވާފައި ވަނީ ވެރިރަށް އަންޓަނާނަރިވޯގައި ހުންނަ އެ ގައުމުގެ އެންމެ މަތީ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. "މިއަދަކީ އަޅުގަނޑުމެންގެ ގައުމަށް ތާރީޚީ ބަދަލެއް އައި ދުވަހެއް. ބަދަލު ގެނައުމާއެކު މި ހުޅުވާލަނީ އަޅުގަނޑުމެންގެ ގައުމުގެ އާ ބާބެއް،" ރަންޑްރިއަނިރީނާ ވިދާޅުވިއެވެ. ދުސްތޫރީ ކޯޓުގެ ވެރިޔާ ރިޔާސަތު ބެލެހެއްޓެވި އެ ރަސްމިއްޔާތުގައި އަސްކަރީ އޮފިސަރުންނާއި ސިޔާސީ ބޭފުޅުންގެ އިތުރުން، "ޖެން ޒީ" މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓުންނާއި އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، ރަޝިޔާ އަދި ފްރާންސްގެ ބައެއް ބޭރުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. މަޑަގަސްކަރައިގެ އަސްކަރީ އާ ރައީސްގެ އަނބިކަނބަލުން ރަމާޓޯއާ އެލީސާ ރެންޑްރިއަނިރީނާ. ފޮޓޯ/އޭޕީ މަޑަގަސްކަރައިގައި މިދިޔަ މަހު 25 ވަނަ ދުވަހު މުޒާހަރާތައް ފެށީ، ފެނާއި ކަރަންޓް ހިމެނޭ ގޮތަށް އަސާސީ ޚިދުމަތްތައް ނުލިބޭ ކަމަށް ބުނެއެވެ. އެގޮތުން ޒުވާނުން އިސް ނަގައިގެން ފެށި މުޒާހަރާތަކުގައި ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، ރައީސްގެ އިސްތިއުފާއަށް ގޮވާލިއެވެ. މަޑަގަސްކަރައަކީ ވަސީލަތްތައް މުއްސަނދި ގައުމެއް ނަމަވެސް ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމެވެ. ދެހާސް ބާވީސް ވަނަ އަހަރު 32 މިލިއަން މީހުންގެ އާބާދީއެއް އޮތް ކަމަށް ދައްކާ އެ ގައުމުގެ 75 ޕަސެންޓް މީހުންނަކީ ޒަރޫރީ ތަކެތި ގަނެވޭވަރުގެ އާމްދަނީއެއް ނުލިބޭ މީހުން ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ