ލަންކާ ވިސާ ދިވެހީންނަށް ދަތިވުން: ނަޝީދު ގޮވައިލެއްވީ ދެ ގައުމުގެ މެދުގައި ވިސާ އަދި ވޯކް ޕާމިޓް އުވާލަން

އަވައްޓެރި ސްރީލަންކާއިން ދިވެހީންނަށް ވިސާ ލިބުން ދަތިވެފައިވާކަމަށް ވިދާޅުވެ، އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު ނުރުހުން ފާޅުކުރައްވާފައި ވަނިކޮށް، ލަންކާއާ ރާއްޖެއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލަން ނަޝީދު މިއަދު ގޮވާލައްވައިފިއެވެ. ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންނަށް 'ދޮން މަންމަ'އިންގެ އުސޫލުން ކަންކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ލަންކާއަށް ދާ ދިވެހީން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވިސާ ހޯދަން މަޑުކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ބޯޑަރު ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އިގްތިސޯދީ އަދި އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމަށް ބާރުއަޅާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު ވިސާ އަދި ވޯކް ޕާމިޓް އުވާލުމަކީ ވިޔަފާރިއާއި ފަތުރުވެރިކަން އަދި އަމިއްލަ ގުޅުންތައް އިތުރުވެ، އެއްބަޔަކު އަނެއް ބަޔަކަށް ގުޅުން ބަދަހި ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/2009155700115787926 ދިވެހީން ވަރަށް އާއްމުކޮށް ގޮސް އުޅޭ, ލަންކާއަށް ދިއުމަށް ކޮންމެހެން ވިސާ ނަގާކަށް ނުޖެހެއެވެ. އެއީ އޮންއެރައިވަލް ވިސާ އެ ގައުމުން ދިވެހީންނަށް ލިބޭތީއެވެ. ނަމަވެސް، އެ ގައުމުގައި ގިނަ ދުވަހަށް މަޑުކުރާނަމަ ދިވެހީން ވެސް ވިސާ ނަގަން ޖެހެއެވެ. ލަންކާގައި މިހާރު ވެސް 1800 އެއްހާ ދިވެހީން ދިރިއުޅެއެވެ. އެ ގައުމުގައި ދިވެހީން ގިނައިން ދިރިއުޅެނީ ތައުލީމު އުނގެނުމަށާއި ބޭސްފަރުވާއަށެވެ. ކޮވިޑްގެ ކުރިން އެ ގައުމުގައި 15,000 އެއްހާ ދިވެހީން ދިރިއުޅުނެވެ. ނަމަވެސް، ކޮވިޑާއެކު ލަންކާއަށް ދިމާވި މާލީ ދަތިކަމުގެ ސަބަބުން ދިރިއުޅުން ދަތިވެ, އެތައް ހާސް ދިވެހީންނެއް ވަނީ އެ ގައުމު ދޫކޮށްލައިފައެވެ. https://www.sun.mv/216434 ލަންކާގެ ވިސާ ދިވެހީންނަށް ދަތިވެފައިވާއިރު، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ މެދު ގިނަ ބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުވެސް ކިޔަމުންނެވެ. އެގޮތުން ސްރީލަންކާއިން ދިވެހީންނަށް ވިސާ ލިބުން ދަތިވެފައިވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ