ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
ޕީޕީއެމް/ޕީއެންސީން ކުރިން ދެއްކި ވާހަކައެއް ވެސް ނޫނެވެ.
ސަރުކާރުގެ އެންމެ އަވަސް އެޖެންޑާގައި ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ހިޔާލަށް ވެސް އައީކީ ނޫނެވެ.
ނަމަވެސް އެންމެ 24 ގަޑިއިރުގެ ތެރޭގައި މަޖިލިހަށް ވައްދާ، ބަހުސްކޮށް، ފާސްކޮށް، ރައީސް މުއިއްޒުގެ މޭޒުކޮޅަށް އެ ފޮނުވާލީ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީ އިސްލާހުކޮށްލައިގެން، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް އެ ތިއްބެވީ 'ހެވިދިލިފަ' އެވެ.
މިހާރު މަސައްކަތް އެ ކުރައްވަނީ އެ ބޭފުޅުން ކުޅުއްވި ގޮނޑިކޮއްކޮ، ދިވެހި ރައްޔިތުން ލައްވާ ވެސް ކުޅުވޭތޯ އެވެ.
އަބަދުވެސް ސަރުކާރު ފަޅިއަށް ވައިޖަހައިގެން އުޅޭ ގާނޫނީ ވަކީލުންނާއި އާއިލާގެ ކޮންމެވެސް މީހެއްގެ ވަޒީފާގެ ހިމާޔަތުގައި ވިސްނުން ބަދަލުކުރާ ގާނޫނީ ތަޖުރިބާކާރުން އެ ތިބީ އެ ހުރިހާ ކަމެއް ވެސް ހެޔޮކޮށްގެން ދިފާއުކޮށްކޮށެވެ.
ހިޔާލު ތަފާތު ގާނޫނީ ތަޖުރިބާކާރުން، ރައްޔިތުންނަށް އެއްޗެއް ވިސްނައިދެވޭތޯ އެބަ މަސައްކަތްކުރެ އެވެ.
އަންނަ ހޮނިހިރުދުވަހު ދިވެހިންގެ އަތްމައްޗަށް އަރާނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނުފެނޭތޯ އަހާ ހިޔާލު ހޯދުމުގެ ވޯޓު ކަރުސްދާކޮޅެވެ. އޭގައި ކޮންމެ ގޮތަކަށް ސުވާލު އިބާރާތްކޮށްފައި އޮތަސް، މައިގަނޑު އެއްބަސްވުމަކީ އެ ބަދަލަށް ރައްޔިތުން ބުނަނީ އާނއެކޭތޯ ނުވަތަ ނޫނެކޭތޯ ބެލުމެވެ.
އެކަމަކު، މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ވެފައި އޮތް ގޮތަށް ބަލާ ނަމަ، ހާދަ ބޮޑު ބަދަލެކެވެ. އެހާ ބޮޑު ދެ އިންތިހާބެއް އެއް ދުވަހެއްގައި ބާއްވައި، ރައްޔިތުން 'ވާނުވާ'ގެ ތެރެއަށް ވައްޓާލެވެނީ އެވެ. ވެރިކަމުގެ ނިޒާމުގެ މައިގަނޑު ދެ ބާރަށް މީހުން ހޮވުން އެއް ދުވަހަކު އެވެ. ބޮޑުވެގެންވާ މަސްހުނިކުރުމެކެވެ. ސަރުކާރުން ގަސްދުގައި މޮޑެލާ އަމިއްލަ އެދުމުގެ މަސްހުނިގަނޑެކެވެ.
ރައީސް މުއިއްޒާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި އޮތް ލަސްކަރުން ހަމަ ހެސްކިޔާފައި 'އާނއެކޭ'ގަ އެވެ. ބައެއް ފަހަރަށް ބުނެ އެވެ. އިންތިހާބުތަކުގެ ހަރަދު މާ ބޮޑުވަނީ އެވެ. ފުރަތަމަ އެއަށް ޖަވާބެއް ދެމާ ހެއްޔެވެ؟
64 ބިލިއަން ރުފިޔާ: މި އަހަރުގެ ދައުލަތުގެ ބަޖެޓް (ހަގީގަތަށް)
55 ބިލިއަން ރުފިޔާ: މި ފަސް އަހަރު ދައުލަތުގެ އެވްރެޖް ބަޖެޓް (މިސާލަކަށް)
275 ބިލިއަން ރުފިޔާ: އެ ނިސްބަތުން މުޅި ރިޔާސީ ދައުރުގެ ދައުލަތުގެ ބަޖެޓް
90 މިލިއަން ރުފިޔާ: 2023ގެ ރިޔާސީ އިންތިހާބަށް ދިން ބަޖެޓް
400 މިލިއަން: 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ އާންމު އިންތިހާބުގެ ހަރަދު (މިސާލަކަށް)
0.15 ޕަސެންޓް: ފަސް އަހަރުގެ ބަޖެޓުން ދެ އިންތިހާބަށް ކުރާ ހޭދައިގެ ނިސްބަތް
އާނއެކެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީގައި ރައްޔިތުންގެ އެންމެ ބޮޑު ދެ ބައިވެރިވުމަށް ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.
ގާނޫނީ ތަޖުރިބާކާރަކާ ސުވާލުކުރާކަށް އަޅުގަނޑު މިފަހަރު ބޭނުމެއް ނުވި އެވެ. ސަރުކާރު ކޮޅުގައި ތިބި ގާނޫނީ ތަޖުރިބާކާރުން އިހުލާސްތެރި ނަމަ، ފުރަތަމަ ޖަވާބު ދޭން ޖެހޭނީ އެންމެ 24 ގަޑިއިރުގެ ތެރޭގައި ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައީ ހެޔޮ ނިޔަތެއް އޮވެގެން ހެއްޔެވެ؟ ދެވަނަ ސުވާލަކީ، ކައުންސިލް އިންތިހާބުގެ ތެރެއަށް އެ މުހިންމު ނިންމުން ދޫކޮށްލަނީ ވެސް ރަނގަޅު މަގުސަދެއް އޮތީމާ ހެއްޔެވެ؟
އަޅުގަނޑު ސުވާލުކުރީ އެ އިސްލާހާ ސީދާ ދެކޮޅު ބޭފުޅަކާ އެވެ. ސަރުކާރު ނެގުމަށް ފަހު ދެން ރާއްޖޭގައި އެންމެ ބޮޑު އެޑްމިނިސްޓްރޭޝަނަކާ ހަވާލުވެ ހުންނެވި ފަރާތެވެ: ވެރިރަށުގެ މޭޔަރު އާދަމް އާޒިމެވެ.
ހިޔާލު ހޯދުމުގެ ވޯޓާ އެކު ބާއްވާ ކައުންސިލް އިންތިހާބަށް އޭނާ ހުންނެވީ އަނެއްކާވެސް އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމަށް ނުކުންނަވަަ އެވެ. އެމްޑީޕީގެ ވިސްނުމަކީ ހިޔާލު ހޯދުމުގެ ވޯޓުގައި 'ނޫނެކޭ' ޖެހުމެވެ.
'ނޫނެކޭ' ބުނަން ޖެހޭ އެއް ސަބަބަކަށް އާޒިމް ނެންގެވީ ކައުންސިލް އިންތިހާބަށް ސަރުކާރުން ފޯރުވަމުން ގެންދާ ނުފޫޒެވެ.
"ކައުންސިލް އިންތިހާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުން މިދަނީ. އަދި ވެރިކަމުގައި ތިބެގެން މިގޮތަށް [ދެ އިންތިހާބު] އެއްކޮށްފިއްޔާ ސަރުކާރު ބަންޑުން ޖަހާލައިގެން ނޫންތޯ އެމީހުން އެކަން ކުރާނީ،" އާޒިމް ވިދާޅުވި އެވެ.
އެ ބަހުގެ މާނައަކީ ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބަށް ސަރުކާރު ނުފޫޒު ވަންނާނެ މިންވަރެވެ. ދައުލަތުގައި އޮތްހާ މުއްސަނދިކަމެއް ވިޔަސް އިންތިހާބަށް 'ގުރުބާންކޮށްލުމެ'ވެ. އެ ވާހަކާގައި ދެން އޭނާ ވިދާޅުވީ މިހެންނެވެ:
"ހައްސަކޮށް ރައްޔިތުންގެ ފައިސާ އާއި މުދާ އިންތިހާއަށް ނަހަމަ ގޮތުގައި ބޭނުންކުރާ ސަރުކާރެއް އޮވެމެ، މިކަހަލަ ކަމެއް ކޮށްފިއްޔާ ރައްޔިތުންނަށް އަސްލު މިނިވަންކަމާ އެކު، މިނިވަން ފިކުރުގައި ތިބެގެން ވޯޓު ލުމުގެ ފުރުސަތު ގެއްލިގެން އެ ދިޔައީ."
އަޅުގަނޑުގެ 'މޫސާ ލަތީފް' ޕޮޑްކާސްޓްގައި ދެންނެވި ސުވާލަށް އޭނާ އެތައް ވާހަކައެއް އިތުރުކުރެއްވި އެވެ. އިންތިހާބަށް 'ސަރުކާރު ބަންޑުންކޮށްލުން'، އެ ބަހުގެ މާނަ ހަމައެކަނި މާލެ ސަރަހައްދަށް މިހާރު ބަލައިލިޔަަސް އެ ފެންނަނީ އެވެ. މިއީ އަދި ރާއްޖޭގައި ބާއްވާ އެންމެ ކުޑަ އިންތިހާބު، ކައުންސިލް އިންތިހާބެވެ. އެކަމަކު ޕީއެންސީގެ ދިދަ އާއި ޕޯސްޓަރާއި ބޮޑެތި ބިލްބޯޑްތަކުން ފުރާލައިފި އެވެ.
އެންމެ ފަހުން މިދިއަ ހޯމަދުވަހު 'ހިޔާ' ފްލެޓްތަކުގެ ކުލި ދެ އަހަރަށް އެ މައާފުކޮށްދިނީ އެވެ. ފްލެޓްތަކަށް ވަންނަން މީހުން ކުރި ހޭދައިގެ ބަދަލުގައި ކުރިން ދިން 200،000ރ.ގެ ތެރެއިންނެވެ. މާނައަކީ 1.3 ބިލިއަން ރުފިޔާ، ދިވެހި ހުރިހާ ރައްޔިތުންގެ ހައްގެއްގެ ތެރެއިން، ގާތްގަނޑަކަށް 6،800 ފްލެޓްގެ ވެރިންނަށް ހިލޭ ހޭދަކޮށްލަނީ އެވެ.
އާ ދުވަހަކަށް އިރުއަރަނީ އާ ޕޯސްޓަރުތަކާ އެކުގަ އެވެ. ހުޅުމާލެ އާއި ބްރިޖް ގުޅުވައިދޭ ހައިވޭއަށް އަަރަން ދަތުރުކުރާ ހުޅުމާލޭގެ ބޮޑު މަގުގެ ދެ ފަރާތު އިއްޔެ ފުރާލައިފައި އޮތީ ޕީއެންސީގެ މޭޔަރުގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލްގެ ފޮޓޯތަކުންނެވެ. މާލޭގެ ބައެއް ބޮޑެތި މަގުތައް ވެސް މެ އެވެ.
"މުޅި މާލެތެރެއަށް ބައްލަވާ! އިހަކަށް ދުވަހު ކުޑަކުޑަ ހޮޅިކޮޅެއް ނުލިބިގެން ކުއްޖަކު ނިޔާވި ހަބަރު މުޅި މީޑިއާގައި އެހެރީ އަދިވެސް. އެއީ 100 ޑޮލަރު ވެސް ނާރާނެ ކަންނޭނގެ. އެކަމަކު މުޅި މާލެ ތެރޭގައި ދިދަ ދަމައިގެން ސަރުކާރުން އެ ތިބީ. އެތައް، އެތައް މިލިއަން ޑޮލަރެއްގެ ދިދަ އާއި ކެންވަސްތައް ހިއްޕާފައި. މުޅި ރާއްޖޭގައި، މާލެ އެކަންޏެއް ނޫން. އެކަމަކު އެ ކުޑަކުޑަ ހޮޅިކޮޅު އެޕްރޫވް ނުކުރެވުނު އާސަންދައަށް،" އާޒިމް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން ނޫނެކޭ ނުބުނެފި ނަމަ، އޭގެ މާނައަކީ، އާޒިމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެ ހުރިހާ ކަމެއް ވެސް ރައްޔިތުންނަށް ރަނގަޅުވުމެވެ. ސަރުކާރު 'ބަރާބަރުވުމެ'ވެ. އެކަަމަކު އޭނާ ވިދާޅުވީ ސަރުކާރުގެ ހާލަތު އެއަށް ވުރެ މާ ދަށް ކަމަށެވެ. ސިފަކުރެއްވީ 'ގާބިލްކަމެއް ނެތޭ' ކިޔުއްވަމުންނެވެ.
"މިއަދު ރައްޔިތުން ނުކުންނަވައި ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް ވޯޓު ލައިިފިއްޔާ ރައްޔިތުން އެ ބުނަނީ އާސަންދަ ވެސް އެބަ ލިބޭ ރަނގަޅަށް. ބޭސް ވެސް އެބަ ލިބެއޭ ރަނގަޅަށް. ގޭހުގެ އަގު ބޮޑެއް ނުވެއޭ. މުދަލުގެ އަގު ބޮޑެއް ނުވެއޭ. ހުރިހާ ކަމެއް ފުރިހަމައޭ. ގޯތިގެދޮރު ވެސް ލިބިއްޖެއޭ. ފްލެޓް ވެސް ލިބިއްޖެއޭ،" އާޒިމް ވިދާޅުވި އެވެ.
އެކަމަކު ހަގީގަތުގައި "މިއަދު އެކަންތައްތައް ނުކުރައްވާ އައިސް ތިމަންނަމެން ކައިރީގައި އާނއެކޭ [ބުނަން ވިދާޅުވުމާ އެކު ރައްޔިތުން] އާނއެކޭ ބުނީމާ ހުރިހާ ކަމެއް ބަރާބަރުވީ."
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަކީ ރާއްޖޭގެ އެންމެ ބޮޑު ދެ އިންތިހާބެވެ. އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީ އިސްލާހުކުރާ ނަމަ، އާޒިމް ގަބޫލުކުރައްވަނީ، މިހާ އަވަހަށް ތެޅިގަނެގެން ކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ވިސްނާށާއި ފިކުރުކުރަން ފުރުސަތުދީ އަދި ހޭލުންތެރިކަން ބޮޑުކުރާނެ އެކަށޭނެ ވަގުތު ހޯދައިދޭން ޖެހޭނެ ކަމެވެ.
"މިއީ ތެޅިގަނެެގެން ކުރަން ޖެހޭ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ. އެހެން ވިދާޅުވެފައި އޭނާ ހަނދާންކޮށްދެއްވީ އެކަހަަލަ ބޮޑު ކަމެއްގެ ވާހަކަ ރައްޔިތުންގެ ކައިރީގައި އަހާއިރު ސަރުކާރުން އުފުލަން ޖެހޭ ޒިންމާގެ މަތިންނެވެ.
"ރައްޔިތުންނަށް ނޭނގޭ އެއްޗަކަށް ރައްޔިތުން ކައިރީގައި އާނއެކޭ ބުނާށޭ ސަރުކާރުން ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ސަރުކާރުން ކުރާ ކަމެއް. ސަރުކާރުގެ ވަރަށް ބޮޑު ޒިންމާއެއް ރައްޔިތުން ކައިރީގައި ތިމަންނައަށް މިއަށް އާނއެކޭ ބުނާށޭ ބުނެދޭއިރުގައި އޭގެ ފުރަތަމަ މައުލޫމާތު އެ ބޭފުޅުން ނޫން ބަޔަކު ލައްވާ ވެސް ދިނުން. ގާތްގަނޑަކަށް ހައެއްކަ މަސް ނޫނީ އަހަރެއް ވަރު މި މަސައްކަތްކޮށްފައި ދެން އެކަމަށް ދާންވާނީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ އެހެން މިސާލެއް ވެސް ދެއްކެވި އެވެ. އެއީ ކޮންމެވެސް ވާހަކައެއް ދައްކަން ތިބެފައި، އެ ދައްކާ ވާހަކަ ރަނގަޅަށް ރޭކާނުލާ މީހަކަށް 'ދޯ' ކަނޑާލުމެވެ. އަޅުގަނޑުމެން ވަރަށް ގިނައިން ކުރާ ކަމެކެވެ. އެ 'ދޯ'ގައި އެ މީހަކު، ބައެއް ފަހަރަށް، ހިފަ އެވެ. އެ ދައްކަނީ ކޮން ވާހަކައެއްކަން ރަނގަޅަށް ނޭނގުނަސް، އެއްބަސްވެ އެވެ.
އަންނަ ހޮނިހިރުދުވަހުގެ ވޯޓަކީ އެކަހަލަ 'ދޯ'އެއް މުޅި ރައްޔިތުންނަށް ފޮނުވާލުމެއް ކަމަށް، އާޒިމް ގަބޫލުުކުރައްވަ އެވެ. ހަގީގަތުގައި ވެސް ސަރުކާރުން މި ކުރަން އުޅޭ ކަމުގެ ފޮރުވިފައި ހުރި މަގުސަދުތައް ގިނަ ދިވެހިންނަކަށް ނޭނގެ އެވެ.
"ދެ މީހަކު ވާހަކަދައްކަމުން ދާއިރު ތިން ވަނަ މީހެއް ކައިިރީގައި އޭނާއަށް ނޭނގޭ އެއްޗަކަށް ދޯ އަހާލީމާ އޭނާ އާނއެކޭ ބުނަންވީހޭ ސުވާލަކީ؟ ރައްޔިތުންނަށް ނޭނގޭ [މި ވޯޓަކީ] ކީއްވާ އެއްޗެއްކަން. ނޭނގޭ އެއްޗަކަށް އާނއެކޭ ބުނުމަކީ ވަރަށް ނުރައްކާތެރި ކަމެއް،" އާޒިމް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ އެހެން މަގުސަދުތައް ވެސް، އެކަމާ އިދިކޮޅު މީހުންނަށް ފެނެ އެވެ. ހާއްސަކޮށް ރައީސް މުއިއްޒުގެ ބާރެވެ. އާޒިމް ވެސް އެތަންކޮޅު ނެންގެވި އެވެ. ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، ހަމަ ބުއްދިން ވިސްނައިފި ނަމަ، އެއްވެސް މީހަކަށް އޭނާގެ އެ ވާހަކައަށް ދެކޮޅުހެދޭކަށް ނޯންނާނެ އެވެ.
"ވަރަށް ހުދުމުހުތާރުކޮށް ރައީސް މުއިއްޒު މިއަދު ވެސް މަސައްކަތްކުރައްވަމުން އެ ވަޑައިގަންނަވަނީ. މިއަދު ހުދުމުހުތާރުކަން [މުޅިން] ނުދެއްކެވިގެން އެ އުޅެނީ ރައްޔިތުން ކައިރިއަށް ވޯޓަށް ދާން ޖެހޭތީ،" އާޒިމް ވިދާޅުވި އެވެ.
އެ ހުދުމުހުތާރުކަން ފާހަގަކުރައްވަމުން މިސާލު ދެއްކެވީ:
ވަޒީރުންގެ މައްޗަށް ހުދުމުހުތާރުވުން
ރައްޔިތުންގެ މަޖިލިހުގެ މައްޗަށް ހުދުމުހުތާރުވުން
ޝަރުއީ ނިޒާމަށް ހުދުމުހުތާރުވުން
"ދެން އެ ހުދުމުހުތާރުކަން ނުދެއްކެވި އޮތީ ރައްޔިތުންގެ މައްޗަށް. މިކަން ކުރަން ވެގެން ކުރާ މަސައްކަތެއް އެއީ [ހިޔާލު ހޯދުމުގެ ވޯޓަކީ]. މިކަން ކޮށްފިކަމަށް ވަންޏާ [ވޯޓުގައި މެޖޯރިޓީ މީހުން އާނއެކޭ ބުނެފި ނަމަ] ރައްޔިތުންގެ ކައިރިއަށް ދާކަށް ނުޖެހޭނެ ނޫންތޯ ވޯޓަށް އަހާކަށް، ތިމަން އިންތިހާބުކޮށްދޭށޭ، ތިމަންނައަށް ތާއީދުކޮށްދޭށޭ ބުނާކަށް. އެންމެ ފަހަރަކު [ދެ އިންތިހާބު އެއް ދުވަހަކުން ކާމިޔާބުކުރަން] ދިޔައިމާ ނިމުނީ ނޫންތޯ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވަނީ، ހަމައެކަނި ރައީސް މުއިއްޒު އެކަންޏެއް ނޫނެވެ، އެހެން ވެރިޔަކު އެދިވަޑައިގަތަސް ރައްޔިތުންގެ ބާރެއް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ހޮނިހިރުދުވަހުގެ ވޯޓުގައި ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތް ވެއްޖެ ނަމަ އެ ދޫކޮށްލެވެނީ ރައްޔިތުންގެ ބާރެކެވެ. މީގެ ކުރިން ރައީސް ބޭނުންފުޅުވި ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުން ވަނީ ބާރުތައް ދޫކޮށްލައްވައިފަ އެވެ.
"އަޅުގަނޑު ހަމަ ރައްޔިތުންގެ ކިބައިން އެދެނީ ރައްޔިތުންނަށް ލިބިފައި އޮތް ހައްގެއް، އެއްވެސް ބާރެއް، އެއްވެސް މީހަކު ބުނެގެން ދޫނުކޮށްލާށޭ. އެގޮތަށް ބާރުތައް ދޫކުރަން ފަށައިފިއްޔާ ރައްޔިތުން ހެސްކިޔާފައި ނިކަމެތިވާނޭ،" އާޒިމް ވިދާޅުވި އެވެ.
އެހެންވެ އޭނާގެ އެދިވަޑައިގަތުމަކީ ރައްޔިތުން ނުކުމެ ހިޔާލު ހޯދުމުގެ ވޯޓުގައި 'ނޫނެކޭ' ޖެހުމެވެ.
"މި ފުުރުސަތު ބޭނުންކުރައްވާ ނޫނެކޭ ވޯޓުގައި ރަނގަޅު ފާހަގައެއް ޖަހާފައި ބުނަންވީ އަސްލު މިހުރިހާ ކަމެއް ގޯހޭ. އެ ބާރު ބޭނުންކުރައްވާށޭ! ޒިންމާދާރުކުރުވާށޭ ސަރުކާރު. ސަރުކާރު ޒިންމާދާރުކުރުވަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ރައްޔިތުންނަކަށް ލިބޭނެހެންނެއް ހިއެއްނުވޭ،" އާޒިމް ވިދާޅުވި އެވެ.
ރައްޔިތުން ވިސްނާށެވެ. ރިޔާސީ އިންތިހާބުގެ ވައުދެއް ވެސް ނޫނެވެ. ސަރުކާރުގެ އެޖެންޑާގެ ފުރަތަމަ ސަފުހާގައި އެ ބަދަލު ނުވެސް ނެތެވެ. އެކަމަކު ހަމަ ކުއްލިއަކަށް، އެންމެ 24 ގަޑިއިރުގެ ތެރޭގައި، އަދި ކޮބާ؟ ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ މެމްބަރުން ނެރެގެން، އެ ފާސްކޮށްލީ އެވެ. މި ދައްކަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ ވާހަކަ ވިއްޔާ އެވެ.
ދެން އަޅުގަނޑުމެން ރައްޔިތުން އަންނަ ހޮނިހިރުދުވަހު ގޮސް، އެ ސުވާލުގެ ޖަވާބުގައި 'އާނއެކޭ'، ހަމަ ލާންވީ ހެއްޔެވެ؟ ނުވިސްނާނަން ހެއްޔެވެ؟ ވިސްނާ ދިވެހިންނަށް ބުނެލާނަމެވެ.
މި އުޅެނީ ހަރަދު ބޮޑުވެގެންނެއް ނޫނެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް، ދެ އިންތިހާބުގެ ހަރަދު، މިސާލަކަށް ތަންކޮޅެއް ބޮޑުކޮށް ޖަހާލައިގެން، 400 މިލިއަން ރުފިޔާ ނަމަ، ކޮންމެ ފަސް އަހަރަކުން އެ ހިނގަނީ ދައުލަތުގެ ފަސް އަހަރުގެ ބަޖެޓުގެ އެންމެ %0.15 އެވެ.
ރަނގަޅަށް ވިސްނާލާށެވެ. އެއީ އެއްވެސް އެއްޗެއް ނޫނެވެ.
ހަގީގަތަކީ މި އެވެ: އެ ސުވާލު ރައްޔިތުންނާ އެ ކުރަނީ ރައްޔިތުންގެ މަޖިލިހުގައި 'ތަޅު އަޅުވާފައި' އޮތް ގޮތަށް އަދި ސުޕްރީމް ކޯޓުގެ ބެންޗު ކުއްލިއަކަށް ބަދަލުކޮށްލި ގޮތަށް، ރައްޔިތުންނަކީ ވެސް ގޮނޑިކޮއްކޮއަކަށް ހަދާށެވެ.
އެކަމަކު ވިސްނާ ރައްޔިތުން އެއްވެސް ބައެއްގެ ގޮނޑިކޮއްކޮއަކަށް ވާކަށް ބޭނުމެއް ނުވާނެ އެވެ.
އެކަން އަޅުގަނޑަށް ޔަގީނެވެ.
ސަރުކާރުން މުޅި ރައްޔިތުންނަށް ބޮޑު 'ދޯ'އެއް ކަނޑާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ