ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ރޭ އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އަބްދުއްރައޫފާއި ޝަފީއު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމީ މި މަހުގެ 2ގައި ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.
ތަފްސީލް - އެ ދެ ބޭފުޅުން އެ ރޭ ހުވާކުރެއްވުމަށް ތާވަލްކުރި ނަމަވެސް، އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު ރޭ ވަނީ ހުވާކުރައްވާފަ އެވެ.
މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެނގުން މުހިންމު - ހައި ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، އެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން ވަކިވެވަޑައިގަތުމުންނެވެ.
ހައި ކޯޓުގައި މަސައްކަތްކުރެއްވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް މިދިޔަ ނޮވެމްބަރުގައި މަގާމުން ރިޓާޔާކުރެއްވިއިރު، މިދިޔަ ޑިސެމްބަރުގައި ފައިސަލް މަގާމުން އިސްތިއުފާ ދެއްވީ، ސަރުކާރުގެ ކޮންޓްރޯލު އޮތް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މި ދެ ފަނޑިޔާރުންގެ މައްސަލައެއް ބަލަން ފެށުމުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލުމުން 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މި ބޭފުޅުންގެ ތެރެއިން، ހައި ކޯޓަށް އައްޔަންކުރައްވަން ޖޭއެސްސީން ނިންމި އަބްދުއްރައޫފް، ހައި ކޯޓުން މޭ 2022ގައި އިސްތިއުފާ ދެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
ފަނޑިޔާރުކަމުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުމަށް ފަހު އަބްދުއްރައޫފް އޭރު އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީން އެ މައްސަލަ ބަލައި މަގާމުން ވަކިކުރަން އޮތީ ނިންމާފަ އެެވެ. އޭގެ ފަހުން، ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރުކަމަށް ވެސް އަބްދުއްރައޫފް ވާދަކުރައްވައިފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މަސައްކަތްކުރެއްވި ޝަފީއު އެ ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރީ ސެޕްޓެމްބަރު 2021ގަ އެވެ. ޝަފީއު އޭގެ ކުރިން ވަނީ، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަގާމުގައި ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.
ހައި ކޯޓަށް ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އަދި ކްރިމިނަލް ކޯޓުގެ ގާޒީ ޝަފީއު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ