ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ޒަރޫރީ މުދާ ވިއްކާނެ ފިހާރައެއް ހުޅުމާލޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް، މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މަޝްވަރާކޮށްގެން ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ޝިމާދު ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް އެފަދަ ފިހާރައެއް ހުޅުވުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ހުޅުމާލޭގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަން ނިންމާފައިވަނީ، އެ ކުންފުނިން ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމާ ގުޅިގެންނެވެ. މިހާތަނަށް ހުޅުމާލޭގައި އެސްޓީއޯގެ އާންމު މުދާ ވިއްކާ ފިހާރައެއް ނެތުމުން، ގިނަ އަދަދެއްގެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އައިސްފައިވެއެވެ.
އެސްޓީއޯއިން ދޭ މައުލޫމާތުން އެނގޭ ގޮތުގައި، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ފިހާރަތަކުން 23 ބާވަތެއްގެ މުދާ ހެޔޮ އަގުގައި ވިއްކަމުން ގެންދެއެވެ. މި ފިހާރަ ހުޅުވުމުން ހުޅުމާލޭގެ ރައްޔިތުންނަށްވެސް މި ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
އެސްޓީއޯއިން ގެންނަ ޒަރޫރީ މުދާ ވިއްކާނެ ފިހާރައެއް ހުޅުމާލޭގައި ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ