ހަނިމާދޫ އެއާޕޯޓު ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައިފިނަމަ މާ ފައިދާ ވާނެ: ނަޝީދު
ސަރަހައްދީ އެއާލައިނެއް ހަދައި، އެ އެއާލަައިނުގެ ހަބަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި، އެ އެއާލައިނާ ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ."މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހިވާނެ،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު މި ޕޯސްޓް ކުރެއްްވީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ތަރައްގީ ކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެ ގައުމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓް ކުރުމުން އުފެދިފައިވާ ބަހުސްގެ ތެރެއިންނެވެ. ހަނިމާދޫ އެއާޕޯޓާ ގުޅޭގޮތުން ދަ ހިންދޫ ގައި ބުނެފައިވަނީ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށެވެ.އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގައި އެ ގައުމުގެ ސަރުކާރުން މި ނިމޭ ހަފްތާގެ ކުރީކޮޅު އެދިފައިވަނީ ދިވެހި ސަރުކާރުގެ އެ "ޕްރޮޕޯސަލް" ދިރާސާ ކުރުމަށް ކަމަށް ސަރުކާރުގެ އިިސް އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ އިން ބުނެފައިވެ އެވެ.ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނުވަތަ ކުރީގެ ގޮތުން ނަމަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކުރީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރްއަށް 271 މިލިއަން ޑޮލަރު ދެއްކުމަށް މިމައްސަލަ ބެލި ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އަމުރުކުރި އެވެ.އެއާޕޯޓާ ޖީއެމްއާރުން ހަވާލުވީ 28 ޖޫން 2010 ގައެވެ. މި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރީ ޖީއެމްއާރާއި ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު 27 ނޮވެމްބަރު 2012 ގައެވެ. އަލުން އެއާޕޯޓާ ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވީ 7 ޑިސެމްބަރު 2012 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ