ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ޓްރަމްޕް އީރާނަށް 48 ގަޑިއިރު ދެއްވައިފި

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އާ އިންޒާރެއް ދެއްވައި އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް 48 ގަޑިއިރުގެ މުހުލަތެއް އިއްޔެ ދެއްވައިފި އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި، މިދިޔަ މަހުގެ 26 ވަނަ ދުވަހު ދެއްވި 10 ދުވަހުގެ މުހުލަތު ހަނދާންކޮށްދެއްވަމުން ވިދާޅުވީ، ވަގުތު ކުޑަތަންވަމުންދާ ކަމަށާއި ކުރިއަށް އޮތީ 48 ގަޑިއިރު ކަމަށެވެ. އެއަށް ފަހު އީރާނަށް ކުރިން ނުދެކޭ ވަރުގެ ބޮންތައް އޮހިގަންނާނެ ކަމަށެް އޭނާ ވިދާޅުވި އެވެ. އަދި އީރާނުން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްނުވެއްޖެ ނަމަ، އެ ގައުމުގެ ހަކަތަ އާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
މި އިންޒާރަށް އީރާނުގެ އޮފިޝަލުން ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. ޖެނެރަލް އަލީ އަބްދުﷲ އަލިއާބާދީ ވިދާޅުވީ، މިއީ އެއްވެސް ބުރަދަނެއް ނެތް، ކަންބޮޑުވެފައިވާ އަދި ބުއްދިވެރިކަމެއް ނެތް އަމަލެއް ކަމަށެވެ. އަދި އެފަދަ ބޮންތައް އަމާޒުކުރެވޭނީ އެމެރިކާ އާއި އިޒްރޭލުގެ މައްޗަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ރައްދު ދެއްވާފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ބަަހުގެ ހަމަލާތައް ބަދަލުކުރަމުން މިދަނީ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، ޑިޕްލޮމެޓިކް ހައްލަކަށް އީރާނުން އަދިވެސް ތައްޔާރު ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ އަހަރެމެންގެ މައްޗަށް މަޖުބޫރުކޮށްފައިވާ މި ގައިރުގާނޫނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ ޝަރުތުތަކެއް،" އެމެރިކާގެ ހުށަހެޅުންތަކަށް އިންކާރު ކުރައްވައި އޭނާ ވިދާޅުވި އެވެ.
މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިވަނީ، އީރާނުން އެމެރިކާގެ އެފް-15 ފައިޓާ ޖެޓެއް ވައްޓާލި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެންނެވެ. މި ހާދިސާގައި ބޯޓުގެ ޕައިލެޓް އީރާނުގެ ސަރަހައްދަށް ފުންމާލާފައިވާ ކަމަށް ބެލެވެ އެވެ. ޓްރަމްޕް މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުނުވި ނަމަވެސް، މީގެ ކުރިން ވިދާޅުވެފައިވަނީ މިފަދަ ހާދިސާއަކުން މަޝްވަރާތަކަށް އަސަރެއް ނުކުރާނެ ކަމަށާއި މިއީ ހަނގުރާމައެއް ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، ޕައިލެޓް އީރާނުގެ ބެލުމުގެ ދަށަށް ގެންގޮސްފި ނަމަ ހާލަތު އިތުރަށް ގޯސްވާނެ އެވެ. މެރީނާ މިރޯން ވިދާޅުވި ގޮތުގައި، މި ހާދިސާއިން ދައްކުވައިދެނީ އީރާނުގެ ދިފާއީ ގާބިލުކަމެވެ. އަދި ކުރިމަތިލުމުގެ ގާބިލުކަން ހުރިކަން ދެއްކުމަކީ އީރާނަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ