މާރިޗު މަހު 161،000އަށްވުރެ ގިނަ ފަތުރުވެރިން

މާރިޗު މަހު ރާއްޖެއަށް 161،259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 643،218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %1 އިތުރު އަދަދެކެވެ.
* ޖަނަވަރީ: 227،403 ފަތުރުވެރިން
* ފެބުރުވަރީ: 254،556 ފަތުރުވެރިން
* މާރިޗު: 161،259 ފަތުރުވެރިން
މިދިޔަ އަހަރާއި އަޅާބަލާއިރު ޖަނަވަރީ އަދި ފެބުރުވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން މާރިޗު މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.
* ޗައިނާ: 94،823 ފަތުރުވެރިން
* ރަޝިއާ: 79،326 ފަތުރުވެރިން
* އިނގިރޭސިވިލާތް: 61،162 ފަތުރުވެރިން
* އިޓަލީވިލާތް: 57،289 ފަތުރުވެރިން
* ޖަރުމަނުވިލާތް: 43،344 ފަތުރުވެރިން
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %68.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި %26.1 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 636،916 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި ކަނޑުމަގުން 6302 ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ