ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމް އެމްޑީޕީން ކާމިޔާބުކޮށްފިކަން ސާރުކާރަށް އެނގޭ: އީވާ ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމް އެމްޑީޕީން ކާމިޔާބުކޮށްފިކަން ސާރުކާރަށް އެނގޭ: އީވާ

ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި، ފެންނަ ނުފެންނަ ވޯޓު އެމްޑީޕީން މިހާރު ވެސް ކާމިޔާބުކޮށްފިކަން ސަރުކާރަށް ވެސް އެނގޭ ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ތާއީދު ހޯދުމަށް ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އީވާ ވިދާޅުވީ، އައްޑު އާއި ހުވަދޫގެ ރަށްތަކަށް އަދި ފުވައްމުލަކަށް ކުރި ޒިޔާރަތުން ދެ ކަމެއް ސާފުވެއްޖެ ކަމަށެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބު މިހާރު ވެސް އެމްޑީޕީން ކާމިޔާބުކޮށްފި ކަމާއި، ސަރުކާރުން އަމިއްލައަށް ބާއްވަން އުޅޭ ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ރީއްޗަށް ބަލިވެފައިވާ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރަށް ސާފުވާނެ އެމްޑީޕީން މިކަން ނިންމައިފިކަން،" އީވާ ވިދާޅުވިއެވެ.
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރަށް ދޭނެ ވޯޓެއް ނެތްކަން މުޅި ރާއްޖެއިން ފެންނަމުންދާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. ފުވައްމުލަކަށް އެކަނި ބަލާލިޔަސް، ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ހަގީގަތަކަށް ވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުވައްމުލަކަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ޑިކޯ ޗެމްބަރާއި، އެއާޕޯޓު ތަރައްގީކުރުމާއި، ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ވައުދު ވެސް އަދި އެހެން ވައުދެއް ވެސް ފުއްދިފައި ނުވާކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށް އީވާ ވިދާޅުވިއެވެ.
ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން އީވާ ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ސުކޫކާއި، 2026 ގެ ނިޔަލަށް 1.5 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވާއިރު ވެސް ސަރުކާރުން ފެންނަނީ އިސްރާފު ކުރާ މަންޒަރު ކަމަށެވެ.
މިވަރުގެ ސަރުކާރަކަށް އިތުރު ބާރެއް ނުދެވޭނެ ކަމަށާއި، ހުރިހާ ބޭފުޅުން ވެސް އޭޕްރީލް 4 ގައި އޮންނަ ފެންނަ ނުފެންނަ ވޯޓުގައި "ނުފެނޭ" ނުވަތަ "ނޫނެކޭ" ކައިރީގައި ރަނގަޅު ފާހަގަ ޖައްސަވާނެ ކަމަށް އީވާ ވިދާޅުވި އެވެ.
މި އިންތިހާބުތައް ކާމިޔާބުކުރުމަށްފަހު އެމްޑީޕީގެ މިސްރާބު ހުރީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮޑު ހަނގުރާމައެއްގެ މެދުތެރޭގައި އޮތްއިރު ސަރުކާރުން ހުރިހާ ކަމެއް "އޯކޭ" ކަމަށް ބުނަމުންދާތީ އެކަމަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ، އެ އަވާމެންދުރުގައި ޖެހިފައި ތިބީ ހަމައެކަނި ސަރުކާރުގެ ބޭފުޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ