ރޯދަވެރިން ސުވަރުގެއަށް ވަންނާނީ ޚާއްޞަ ދޮރުކޮޅަކުންނެވެ.

ސުވަރުގެއަކީ ތަޤުވާވެރިންނަށް ދެއްވުމަށް ﷲ ތައްޔާރުކުރައްވައިފައިވާ ދާއިމީ ގޮވައްޗެވެ. އެ ތަނުގައި އަށް ދޮރުކޮޅު ވެއެވެ. އޭގެތެރެއިން އެއް ދޮރުކޮޅަކީ ރޯދަ ހިފާ މީހުންނަށް ޚާއްޞަ ކުރައްވައިފައި ވާ ދޮރުކޮޅެކެވެ. އެ ދޮރުކޮޅުން ރޯދަވެރިންނޫން އެހެން އެއްވެސް ބަޔަކު ނުވަންނަ ހުށްޓެވެ. عَنْ ‏ ‏سَهْلٍ ‏ ‏رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ:‏ «‏إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ» (مُتَّفَقٌ عَلَيْهِ) މާނައީ: މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ސަހްލުބްނު ސަޢުދުގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ސުވަރުގޭގައި "އައްރައްޔާން"އެވެ ކިޔުނު ދޮރުކޮޅެއް ވެއެވެ. ޤިޔާމަތްދުވަހުން، ރޯދަވެރިން އެ ދޮރުކޮޅުން ސުވަރުގެ ވަންނަ ހުށްޓެވެ. އެބައިމީހުން ނޫން އެހެން އެއްވެސް މީހަކަށް އެ ދޮރުކޮޅުން ނުވަދެވޭ ހުށްޓެވެ. ބުނެވޭނެތެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ފަހެ، އެއުރެން (އެ ދޮރުކޮޅުން ވަނުމަށް ޓަކައި) ތެދުވާނެތެވެ. އެ ދޮރުކޮޅުން އެބައިމީހުން ނޫން އެހެން އެއްވެސް މީހަކު ނުވަންނާނެތެވެ. ފަހެ، އެބައިމީހުން އެންމެން ސުވަރުގެ ވަނުމުން، އެ ދޮރުކޮޅު ބަންދުކުރެވޭ ހުށްޓެވެ. އެ ނޫން އެއްވެސް މީހަކަށް، އެ ދޮރުކޮޅުން (ސުވަރުގެއަށް) ނުވަދެވޭ ހުއްޓެވެ." ރޯދަވެރިންނަށް މި ލިބެނީ ކިހާ މަތިވެރި ނިޢުމަތެއްތޯއެވެ؟ މިއީ އެ ދުވަހުން އެ މީހުންނަށް ލިބޭނެ ކިހާ ބޮޑު ޝަރަފެއްތޯއެވެ؟ މި ދުނިޔޭގައި ވެސް ގިނަ މީހުން ޖަމާވާ ތަންތަނުގައި ވަދެނުކުމެވާން ހުންނަ އާންމުދޮރު ނޫން، މަދު ބަޔަކަށް ޚާއްޞަކޮށްފައި ހުންނަ ވަކި ދޮރަކުން ވަދެވޭ މީހުންގެ ތެރެއިން ތިބާ ވެއްޖެއްޔާ، ވާނެ އުފަލާއި ކުރެވޭނޭ ޝަރަފުވެރި އިޙުސާސް ހިތްމައްޗަށް ގެނެސް ބަލާށެވެ. އެހެން މީހުންގެ ތެރެއިން ތިމާ އިޚްތިޔާރުވެގެން ވާ ވުމުގެ ސަބަބުން ލިބޭ ފަސޭހައާއި އުފުލޭ ޤަދަރުގެ މަތިކަމާމެދު ވިސްނައިލާފައި ބުނެބަލާށެވެ! ޤިޔާމަތް ދުވަހުން ހުރިހާ އިންސާނުންގެ ތެރެއިން އީމާންކަމުގެ އަހުލުވެރިން އިސްވެފައި އަދި އެމީހުންގެ ތެރެއިން ރޯދަހިފިމީހުން ޚާއްޞަވެގެން ވަކި ދޮރަކުން ވަންނަ ހިނދު އޭގެ މީހަކު ކަމުގައި ތިބާ ވުމަށް ނޭދޭނަމު ހެއްޔެވެ؟ މި ޝަރަފާއި ޤަދަރު ލިބޭނީ އެ ކަމަށް އެދި މަސައްކަތް ކުރުމުންނެވެ. ވާދަޖަހައި ކުރިއަރައި ދާންވީ އެ ކަމުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴾‏ ‎(آل عمران: ١٣٣)‏ މާނައީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ،ތަޤުވާވެރިންނަށެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ