ޔޫކޭ ރޮދަރަމްގެ މޭޔަރ ކަމުގައި މުސްލިމް ކަނބަލެއް: ރުކުސާނާ އިސްމާއީލް

އިނގިރޭސިވިލާތުގެ ރޮދަރަމްގެ 120 ވަނަ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތް ރުހުސާނާ އިސްމާޢީލަކީ މުސްލިމެކެވެ. އެކަމަނާއަކީ 2021 ވަނަ އަހަރުން ފެށިގެން އެ ސިޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މޭޔަރ ރުހުސާނާއަކީ އެކަމަނާގެ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުހަނު އިސްކަންދެއްވާ، އެކަމަށް ހާއްސަ ޝައުގު ވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އެ ސަބަބަށްޓަކައި، މެޖިސްޓްރޭޓެއްގެ މަގާމު ފުރުއްވުމާއި، ރޮދަރަމް ސަރަހައްދުގެ "ސައުތު ޔޯކްޝަޔާ ކޮމިއުނިޓީ ފައުންޑޭޝަން ޕެނަލް" ގެ މުގައްރިރުކަން ކުރެއްވުން ފަދަ އިތުރު ގިނަ ޒިންމާތަކެއް އެކަމަނާ އަންނަނީ އުފުއްލަވަމުންނެވެ. މީގެ އިތުރުން، "ޔުނިސަން" ޝެފީލްޑް ގޯފީގެ ވައިސް ޗެއަރގެ މަގާމާއި، ރޮދަރަމް އޭޖް ޔޫކޭ، ރޮދަރަމް ހޮސްޕައިސް އަދި ސައުތު ޔޯކްޝަޔާ އީޓިންގ ޑިސްއޯޑާ އެސޯސިއޭޝަންގެ ޓްރަސްޓީއެއްގެ ގޮތުގައިވެސް އެކަމަނާ ހިދުމަތް ކުރައްވައެވެ. އަދި މުޖުތަމައުގެ އެކި ގްރޫޕްތަކާއި ޕެނަލްތަކުގައިވެސް އެކަމަނާ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ. 
ރޮދަރަމްގެ މޭޔަރ ރުހުސާނާ އިސްމާއީލް ވިދާޅުވަނީ މީގެ 10 ނުވަތަ 15 އަހަރު ކުރިން، އެކަމަނާއަކީ ކައުންސިލަރަކަށް، މެޖިސްޓްރޭޓަކަށް، ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ނުވަތަ މޭޔަރަކަށް ވެދާނެތޯ މީހަކު ސުވާލުކުރި ނަމަ، އެކަމަނާ ވިދާޅުވީހީ އެއީ ހުވަފެނެއް ކަމަށެވެ. އެ ކަމަނާއަށް އެ ހުރިހާ ކަމެއް ހާސިލު ކުރެވުމަށްފަހު ކޮންމެ މީހަކަށްވެސް މިކަން ކުރެވޭނެ ކަމަށް އެކަމަނާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މޭޔަރ ރުކުސާނާ ވިދާޅުވާ ގޮތުގައި ބޭނުންވަނީ ހަމައެކަނި އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވެނީ އެކަމަކަށް ބަހައްޓާ ފަރުވާތެރިކަމާއި ސާބިތުކަމުގެ ސަބަބުން ކަމަށް ރުކުޝާނާ ވިދާޅުވެއެވެ. ރުކުސާނާ ވިދާޅުވާ ގޮތުގައި މުޖުތަމައަށް ހިދުމަތް ކުރުމަކީ ހުރިހާ ކަމަކަށްވުރެ މާ މަތިވެރި އަދި މާނަވީ ކަމެކެވެ.
މުސްލިމް އަންހެނަކަށް އިނގިރޭސި ވިލާތުގެ ރޮދަރަމް ފަދަ ސިޓީއެއްގެ މޭޔަރުކަން ލިބުމަކީ އިބުރަތުން ފުރެގެންވާ ކަމެކެވެ. ރޮދަރަމްގެ އާބާދީގެ 91 އިންސައްތައަކީ ދޮން ނަސްލުގެ މީހުންނެވެ. 49 އިންސައްތައަކީ ނަސޯރާދީނުގެ މީހުންނެވެ. 40 އިންސައްތައަކީ އެއްވެސް ދީނަކަށް ތަބާނުވާ މީހުންނެވެ. ގާތްގަނޑަކަށް 90 އިންސައްތަ ގައިރު މުސްލިމު ސިޓީ އެއްގެ މޭޔަރަކަށް މުސްލިމު ކަނބަލަކު ހޮވީ އޮޅުމަކުން ނޫނެވެ.
ދީން އައްޑަނައަކަށް ހަދައިގެން މުސްލިމަކު މޭޔަރަކަށް ހުރެގެން އެމީހުންގެ އަގީދާ ފުށުން ޖަހާލަފާނެކަމަށް ބިރަކުން އެމީހުން ނޫޅެއެވެ. އިސްލާމު ދީނުގެ ރިވެތި އުސޫލުގެ މަތީގައި ގައިރު މުސްލިމު މުޖުތަމައެއްގައި އުޅެ ބޮޑުވެ ތައުލީމު ހާސިލްކޮށް މެޔަރކަމަ ހަމައަށް ރުކުސާނާ ވަޑައިގަތްއިރުވެސް އެކަމަނާގެ އަގީދާއާއި އިސްލަމީ ތަރުބިއްޔަތު އުނިވެގެން ނުދެއެވެ. 
ވަކި ބަޔަކު ވެރިކަމުގައި ނެތިއްޔާ ރާއްޖޭގައި އިސްލާމްދީން ނެތިގެން ހިނގައިދާނެ ކަމަށް ވެގެން ނަފްރަތު ފަތުރަމުންދާ އިލްމުވެރިންނޭ ކިޔައިގެން އުޅޭ މީހުންގެ ޖާހިލުކަން ގައިރު މުސްލިމުންނަށް ވުރެވެސް  ބޮޑީތާއެވެ. ސައްތައިން ސައްތަ މުސްލިމު ދިވެހި ރައްޔިތުންގެ އެތައް ބަޔަކު ހިމެނޭ ޕާޓީއަކަށް ނިސްބަތް ވުމުން ލާދީނީ ޓެގް އަޅުވައިގެން ދީނުގެ ނަމުގައި ވެރިކަމަށް އައިސް ވެރިކަމުގައި ތިބެ ހިޔާނާތާއި ދޮގާއި މަކަރާއި ރިބާގައި ތަތްތެޅޭ މީހުނަށް ރުކުސާނާއަކީ އިބުރަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ