މައްސަލަތަކުގައި 100އަށްވުރެ ގިނަ ފަހަރު ހައްޔަރުކުރި މީހާއަށް، މި ފަހަރު ލެޕްޓޮޕެއް ވަގަށް ނެގުމުގެ ތުހުމަތު

އެކި ބާވަތްތަކުގެ މައްސަލަތަކުގައި 100އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކު، ލެޕްޓޮޕެއް ވަގަށް ނަގައިގެން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އެކި ބާވަތްތަކުގެ މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކީ، ތ. ތިމަރަފުށީ ލަކީހައުސް، ސަފްވާން އަލީއެވެ. އޭނާ މި ފަހަރު ހައްޔަރުކުރީ ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އޭނާ ހައްޔަރުކޮށް ބަންދު މުއްދަތަށް ހާޒިރު ކުރުމުން 10 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް މި ފަހަރު ތުހުމަތު ކުރަނީ، ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ތުހުމަތެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މި މީހާއަކީ އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މީހެކެވެ. މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައަކާއި، ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ. ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައަކީ މި މީހާއާއި އެހެން މީހަކާ ދެ މީހުން ވެގެން، 33,500 ރުފިޔާ ފޭރުނު މައްސަލައެކެވެ. އެ މައްސަލައިގައިވެސް މީނާގެ ބަންދު މުއްދަތު ޖެހިއެވެ. އެއީ މި އަހަރުގެ ކުރީކޮޅެވެ. އޭގެ ފަހުން ޓްރިމަރަކާއި ގަލަންތަކެއް ވަގަށް ނެގި މައްސަލައެއްވެސް ފެންމަތިވިއެވެ. އެ ފަހަރުވެސް ބަންދު މުއްދަތު ޖެހި ކަމަށް ރެކޯޑްތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ