މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަހުން އުނދަގުވާތީ، ގަސް ނަގަން ރައީސް ނިންމަވައިފި

މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަހުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމަށް އުނދަގޫތަކެއް ކުރިމަތިވާތީ, އެ ގަސް ނަގަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ ރޭ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން އަމީނިއްޔާ ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަދެއްކި ބައެއް އާންމުން ވަނީ ނިކަގަހުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ، ރައީސާ ހިއްސާކޮށްފައެވެ. ޖަލްސާގައި ވާހަކަދެއްކި މައްޗަންގޮޅީގައި ދިރިއުޅޭ މީހަކު ބުނީ، ނިކަގަހުގެ މޫތައް ބޯވެ، އޭނާގެ ގޭގެ ފާޚާނާ ކޮންމެ ތިން މަހުން އެއް މަހުގައި މަރާމާތުކުރަން ޖެހޭ ހާލަތަށްދާ ކަމަށެވެ. އެހެންކަމުން، މިކަމަށް ހައްލެއް ހޯދައިދިނުމަށް އޭނާ ރައީސްގެ ކިބައިން އެދިފައިވެއެވެ. މި ވާހަކައާ ގުޅުވައިގެން ރައީސް ވަނީ މި ސަރުކާރަށްވުރެ ބޮޑަށް ތިމާވެށީގެ ކަންކަމަށް ޚާއްސަ އިސްކަމެއް ދޭ ސަރުކާރެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މި ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް، މިސާލެއްގެ ގޮތުގައި ނަންގަވާފައެވެ. މި ޕްރޮގްރާމްގެ ކާމިޔާބީއަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ ކުރިއަށް އޮތް ތިން އަހަރުގައި ޕްރޮގްރާމްގެ އަމާޒު ހާސިލުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ރާއްޖޭގައި 800،000 މިލިއަން ގަސް އިންދާފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ. https://sun.mv/214346 މީގެ އިތުރުން ވެސް، ރައީސް ވަނީ ގަސް ކެނޑުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، އާންމު ދިރިއުޅުމަށް ދަތިވާ ހާލަަތްތަކަށް ރިއާޔަތްކުރުމަށްފަހު، ގާނޫނީ ގޮތުން ލުއި ހޯދޭނެ ގޮތްތައް ހުންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. "ގަސް ކެނޑުމާއި މި ކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެކަމަކު ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނެއްގެ ދިރިއުޅުމަށް އުނދަގޫވާ ކަމަށް ވަންޏާ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން، ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެ އޮންނަ ގޮތަކަށް ގަހެއް އެތަނުން ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއް ނޫން،" ރައީސް ވިދާޅުވެފައިވެއެވެ. އެއާއެކު، ރައީސް ވަނީ މާލެ ސިޓީ ކައުންސިލާ ލޯކަލް ގަވަނަންސް މިނިސްޓްރީން މި ގަސް ކެނޑުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/214435 މީގެ އިތުރުން، ރައީސް ވަނީ ވިލިމާލޭގައި ދެ ނިކަގަސް ނަގައި، އޭގެ ބަދަލުގައި 300 ގަސް އިންދަން ނިންމާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. ހޯމަ ދުވަހު ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މިގޮތަށް ވިދާޅުވީ އެރަށުގެ އާންމުންނަށް ނިކަ ގަހުގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގެ ކަންބޮޑުވުން ހިއްސާކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ