ނާކާމިޔާބަކީ ހިތްވަރުކޮށް މަސައްކަތްކުރަން ލިބޭ ކަންކަން ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއް: ވަޒީރުން
ނާކާމިޔާބުވުމަކީ ހިތްވަރުކޮށް ގަދައަޅައި މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި، އިންތިޚާބުގެ ނަތީޖާއަކީ ކަންކަން ފުންކޮށް ވިސްނައި، ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއް ކަމަށް، ސަރުކާރުގެ ވަޒީރުން ވިދާޅުވެއްޖެއެވެ. އިއްޔެ ނިމުނު ކައުންސިލުތަކުގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނެގި ޚިޔާލު ހޯދުމުގެ ވޯޓަށްފަހު، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ކޮންމެ ނަތީޖާއަކީ ނިމުމެއްނޫން ކަމަށެވެ. އަދި ކާމިޔާބީގައި ހިތްތިރިކުރަންޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "ހަމަ އެހެންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެކެވެ، ރައްޔިތުންނަށް ޚިދުމަތް ކުރުން މިނަން ޖެހޭނީ ލިބޭ ކާމިޔާބީއަކުން އެކަންޏެއްނޫނެވެ، އެހެނެއްކަމަކު ސާބިތުކަމާއެކު ކަންކަން އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުންނެވެ،" މުއްޠަލިބު ލިޔުއްވައިފައިވެއެވެ. ދިމިގުރާތީ ނިޒާމުގައި ރައްޔިތުންގެ ކޮންމެ ނިންމުމަކަށް އިހުތިރާމްކޮށް ހިތްވަރުކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. "ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއްނޫނެވެ، ތާރީޚު ލިޔެވެނީ ބައިބަޔަށެވެ، ޚިދުމަތްކުރުމުގައި މަގުސަދެއް އޮތް މީހަކު ދެ ސަފްޙާ ދޭތެރެއިން ނުގެއްލޭނެއެވެ،" މުއްޠަލިބު ލިޔުއްވައިފައިވެއެވެ. ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް 'އެކްސް'ގައި މިއަދު ލިޔުއްވިގޮތުގައި، އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނައި ކަންކަން އިސްލާހުކުރުމަށް ލިބޭ ފުރުސަތެކެވެ. "އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި، މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި،" ޝިޔާމް ލިޔުއްވައިފައިވެއެވެ. https://x.com/Shiyamaldives/status/2040710592261132557 ފާހަގަކުރެވޭ ގޮތުގައި، އިންތިޚާބުގެ ނަތީޖާއަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ބަލި ގަބޫލުފުޅުކުރައްވައި، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައިފައެވެ. އެ މަނިކުފާނު ލިޔުއްވި ޕޯސްޓެއްގައިވަނީ، އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. "ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ލިޔުއްވައިފައިވެއެވެ. https://sun.mv/220147 ރައީސް މިފަދައިން ލިޔުއްވައިފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ، އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރަށް އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ނެގި ވޯޓެއްގެ ގޮތުގައި ސިފަކުރައްވައި، ބޮޑު ތަފާތަކުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށް ވިދާޅުވެފައެވެ. "މިފަދަ ވަގުތުތަކުގައި އެންމެ ރަނގަޅުގޮތަކީ، އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އިތުބާރުނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މިވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވުމަށްފަހު އަވަސް އިންތިޚާބަކަށް ދިއުން،" އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/220152 ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 195،614 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 68.7 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 31.3 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ. އޭގެ އިތުރުން، އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުގައި، ފަސް ސިޓީކަމަށްވާ މާލެއާއި ފުވައްމުލަކާއި އައްޑުއާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އެމްޑީޕީގެ މޭޔަރުން ވަނީ، އެ މަގާމުތައް ދިފާއުކުރައްވައިފައެވެ. އަދި އެ ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާގެ މަގާމުތައްވެސް ހޯދައި، އިދިކޮޅު އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ހޯދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ