އެފްޑީސީގެ ހުރިހާ ފްލެޓެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭގޮތް ހަދައިފި

މިދިޔަ ސަރުކާރުގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ތަރައްގީކުރި ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓުގައި ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ގާއިމްކޮށް ނިންމައިފައިވާކަމަށް މާލޭ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ އެމްޑަބްލިއުއެސްސީން މިރޭ ބުނެފިއެވެ. އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެފްޑީސީ ފްލެޓްތަކުގެ، އަމާން ދޯދި، އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރެއްގައި ފެނުގެ ޚިދުމަތް ގާއިމްކޮށް، ޓެސްޓުކޮށް، މިހާރު ލިބޭގޮތް ހަދައިފައިވާކަމަށެވެ. އަދި ނަރުދަމާގެ ޚިދުމަތް ވެސް ގާއިމްކޮށްފައިވާ ކަމަށް ބުންޏެވެ. އެއާއެކު މިހާރު މި ޚިދުމަތްތައް ހުރިހާ ޔުނިޓުތަކަކުން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. https://x.com/MWSC_Official/status/2007097563854553094?s=20 މި ނިމުނު ޑިސެމްބަރު މަހުގެ 21ވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް 'ސަން'އަށް ވިދާޅުވީ، އެފްޑީސީގެ މަދު ޓަވަރުތަކަކަށް ފެން ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީއިން ކުރަމުންދާ މަސައްކަތް ފިޔަވައި، އެ ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެފްޑީސީގެ ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް މިވަނީ ނިމިފައެވެ. ފްލެޓް ހަވާލުކުރުން ލަސްވާތީ ފްލެޓް ލިބުނު ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ކުރިއަށް އޮތް ދިރާސީ އަހަރު ފެށެންވާއިރަށް، ހުރިހާ ފުލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ. ދިރާސީ އާ އަހަރު ފެށޭނީ މި މަހުގެ 27ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ