ލަންޑަން (އޮކްޓޫބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އަތުން 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިވިތާ 20 މިނިޓް ތެރޭ އެ ޓީމުގެ ކޯޗުކަމުން އަންޖް ޕޮސްޓެކޮގްލޫ ވަކިކޮށްފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިންތާ ދެ ހަފްތާ ތެރޭ، މިދިޔަ ޖޫން މަހު، އެ ޓީމުން ވަކިކުރި އޮސްޓްރޭލިއާގެ ކޯޗު، ޕޮސްޓެކޮގްލޫ އަށް މިދިޔަ މަހު ނުވަ ވަނަ ދުވަހު، ފޮރެސްޓްގެ ކޯޗުކަންދިންއިރު، އެ ޓީމުގެ މަގާމުގައި އޭނާ އަށް ހުރެވުނީ 39 ވަރަކަށް ދުވަހު އެވެ.
ފޮރެސްޓުން ޕޮސްޓެކޮގްލޫ ކޯޗުކަމުން ވަކިކުރީ ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބޭއިރު، ހަ މެޗުން ބަލިވުމުންނެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ފޮރެސްޓްގެ ކޯޗުކަމުގެ މަގާމުން ސްޓީވް ކޫޕާ ވަކިކޮށް، ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. މިދިޔަ ޖޫން މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ފޮރެސްޓާ އެކު، ނޫނޯ ސޮއި ކުރި ނަމަވެސް، އެ އަށް ފަސް މަސް ނުވަނިސް ވަނީ މަގާމުން ވަކިކޮށްފަ އެެވެ. އެހެންކަމުން، ފޮރެސްޓުން މި ވަނީ ދެ މަސް ތެރޭ ދެ ކޯޗުން މަގާމުން ވަކިކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި މިރޭ ޗެލްސީއާ ކުޅުނު ފޮރެސްޓް ވަނީ މުޅި މެޗަށް ބަލާއިރު، ރަނގަޅު ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެކަމަކު، ޗެލްސީ މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. ޗެލްސީގެ ލަނޑުތައް ޖަހައިދިނީ، 19 އަހަރުގެ ޑިފެންޑަރު، ޖޯޝުއާ އަޗެމްޕޮން އާއި ޕެޑްރޯ ނެޓޯ އަދި ރީސް ޖޭމްސް އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ މި މެޗުގައި އިނީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ. އެއީ، ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި މަރެސްކާގެ އަމަލުތައް ހުރި ގޮތަށް ބަލައި، އޭނާ އަށް އައި އަދަބެކެވެ.
ޗެލްސީން ފޮރެސްޓް ބަލިކުރިތާ 20 މިނިޓް ތެރޭ ކޯޗު ވަކިކޮށްފި ޗެލްސީން ފޮރެސްޓް ބަލިކުރިތާ 20 މިނިޓް ތެރޭ ކޯޗު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ