ރާއްޖޭގައި ޓީމުތަކުގެ ހާލަތު އޮންނަގޮތުން، ޓީމެއް ބިލްޑްކޮށްގެން ކަންކަން ކުރަން ވަގުތު ނޯންނަ ކަމަށާއި 10 މިލިއަން ރުފިޔާގެ ބަޖެޓެއް އޮންނަނަމަ އޭނާ ވެސް ނުކުންނާނީ ތަށި ހޯދާނެ ޓީމެއް ހަދައިގެން ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ ދެ މެޗަށް ދެ ހަފްތާއެއްހާ ދުވަހަށް ލީގު މެދުކަނޑާލުމަށް ފަހު މާދަމާ ފަށާނެ އެވެ. ލީގުގައި ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާ ޔުނައިޓެޑް ވިކްޓަރީން މާދަމާރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.
ލީގުގެ މި ހަފްތާގެ މެޗުތަކުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޒީހު ބުނީ، ރާއްޖޭގައި ފައިސާ އޮވެއްޖެނަމަ ރަނގަޅު ޓީމެއް ހެދޭނެ ކަމަށެވެ.
"މި ރާއްޖޭގައި ނުޖެހޭނެ ޓީމެއް، ކުޅުންތެރިން ބިލްޑް ކުރަން ވަގުތެއް ވެސް ނޯވޭ އެއްވެސް ބަޔަކަށް. ހަމަ، 10 ވަރަކަށް މިލިއަން ރުފިޔާ އޮވެއްޖިއްޔާ ތަށި ހޯދާ ޓީމު ހަދައިގެން އަޅުގަނޑު ވެސް ނުކުންނާނީ. ދެން، ކޮންމެ ފަހަރަކު ވެސް ދިމާވަނީ މިހެން ހަމަ، ޔޫވީ ވަރުގެ އެއްޗެއް ނަގައިގެން ހަަމަ މަސައްކަތް ކުރަން މި ޖެހެނީ، އެހެން ނަމަވެސް މި ފަހަރު ނަތީޖާ ނެރޭނަން، ވާހަކަ އަކީ، ހަމަ ރަނގަޅު ޕޮއިންޓެއް ހޯދައި، ހަމަ ކޮންމެވެސް ބައެއްގެ މާޔޫސްކަން ގެނުވާނެ މި ލީގުގެ ތެރޭގައި،" ނަޒީހު ބުންޏެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފުޓްބޯޅަ ޓީމު، ޔުނައިޓެޑް ވިކްޓަރީ، 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު 2017 ވަނަ އަހަރު އެ ޓީމާ ހަވާލުވީ ވަކި ހިސާބަކުންނެވެ. އޭގެ ފަހުން، އެ ޓީމުން ވަކިވި ނަޒީހު އަލުން އެ ޓީމާ އެކު، 2019 ވަނަ އަހަރު ވެސް ފެނުނެވެ. އަދި، ނަޒީހު މި ވަނީ މި ސީޒަނަށް އަނެއްކާ ވެސް ޔުނައިޓެޑް ވިކްޓަރީއާ ގުޅިފަ އެވެ.
ނަޒީހު ވަނީ މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދެމި އޮވެ، ސަލާމަތްވުމަށްޓަކައި، ކޮންމެ ބުރެއްގައި މަދުވެގެން 12 ޕޮއިންޓް ބޭނުންވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. ނަޒީހު، މިއަދު ބުނީ އެ ވާހަކަތައް ހިއްސާކުރީ ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށެެވެ.
"އަސްލު ނިންމާލަން ބޭނުމީ އެންމެ ކުރީގައި، އެއީ ރިއަލިސްޓިކް އެއްޗެއް ނޫން. ހުދު ދައްކާފައި ކަޅޭ ބުނެއްޖިއްޔާ އެއީ ދޮގަކަށްވާނީ، އެހެނެއް ނުވާނެ، ޔޫވީގައި މިހާރު މި އޮތް ސްކޮޑަށް ބަލާއިރު ޔޫވީ ނިންމަންޖެހޭނީ ހައެއްގެ ތެރޭގައި، ދެން، ފަހެއް ހަަތަރަކަށް އަރައިފިއްޔާ އެއީ ވަރަށް ރަނގަޅު ނަތީޖާއެއް،" ނަޒީހު ބުންޏެވެ.
"ޔޫވީ މި ވިސްނަނީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ރަނގަޅު ނަތީޖާތަކެއް ނެރުމުގެ އިތުރަށް މި ކިޔާ ހައިޕް ބިލްޑް ކުރުމުގެ ކަމެއް އެކަހަލަ ދަންތުރައިގައި ނުޖެހި މުބާރާތް ނިންމަން،"
ޕްރެކްޓިސް ކުރަން ބޭނުންކުރާ ޓާފް ދަނޑުގެ ހާލަތު އޮތީ، "ފުރޮޅުލީ ދަނޑެއް ކަހަލަ ދަނޑެއް" ގޮތަށް ކަމަށާއި އެ ފަދަ ތަނެއްގައި ޓީމުތައް ޕްރެކްޓިސް ކުރަން ޖެހުމަކީ، އެފްއޭއެމްގައި މިހާރު އޮތް ލީޑަޝިޕްގެ ސަބަބުން ދިމާވެފައި އޮތް ކަމެއް ނޫން ކަމަށް ނަޒީހު ފާހަގަކުރި އެެވެ.
"ހަމަ ހުސް ރަބަރު އޮތީ، މީކީ އަދި ޓޮމް (އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު) އަށް ދެދުވަހަކުން ރަނގަޅުކުރެވޭނެ ކަމެއް ނޫން، ޓޮމްގެ ޒިންމާއެއް ވެސް ނޫން ފުރަތަމަ އައިގޮތަށް އައިސްފައި ދަނޑު އެޅުމަކީ ވެސް، އެ އަށް ވުރެން މާ މުހިންމު ކަންތައްތަކެއް އެބަހުރި ކުރަން، ދަނޑަކީ ވެސް ވަރަށް މުހިންމު ތަނެއް،" ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ޓީމުގެ ޓްރެއިނިން ކަންކަން ކުރިއަށްގެންގޮސް، ޓީމު ވަރުގަދަ ކުރަން ބަލާއިރު، ތަމްރީނު ހަދަން ޖެހެނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި، ހާލަތު ދަށްކޮށް އޮތް ދަނޑެއްގައި، ޓްރެއިނިން ރާވައިގެން ގޮންޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ. އެ ގޮތުން، މާފަންނު ޓާފް ދަނޑުތަކަކީ، ހުރިހާ ޓީމެއްގެ ޕްރެކްޓިހާއި އެކަޑަމީތަކުގެ ޓްރެއިނިން އާއި ހުރިހާ ކަމެއް ކުރަން އޮތް ދަނޑު ކަމަށްވާތީވެ، ވަގުތު މެނޭޖް ކުރުމުގައި ބަލަން ޖެހޭ ކަންތައްތައް ގިނަކަން ވެސް ނަޒީހު ވަނީ ފާހަގަކޮށްފަ އެވެ.
"މީގެ ބަލާލަން ޖެހޭ ތަންކޮޅަކީ އެތާގައި ކޮންމެ ދުވަހަކު އެއް ހާފުގައި ޓްރެއިނިން ހަދައިގެން، ޔުނައިޓެޑް ވިކްޓަރީން ކޮންމެ ދުވަހަކު ޕްރެކްޓިސް ނިންމާލާނެ 5:30 ގައި ޓްރެއިނިން ނިމޭ ކަމަށްވަންޏާމު 5:25 ގައި، އެއީ އަނެއް މީހުންނަށް ވެސް ތައްޔާރުވެލަން މާކަރު އަޅާލައި ކަންކަންކުރަން ވަގުތު ދޭނެ،" ނަޒީހު ބުންޏެވެ.
"ދެން، ބައެއް ހާލަތުގައި ކުޑަކުދިން އަންނަ ވަގުތު ވެސް ދޭ، އެހެންވެއްޖިއްޔާ، ކުޑަކުދިން އެތަނަށް އެބަ ހާޒިރުވޭ 7 ޖަހާއިރު އޮންނާނެ ވައިޑީޕީ ޓްރެއިނިން އެބަ ހުއްޓާލަންޖެހޭ، ބޯޅައެއް ބާރަށް ވެސް ޖަހައިނުލެވޭނެ، އެ ކުދިން އެ ސަރަހައްދުގައި އުޅޭނެ 6:45 އިން ފެށިގެން، އެހެންވީމަ، ޓްރެއިން ހަދަން ލިބޭ ވަގުތު ވެސް ދަނޑުގެ ހާލަތު ވެސް އެއީ ވަރަށް ކަންބޮޑުވާ ކަންތައް އަސްލުގައި،"
މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ.
10 މިލިއަން ރުފިޔާ އޮތިއްޔާ ނުކުންނާނީ ތަށިހޯދާ ޓީމެއް ގޮވައިގެން 10 މިލިއަން ރުފިޔާ އޮތިއްޔާ ނުކުންނާނީ ތަށިހޯދާ ޓީމެއް ގޮވައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ