އަގުވަޒަން ނުކުރިޔަސް މި މަސައްކަތް ކުރަނީ ލޯތްބާއެކު
މީގެ އަހަރުތަކެއް ކުރިން އޭނާއަކީ ހއ. މޮޅަދޫގެ ކުޑަކަތީބެވެ. މިހާރު އޭނާއަކީ އެ ރަށުގެ ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރެވެ. މޮޅަދުއަށް އުފަން އެ ރަށު ޕެންޒީމާގޭ މުޙައްމަދު މޫސާ، އާންމު ނަމުން ނަމަ މޮޅަދޫ މުޙައްމަދަކީ ވަޑާމުގެ އެކި މަސައްކަތް ކޮށް، ލަކުޑިން އެކި ތަކެތި އުފައްދާ މީހެކެވެ. މުޙައްމަދު އާންމުކޮށް ކުރާ މަސައްކަތަކީ ވަޑާމުގެ އިތުރުން، އެކިކަހަލަ ސުވެނިއާގެ ބާވަތްތައް އުފައްދައި، އެ ތަކެތި ވިއްކުމެވެ. "އާންމުކޮށް އަޅުގަނޑު މިކުރާ މަސައްކަތަކީ އަޅުގަނޑުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ފިޔަވައި، ވަޑާމުގެ ތެރޭގަ މައިގަނޑުގޮތެއްގަ ގޯތި ގެދޮރަށް މިކުރާ ހުރިހާ މަސައްކަތެއްވެސް މި ކުރަނީ، އޭގެ އިތުރުން މިހާރު އާންމުގޮތެއްގަ އަޅުގަނޑު މި ކުރަނީ އޯޑަރުތަކަށް ސުވެނިއާ އުފެއްދުމުގެ މަސައްކަތް،" މުޙައްމަދު ކިޔައިދެއްވި ގޮތުގައި، ވަޑާމުގެ މަސައްކަތަށާއި ސުވެނިއާގެ މަސައްކަތަށް ޝައުގުވެރިކަން ހުރިނަމަ، އެކަމަށް ބޭނުންވާ އާލާތްތައް ހޯދައި މަސައްކަތްކުރުމަކީ އުނދަގޫކަމެއް ނޫނެވެ. އޭނާ ވިދާޅުވީ، ވަޑާމުގެ މަސައްކަތްކުރަނީ ވަކި އެއްޗެއް ބަލައިގެން، ނުވަތަ ވަކި އެއްޗެއް ކުރަހައިގެން ނޫން ކަމަށެވެ. ތަކެތި އުފައްދަނީ ހިތު ލަފަޔަށް ކަމަށެވެ. މުޙައްމަދު ވިދާޅުވިގޮތުގައި, ވަޑާމުގެ މަސައްކަތުގައި އޭނާއަށް އެނގޭ އެއްޗެހި، މީހުންނަށް ކިޔައިދިނުމަކީ ވަރަށް ލޯބިކުރާ ކަމެކެވެ. މުޙައްމަދު ތައްޔާރުކުރި ތަށި ދައްކާލަނީ--- "އަޅުގަނޑުގެ މި މަސައްކަތަކީ 1990ވަނަ އަހަރުން ފެށިގެން މިހާހިސާބަށް އައިއިރުގަވެސް އަޅުގަނޑުމެންގެ ލެވެލްގަ ފުޅާކޮށް ތަރައްގީކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން މި ދަނީ، އޭގެ ވަޒަންކުރުމެއް ނެތް ނަމަ އަޅުގަނޑުމެން. ކިހިނެއް ކުރިއަށް ދާނީ؟" މުޙައްމަދު ވިދާޅުވިއެވެ. ރަށްރަށުގައި ވަޑާމާއި ސުވަނިއާ ފަދަ މަސައްކަތްތަކުން އާމްދަނީ ހޯދޭނެ ގޮތް މަދުކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ކޮންމެ ސަރުކާރަކުންވެސް ރަނގަޅު ގޮތެއް ހޯދައިދޭނެ ކަމުގެ އުންމީދު އަބަދުވެސް ކުރައްވާ ކަމަށް، މުޙައްމަދު ވިދާޅުވިއެވެ. 'އެސް؛އެސްޓީވީ'އަށް ދެއްވި މި އިންޓަވިއުގެ ތެރެއިން މުޙައްމަދު ވަނީ، ހިރުނދު ލަކުޑި ބޭނުންކޮށް، ތައްޓެއް ހަދާނެ ގޮތް ދައްކާލައިފައެވެ. އެންމެ ފުރަތަމަ ލަކުޑި ޗަކުގައި ހަރުކޮށް އޭނާ ކުރި ކަމަކީ މެޝިނުގައި ލަކުޑިކޮޅު އަޅުވާލުމެވެ. ސުވެނިއާގެ ގޮތުގައި އުފެއްދި އެ ތަށި ހެދުމަށް ޗަކު މެޝިނުގައި ހަރުކޮށް، އެ ބައްޓަން ގެންނަން އޭނާ ބޭނުންކުރެއްވީ ހޮޅި ކަށްޓެވެ. ލަކުޑިކޮޅު ކޮށައި މަށައި، މެޝިނުގައި ފަރުމާކޮށް، ތަށި ޕޮލިޝް ކުރުމަށް ހޭދަވީ، މުޙައްމަދު ކިޔައިދެއްވި ގޮތުގައި ބަރާބަރު 21 މިނެޓެވެ. ދިވެއްސަކަށް 150 ރުފިޔާއަށް މީގެ ތަށްޓެއް ވިއްކާއިރު، ފަތުރުވެރިޔަކަށް އޭނާ މީގެ ތަށްޓެއް ވިއްކަނީ 15 ޑޮލަރަށެވެ. ޕިއާޒްގެ ބައްޓަމަށް މުޙައްމަދު ތަށްޓެއް ތައްޔާރުކުރަނީ، މި ތަށި ބައްޓަންކޮށްފައިވަނީ ގަހަނާ ފަދަ ތަކެތި ރައްކާކުރުމަށް "ކުރިން ކުޑަކަތީބުކަމުގެ މަގާމުގައި ހުރެފަ އެނބުރި އައިސް ޔޫޓިލިޓީސްއަށް ބަދަލުވެ ފެނަކައަށް ބަދަލުވެެން ދިޔައިރުވެސް އަޅުގަނޑު މި ހުންނަނީ ފެނަކައިގަ، ފެނަކައިގެ ސްޓޭޝަން މެނޭޖަރުގެ މަސްއޫލިއްުޔަތު އަދާކުރަމުންވެސް ޝައުގުވެރިކަން ހުންނާތީއާއި އިތުރު އާމްދަނީއެއް ލިބޭތީ މި މަސައްކަތް އަޅުގަނޑު ކުރަމުން މި ދަނީ،" ޒުވާނުން ވަޑާމުގެ މަސައްކަތުގެ ތެރެއަށް ނުކުތުމަށް މުޙައްމަދު އެދިލައްވައެވެ. އަދި ޒުވާނުން ވަޑާމުގައި ކުރިއަރައި ދިއުމަށް އެހީތެރިވުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ. 'ފޭސްބުކްގައި' "އިލޮށި"ގެ ނަމުގައި ޕޭޖެއް ހިންގާ މުޙައްމަދު ވިދާޅުވީ، އެ ޕޭޖުގައި ހުންނަ އެއްޗެއްސަކީ އެއީ ހަމަ އޯޑަރަށް އޭނާ އުފައްދާ ތަކެތި ކަމަށެވެ. ނަމަވެސް އޭނާގެ ހިތުގައި ވަރަށް ބޮޑު ޝަކުވާއެއް އެބައޮތެވެ. އެއީ ވަރަށް ޝައުގާއެކު އެ ކުރާ މަސައްކަތް ބަލައިނުގަތުމުގެ ޝަކުވާއެވެ. "ދަންނަވާލަން ބޭނުންވާ ވާހަކައަކީ ހިތާމައާއެކު، އަޅުގަނޑުމެންގެ މަސައްކަތްތެރިކަމުގެ އަގުވަޒަންކުރާ މީހުން ނެތް އިނގޭތޯ، މީގެން ދަލީލުކޮށްދޭ އެއް ކަމެއް، އަޅުގަނޑުމެންގެ އުފެއްދުންތައް މިހެން ހުއްޓާ ރާއްޖޭން ބޭރުން ހަމަ މޯލްޑިވްސް ޖައްސަވާފަ ބައިވަރު އެއްޗެހި އެތެރެކޮށްލަފާނެ، މިއީ އަޅުގަނޑުމެންގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއް،" އާންމުގޮތެއްގައި އޭނާގެ އުފެއްުދުންތައް ތައްޔާރުކުރަން ބޭނުންކުރަނީ ހިރުނދު ލަކުޑިއެވެ. ނަމަވެސް ބައެއް ކަހަލަ އުފެއްދުންތައް ތައްޔާރު ކުރުމަށް ދިއްގާ ލަކުޑި، ފުނަ، އަދި ކާނި ވެސް ބޭނުން ކުރެއެވެ. މުޙައްމަދުގެ އުންމީދަކީ ބޭރު ގައުމުތަކުން އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކޮށް ސުވެނިއާގެ ގޮތުގައި ވިއްކުމުގެ ބަދަލުގައި ދިވެހި އުފެއްދުމަށް ލޯބިކޮށް، ދިވެހި ތަކެތި ބާޒާރުގައި ގިނައިން ވިއްކޭނެ ދުވަހެއް ފެނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ