ދިވެހި ޕްރިމިއާ ލީގުގެ ވަރުގަދަ ޓީމުތަކުގެ "ލިސްޓު" ކިޔަން އަދި އަވަސް ދިވެހި ޕްރިމިއާ ލީގުގެ ވަރުގަދަ ޓީމުތަކުގެ "ލިސްޓު" ކިޔަން އަދި އަވަސް

ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަން ފެންނަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި އެންމެ ވަރުގަދަ ޓީމުތަކުގެ "ލިސްޓެއް" ކިޔަން އަދި އަވަސް ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެ ހަފްތާ އަށް މެދުކަނޑާލީ އޭއެފްސީ އޭޝިއަން ކަޕްގައި ގައުމީ ފުޓްބޯޅަ ޓީމުން ތަޖިކިސްތާނާ ދެކޮަޅަށް ކުޅެން އޮތް ދެ މެޗަށެވެ. އެއީ، 10 ޓީމު ވާދަކުރާ މި ފަަހަރުގެ ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ތިން މެޗު ކުޅެފަ އެވެ.
މި ވަގުތު ލީގުގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ނުވަ ޕޮއިންޓް ހޯދާފައިވާއިރު، ހަތަރެއްގައި އޮތް ބުރުގެ އޮތީ ހަތަރު ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް، ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ހަތް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި އަށް ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ނުވަ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ޕޮއިންޓެއް އަދި ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ލީގުގެ މަތީ މަގާމުތަކަށް ބުރު ވެސް ވާދަކުރާނެ ކަމަށް ކޯޗުން ބުނަމުން އަންނައިރު، އެކަމާ ބެހޭގޮތުން، ބުރުގެ ކޯޗު ނިޒާމްބެއާ ސުވާލުކުރުމުން ބުނެފައިވަނީ، އަދި އެ ފަދަ ވަރުގަދަ ޓީމުތަކުގެ "ލިސްޓެއް" ހަދަން އަވަސް ކަމަށެވެ.
"އަދި ތަންކޮޅެއް އަވަސް ކަނނޭނގެ އެ ލިސްޓަށް ނަން ކިޔަން ފަައްޓަން. އެއީ، އަދި މެޗުތައް މި ކުޅެވުނު ގޮތުން ވެއްޖިއްޔާމު ބައެއް ޓީމުތައް މި ހުރީ ބޮޓޮމް ޓީމުތަކާ އެއްކޮށް ކުޅެފައި، އަނެއްކާ ގިނަ ޓީމުތައް ރަނގަޅަށް ޕްރެޕެއާ ނުވެ، ފޮރިން ޕްލޭޔަރުން ވެސް ނުލައި، ނޫނިއްޔާ ކޯޗުން ވެސް ނުލައި ކުޅުނު މެޗުތަކުގެ ނަތީޖާތައް މި ހުރީ ބައެއް ޓީމުތަކުން މި ހުރީ ނެރެފައި، އަދި އަވަސް ކަންނޭނގެ، މި ބުރު ނިމޭއިރު ކަންނޭނގެ އަސްލު ކިޔަން އެނގޭނީ މި ޓޮޕަކީ ކޮބައިކަން ނޫނީ ބޮޓަމް އަކީ ކޮބައިކަން، އޭގެ ކުރިން އުނދަގޫވާނެ މި ސީޒަނުގައި ކިޔަން،" ނިޒާމްބެ ބުންޏެވެ.
"މި ސީޒަނަކީ ވަރަށް ވާދަވެރި ސީޒަނެއްގެ ގޮތުގައި މި ފެނިގެންދަނީ، ހުރިހާ ޓީމުތަކުން ވެސް ޕޮއިންޓް ނަގާނެ. މި ސީޒަން ފަސޭހަނުވާނެ އެއްވެސް ކްލަބަކަށް،"
ނިޒާމްބެ ބުނީ މި ފަހަރު ލީގަށް އައިއިރު ގާތްގަނޑަކަށް ދެ އަހަރު ބޯޅަ ނުކުޅެ ތިބެފައި އެންމެ ފުރަތަމަ ކުޅެން ޖެހުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށް ވުމުން ދަތިތަކެއް ހުރި ކަމަށެވެ. އަދި، އެ ހުރިހާ ކަމެއް ދެ ހަފްތާ ތެރޭ ރަނގަޅު ކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށާއި މަޑުމަޑުން ހާލަތު ބަދަލުވަމުން އަންނަ ކަމަށް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.
"ފުރަތަމަ ފެށިއިރު، ތަންކޮޅެއް އުނދަގޫކޮށް ތިބީ ފުރަތަމަ މެޗަށް ފަހު މެންޓަލީ ހަމަ މޯޓިވޭޓްވެ، ވަރަށް ރަނގަޅަށް ތައްޔާރުވަމުން އައިތަން. ދެން، އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ އެއް ކަމަކީ، މިހާ ދިގު ބްރޭކަކަށް ފަހު އައިއިރު މި ކުޅުންތެރިންގެ ކުޅިވަރު ޑިސިޕްލިން ތެރެއަށް އަނބުރާ ގެންނަން އެ ވިސްނުން ގެންނަން ވިނިން ވިސްނުން ކުޅުންތެރިންގެ ސިކުނޑި އަށް ގެންނަން މެޗުން މެޗަށް ތައްޔާރުވުން ޕްރެކްޓިސްތަކަށް ތައްޔާރުވުން މި ބައި އެންމެ ބޮޑު ޗެެލެންޖަކަށް ވެގެންދަނީ،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ، ބުރުގެ ކުޅުންތެރިންގެ ވިސްނުން މިހާރު ވަރަށް ރަަނގަޅުވަމުން އަންނަ ކަމަށާއި އޭގެ އެއް ހެއްކަކީ މިދިޔަ ބްރޭކުގައި ވެސް 99 ޕަސެންޓް ކުޅުންތެރިން ޕްރެކްޓިސްތަކަށް ހާޒިރުވެ ބަރާބަރަށް ހުރިހާ ކަމެއް ކުރުން ކަމަށެވެ. އަދި، ބްރޭކަށް ފަހު ޓީމުގެ ކަންކަމަށް ރަނގަޅު ބަދަލުތަކެއް އައިސް ދެ މަހެއްހާ ދުވަސްތެރޭ މެޗުތައް ކުޅޭއިރު، ބުރުގެ ޓީމު ފެންނާނީ މިހާރަށް ވުރެން ރަނގަޅުކޮށް ކަމަށް ނިޒާމްބެ ބުންޏެވެ.
ގްރީން ސްޓްރީޓްސްއާ ކުޅޭ މެޗަކީ ފަސޭހަ މެޗަކަށްނުވާނެ ކަމަށާއި އާންމު ގޮތެއްގައި ބްރޭކަކަށް ފަހު އަންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"ބޮޑު އެއް ކަމަކީ، ބްރޭކަކަށް ފަހު، އަންނައިރު ގިނަ ފަހަރު ވަރަށް އުނދަގޫ ހާލަތަކަށް ވެގެންދޭ. އެހެން ނަަމަވެސް މިދިޔަ ބްރޭކުގައި ވަރަށް ރަނގަޅަށް ޓީމުގެ ޕްރެކްޓިސްތަކާއި ޓީމުގެ މަސައްކަތް ދިޔައީ ވަރަށް ރަނގަޅަށް، ހަމަ ރަނގަޅު ޕާފޯމަންސެއް ފެނިގެންދާނެ، އަނެއްހެން ވަރަށް އުންމީދު އެބައޮތް. އެ މެޗާ ދޭތެރޭގައި،" ނިޒާމްބެ ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީއާ އެކު ހޯދި ނިޒާމްބެ ވަނީ އެ ޓީމުގައި ރަނގަޅު ކުޅުންތެރިންތަކެއް އުފައްދައިފަ އެވެ. އޭނާ ބުނީ ބުރުގައި ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ސީޒަން ނިމޭއިރު ރަނގަޅު ތިނެއް ނޫނީ ހަތަރު ކުޅުންތެރިން ފެނިގެންދާނެ ކަމަށެވެ.
ބުރު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ