ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ނަޝީދު ގޮވާލައްވައިފި

ކެބިނެޓުގެ 10 ވަޒީރުން ކުއްލި ގޮތަކަށް މިއަދު އިސްތިއުފާ ދެއްވުމާ އެކު، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި އެހެންވެ މި ދަނޑިވަޅު ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ލޯކަލް ކައުންސިލްގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓުގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ އެކު ގިނަ ވަޒީރުންތަކެއް މިއަދު ވަނީ މަގާމު ދޫކޮށްލައްވާފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓްގެ މައްޗަށް ރައީސްގެ އިތުބާރު ގެއްލިއްޖެ ކަމަށާއި ރައީސްގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލިއްޖެ ކަމަށެވެ.
ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން އެ މަނިކުފާނު ގޮވާލެއްވި އެވެ.
އޭގެ ސަބަބެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވީ، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދާތީ، ބޭނުން ޖެހިފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގުމަށެވެ.
އެނގުން މުހިއްމު - ވަޒީރުން އިސްތިއުފާ ދެއްވީ، ރައީސް އޮފީހުން ބުނި ގޮތުގައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
މިއަދު އިސްތިއުފާ ދެއްވި ވަޒީރުންނަކީ:
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ