ސިޓީން އާސެނަލްގެ ފަހަތުގައި ރަނގަޅަށް ވިއްދައިފި

އެންމެ ފަހުން އެ ދުވަސް އައިސް ޖެހެނީ ކަންނޭނގެ އެވެ. އެތައް ޕޮއިންޓެއްގެ ފަރަގާ އެކު ކުރީގައި އޮތް އާސެނަލްގެ ފަހަތުގައި މެންޗެސްޓަ ސިޓީ މިހާރު އޮތީ ރަނގަޅަށް ވެސް ޖައްސައިފަ އެވެ.
ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް 2-1 އިން ބަލިކޮށް ސިޓީ ހޯދި ކާމިޔާބީއާ އެކު މިހާރު 27 މެޗު ކުޅެ ލިބުނު ޕޮއިންޓްގެ އަދަދު ވަނީ 56އަށް އަރުވައިފަ އެވެ. އާސެނަލް އެއް ވަނާގައި އޮތީ 58 ޕޮއިންޓް ލިބިގެންނެވެ.
މިރޭ އާސެނަލް ނުކުންނާނީ އެންމެ ވާދަވެރި ކްލަބް، ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. މިހާރު ތާވަލް އޮތް ގޮތުން 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއަ ލީގު ނަގަން އާސެނަލްއަށް އެއްވެސް މެޗަކުން ބަލިވެގެން ފަރުޖެއްސޭކަށް ނެތެވެ. އެކަހަލަ ނަތީޖާއެއް ނުކުމެއްޖެ ނަމަ ސިޓީ ވެސް މެޗުތަކުން ބަލިވާން ޖެހޭނެ އެވެ.
އަހަރު ފެށުނު އިރު އާސެނަލްއަށް މޮޅުވެވޭ މެޗުތަކަށް ވުރެ ގިނައީ އެއްވަރުވާ މެޗުތަކެވެ. އެހެންކަމުން ގިނަ ޕޮއިންޓްތަކެއް މިހާރު ވެސް ވަނީ ގެއްލިފަ އެވެ.
ރޭގެ މޮޅަކީ ސިޓީއަށް ވަރަށް މުހިންމު ތިން ޕޮއިންޓެވެ. އޭގެ އިނާމެއްގެ ގޮތުން ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކުޅުންތެރިންނަށް އަރާމުކުރަން ތިން ދުވަސް ދީފަ އެވެ.
އާސެނަލް، ކުޅުނު 27، ޕޮއިންޓް 58
މެންޗެސްޓަ ސިޓީ، ކުޅުނު 27، ޕޮއިންޓް 56
އެސްޓަން ވިލާ، ކުޅުނު 27، ޕޮއިންޓް 51
ޗެލްސީ، ކުޅުނު 27، ޕޮއިންޓް 45
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 26، ޕޮއިންޓް 45
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ